Last Updated: May 17, 00:08
Thursday, May 16, 2024
ޚަބަރު ޝަރުއީ ދާއިރާ

އައްމަޓީ ޝަރީއަތް ނިމެންދެން ބަންދު ކުރަން ހައިކޯޓުން އަމުރުކޮށްފި

ހުޅުމާލޭގައި 3،000 ހައުސިން ޔުނިޓް އަޅަން ސީ ލައިފް ގްލޯބަލްއާ ހަވާލުކުރުމުން އެ ތަންތަން ވިއްކުމުގެ ނަމުގައި އެތައް ބައެއްގެ އަތުން ބުކިން ފީ ނެގުމަށް ފަހު، މަސައްކަތް ނުކޮށް ފިލައިގެން އުޅެނިކޮށް ރާއްޖެއިން ބޭރުން ހައްޔަރުކޮށް ގެނެސްފައިވާ ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަހުމަދު މޫސާ (އައްމަޓީ) ޝަރުތުތަކަކާ އެކު ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރި އަމުރު ބާތިލު ކޮށް ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ހައިކޯޓުން އަމުރުކޮށްފިއެވެ.

ޝަރުތުތަކަކާއެކު އައްމަޓީ ބަންދުން ދޫކޮށްލާފައިވަނީ ޖޫން 17 ވަނަ ދުވަހުއެވެ. އެ މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، މިއަދު ވަނީ އެ މައްސަލައިގައި ހުކުމް ކޮށްފައެވެ.

މިމައްސަލައިގައި ހައިކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ، ކްރިމިނަލް ކޯޓުގެ އަމުރު ބާތިލުކޮށް އަހުމަދު މޫސާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކުރާކަމަށެވެ.

ހައިކޯޓުގައި މި މައްސަލަ ބެއްލެވި ބެންޗްގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު ހުސައިން ޝަހީދުއެވެ. ދެން ބެންޗްގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު ފާތިމަތް ފަރުހީޒާ އަދި އިސްފަނޑިޔާރު ހާތިފް ހިލްމީއެވެ.

މި މައްސަލައިގައި ފަނޑިޔާރު ހުސައިން ޝަހީދުގެ ރައުޔުގައި ބުނެފައިވަނީ، މި މައްސަލައިގައި އައްމަޓީ ހެއްކަށް ނުފޫޒު ފޯރުވުމުގެ އިހްތިމާލު އޮތްކަމަށް ނުދެކޭކަމަށެވެ. އަދި އޭނާއަކީ މުޖުތަމައުއަށް ނުރައްކަލެއް ފޯރުވާފާނެ މީހެއްކަމަށްވެސް ނުދެކޭކަމަށެވެ. ފަނޑިޔާރު ޝަހީދުގެ މި ރައުޔަށް ދެންތިއްބެވި ދެ ފަނޑިޔާރުން ތާއީދު ކުރެއްވިއެވެ. ފަނޑިޔާރުންގެ މެދުގައި ރައުޔު ތަފާތު ވެފައިވަނީ އައްމަޓީ ޝަރީއަތަށް ފިލާފާނެ ކަމަށް ނުވަތަ ކޯޓަށް ހާޒިރުނުވެދާނެކަމަށް ދައުލަތުން ފާހަގަކުރި ނުކުތާގައެވެ.

އެގޮތުން ފަނޑިޔާރު ޝަހީދުގެ ރައުޔުގައި ވިދާޅުވެފައިވަނީ އައްމަޓީ ޝަރީއަތަށް ފިލާފާނެކަމަށް ނުވަތަ ކޯޓަށް ހާޒިރު ނުވެދާނެކަމަށް އަދި ބެލެވެން ނެތްކަމަށެވެ. އެހެންކަމުން ކްރިމިނަލް ކޯޓުން ޝަރުތުތަކަކާ އެކު އައްމަޓީ ބަންދުން ދޫކޮށްލުމަށް ކޮށްފައިވާ އަމުރަށް ބަދަލެއް ގެންނަންޖެހޭ ޝަރުއީ އަދި ޤާނޫނީ ސަބަބެއް ނެތްކަމަށެވެ.

މިކަމުގައި ފަނޑިޔާރު ފަރްހީޒާގެ ރައުޔުގައި ވިދާޅުވެފައިވަނީ އައްމަޓީގެ ޕާސްޕޯޓް ހިފަހައްޓާފައި އޮތްނަމަވެސް ގަވައިދާ ހިލާފަށް ފިލާފާނެ ކަމުގެ އިހްތިމާލު އޮތްކަމަށެވެ. އެހެންކަމުން ކްރިމިނަލް ކޯޓުގެ އަމުރު ބާތިލުކޮށް އޭނާ ބަންދުކުރުމަށް ފަނޑިޔާރު ފަރުހީޒާގެ ރައުޔުގައި ވިދާޅުވެފައިވެއެވެ. އެހެންނަމަވެސް އަހުމަދު މޫސާގެ ކަންކަން އިތުރަށް ބެލޭނެފަދަ ގޮތަށް އަދި ނުފިލޭނެކަން ކަށަވަރުކުރުމަށް އިތުރު ޝަރުތުތަކެއް ކުރުމަށްފަހު ބަންދަށް ލުޔެއް ދިނިމުގެ ފުރުސަތު ދަށުކޯޓުގައި މައްސަލަ ބައްލަވާ ފަނޑިޔާރަށް ލިބިގެންވާކަމަށް ރައުޔުގައިވެއެވެ.

މީގެ އިތުރުން އިސްފަނޑިޔާރު ހާތިފް ހިލްމީގެ ރައުޔުގައި މިކަމާ ގުޅޭގޮތުން ވިދާޅުވެފައިވަނީ، އަހުމަދު މޫސާ ފިލާފާނެކަމުގެ އިހުތިމާލު އޮތްކަމަށެވެ. އެހެންކަމުން ކްރިމިނަލް ކޯޓުން އޭނާ ބަންދުން ދޫކުރުމަށް ކޮށްފައިވާ އަމުރު ބާތިލުކޮށް ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ފަނޑިޔާރު ހާތިފް ހިލްމީގެ ރައުޔުގައިވެއެވެ.

މިމައްސަލައިގައި ހައިކޯޓުގެ ހުކުމް އިއްވަވަމުން ފަނޑިޔާރު ޝަހީދު ވިދާޅުވީ މި މައްސަލައިގައި އަހުމަދު މޫސާ ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ އަމުރު ބާތިލުކޮށް އޭނާ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ހުކުމް ކުރާކަމަށެވެ.

އައްމަޓީއަށް 42 ދައުވާއެއް އުފުލާފައިވޭ!

13 މާރިޗު 2014 ދުވަހު، ހައުސިންގ ޑިވަލޮޕްމެންޓް ކޯރޕަރޭޝަން (އެޗްޑީސީ) އާއި ސީ-ލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ހުޅުމާލޭގައި 3000 (ތިންހާސް) ހައުސިންގ ޔުނިޓް އެޅުމަށް، ސީ-ލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކުުރުމުން، އެ އެއްބަސްވުމުގައިވާ މުއްދަތުގައި ހައުސިންގ ޔުނިޓްތައް އެޅުމުގެ އަމަލީ މަސައްކަތް ފުރިހަމަނުކޮށް، މަކަރާއި ހީލަތުން އެކި މީހުން އަތުން ބޮޑެތި އަދަދުތަކުން ފައިސާ ނަގައި، އެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަަމަށް ތުހުމަތުކުރެވުނު މައްސަލައިގައި އައްމަޓީގެ މައްޗަށް ދައުވާ ކޮށްފައިވަނީ 30 މޭ ގައެވެ.

މި މައްސަލައިގައި އައްމަޓީގެ މައްޗަށް ވަނީ ހިޔާނާތްތެރިވުމުގެ ކުށުގެ 42 ދައުވާ ކޮށްފައިވެއެވެ.

ޕީޖީ އޮފީހުން ބުނެފައިވަނީ މި ކުށްތަކަށް ޤާނޫނުގައި ކަނޑައަޅާފައިވާ އަދަބަށް ބަލާއިރު، މި ދައުވާތައް ސާބިތުވެއްޖެނަމަ 65 އަހަރު ދުވަހުގެ ޖަލު އަދަބެއް ކަނޑައެޅޭނެކަމަށް ބެލެވޭކަމަށެވެ.