Last Updated: April 18, 18:15
Thursday, April 18, 2024
ރިޕޯޓް އެމްޑީޕީ

ރައީސް ނަަޝީީދަަށްް ރަައީީސްް ޔާމިން ރަނގަޅުވުން، ގޮތް ހުސްވީތަ؟

"ރައީސް ޔާމިން. ރާއްުޖޭގެ ރައްޔިތުނަށް ބުރިޖް އޯކޭ އޭ. މަނިކުފާނު، އޯކޭ ނުވަނީ ވައްކަން. އޯކޭ ނުވަނީ އ.ދ.ގެ ގާނޫނުތަކާއި އުސޫލުތަކާއި ހިލާފަށް ދިވެހި ދައުލަތުގެ ވަސީލަތްތަކާއި މުއްސަނދިކަން ބޭނުންކޮށްގެން ހިންގާ ނާޖާއިޒް ތެލުގެ ވައްކަން. ރައީސް ޔާމީން. ދިވެހިންނަށް ކަމު ނުދަނީ މަނިކުފާނުގެ އިނގުމާއި އިންތިޒާމާއި ބެލުމާއި އިރުޝާދުގެ ދަށުން ގިނަ އަދަދުގެ ކަޅުފައިސާ ދިވެހި ރާއްޖޭގެ މާލީ އިދާރާތަކުން މެދުވެރިކޮށް ދައުރުކުރުވައި މަނިކުފާނު ތިޔަ ހިންގަވާ ޖަރީމާ. ރައީސް ޔާމިން. ދިވެހިންނަށް ކަމުނުދަނީ ސަރުކާރު ހިންގަވާ ކުންފުނިތަކުން އެ ހިންގާ ކޮރަޕްޝަން. ހިންގާ ވައްކަން. ރައީސް ޔާމިން. ދިވެހިންނަށް ކަމު ނުދަނީ ޒަކާތު ފައިސާއިންވެސް އަދި ރޯދައަށް ލިބޭ ކަދުރުކޮޅުންވެސް ތިޔަ ނަންގަވާ ނާޖާއީޒް ފައިދާ. ތަރައްްގީއަކީ ބޮޑު ބިޔަ އިމާރާތެއްނޫން. އާއިލާގެ އާމްދަނީ އިތުރުވުން،" މިއީ 2018 ސެޕްޓެމްބަރ 10 ވަނަ ދުވަހު ރައީސް ޔާމީނާ ގުޅޭ ގޮތުން ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅެވެ. އެ ވާހަކަތައް އެމަނިކުފާނު ދެއްކެވި ވާހަކަފުޅަށް ތިން އަހަރު ނުވަނީސް އަދި ދެން ވިދާޅުވީ މިހެންނެވެ.

ރައީސް ނަޝީދުގެ ޖޯޝުން ފުރިފައިވާ އެ ވާހަކަތަކުން ހިތްވަރު ހޯދައިގެން އެތައް ރައްޔިތަކު މަގުމައްޗަށް ނިކުމެ ރައީސް ޔާމިނާ ދެކޮޅަށް ނިކުމެ މަސައްކަތްކުރި އެވެ. އޭގެ ޝަޒާއެއްގެ ގޮތުން ލިބުނު އަނިޔާތަކަށް އިންސާުފު ނުލިބޭ އާއްމު އެތައް މެމްބަރުންނެތް އެމްޑީޕީގައި މިއަދުވެސް އެބަ ތިބި އެވެ.

އެހެން ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެރިކަން ލިބި ދައުރު ދެބައިވިތަނުން ރައީސް ނަޝީދު މި ވަނީ ރައީސް ސޯލިހާމެދު ހިތްހަމަނުޖެހުން އޮތްކަން ފާޅުކުރައްވާފައި އެވެ. އެތައް މަސައްކަތަކުން ގެނައި ވެރިކަމާ ދެކޮޅަށް ހަމަ އެކަނި ތެދުވަޑައިގެންނެވީކީ ވެސް ނޫނެވެ. ރައީސް ޔާމިނަކީ "ވަގެއް" ކަމަށާއި "ޑިކެޑޭޓަރެއް" ކަމަށް ތަކުރާރުކޮށް ވިދާޅުވި ރައީސް ނަޝީދު، ރައީސް ޔާމިނާއެކު ސިޔާސީ މަސައްކަތައް ނިކުންނަވަން ބޭނުންފުޅުވާ ކަމަށް ވެސް އިއުލާން ކުރެއްވީ އެވެ.

ރައީސް ޔާމިނާއެކު ސިޔާސީ މަސައްކަތްކުރައްވަން ރައީސް ނަޝީދު ޝައުގުވެރިކަން ފާޅުކުރެއްވީ އެމަނިކުފާނުގެ ޒަމާންވީ ރަހްމަތްތެރިޔާ، ރައީސް ސޯލިހާއެކު މަސައްކަތް ކުރައްވަން ބޭނުންފުޅުނުވާ ކަމަށް ވިދާޅުވެ އެވެ. "ދުވަހަކު ވެރިކަން ނުހޯދުނަސް މި ވެރިންނާއެކު އުޅެން ބޭނުން ނުވާ" ކަމަށް ވިދާޅުވެ ރައީސް ސޯލިހަށް ނުރުހުމުގެ ބަސް ރައްދު ކުރައްވަމުންނެވެ. ސުވާލަކީ އެވަރުގެ ކަމެއް ހިނގައިފި ހެއްޔެވެ. ރައީސް ސޯލިހު ދޫކޮށްލައްވާ ރައީސް ޔާމިނާއެކު ސިޔާސީ މަސައްކަތްކަތް ކުރައްވަން ރައީސް ނަޝީދު ބޭނުންފުޅުވީ ރައީސް ނަޝީދަށް "ގޮތް ހުސްވީ"ތޯ އެވެ.

ދައުރު މެދުތެރެއިން ނިޒާމް ބަދަލު ކުރަން ރައީސް ސޯލިހް އެއްބަސްވެވަޑައިނުގަތުން

ރައީސް ނަޝީދު 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ޕްރައިމަރީއަށް ކުރިމަތިނުލެއްވީ އެމަނިކުފާނުގެ ޝައުގުވެރިކަން ނެތިގެނެއް ނޫނެވެ. ޖިނާއީ ހުކުމެއްގައި ހުންނެވުމުން ގާނޫނު ހުއްދަ ނުކުރީ އެވެ. އެހެން ކަމުން ރައީސް ސޯލިހް ވެރިކަމަށް ގެނައުމަށް ރައީސް ނަޝީދު މަސައްކަތް ކުރެއްވީ ދައުުރުމެދު ތެރެއިން އިންތިހާބެއް ބާއްވަން އެތެރެ އެތެރެއިން އެއްބަސްވެގެން ކަމަށް ވާހަކަދެކެވެ އެވެ. އެހެން ނަމަވެސް ދައުރު ދެބައިވިއިރު ވެސް ވެރިކަމުގެ ނިޒާމް ބަދަލުކުރުމުގެ ވާހަކަ ރައީސް ސޯލިހް ނުދެއްކެވުމުން އެ ޝައުގުވެރިކަން އަމިއްލަފުޅަށް ރައީސް ނަޝީދު ފާޅުކުރެއްވީ އެވެ. މި މިދިޔަ އޭޕްރިލް މަހު 19 ވަނަ ދުވަހު ރައީސް ނަޝީދު ވަނީ އެމަނިކުފާނު ބޮޑުވަޒީރަކަށް ވެވަޑައިގަންވާން ބޭނުންފުޅުވާކަން ސާފުކޮށް ސާދަކޮށް ރައީސް ސޯލިހަށް ދަންނަވާފައި އެވެ.

ކެބިނެޓުގެ ބައެއް ވަޒީރުންނަށާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނަށް ރައީސް ނަޝީދު ފޮނުއްވި މެސެޖެއްގައި އެމަނިކުފާނު ވިދާޅުވެފައިވަނީ އެއް ފަރާތްވެ ހުންނަވަން ބޭނުންފުޅު ނުވާކަމަށާއި އޭގެ ބަދަލުގައި ބޭނުންފުޅުވަނީ ނިޒާމު ބަދަލުކުރައްވައި ބޮޑުވަޒީރަކަށް ވެވަޑައިގަންނަވަން ކަމަށެވެ. އަދި އެކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވަން ބޭނުންފުޅުވާ ކަމަށްވެސް ރައީސަށް ދެންނެވި އެވެ.

އެހެން ނަމަވެސް ރައީސް ސޯލިހްގެ ފަރާތްޕުޅުން އެކަމަށް މާބޮޑު ތަރުހީބެއް ލިބިވަޑައިގަތްތަނެއް ނުފެނެ އެވެ. އަދި އެކަމާ ގުޅޭ ގޮތުން ދެ ރައީސުންގެ މަޝްވަރާއެއް މިހާތަނަށް ވެސް ކުރެއްވުނުކަން އެނގޭކަށް ނެތެވެ. އޭގެ ބަދަލުގައި ނޫސްވެރިން އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުންވެސް ވިދާޅުވީ މަސައްކަތް ކުރައްވަނީ ރިޔާސީ ވައުދުތައް ފުއްދެއްވުމަށް ކަމަށެވެ. ރައީސް ސޯލިހާއެކު ސިޔާސީ މަސައްކަތް ކުރެވެން ނެތްކަމަށް ރައީސް ނަޝީދު ވިދާޅުވެފައި މި ވަނީ ބޮޑުވަޒީރަކަށް ވެވަޑައިގަތުމަށް ބޭނުންފުޅުވެލައްވާކަން ރައީސަށް ސޯލިހަށް ދެންނެވިތާ ގާތްގަނޑަކަށް ތިން މަސް ފަހުންނެވެ.

"ރިޔާސީ ކެންޑިޑޭޓަކީ ރައީސް ސޯލިހް ކަމަށް އޭރު (2018 ވަނަ އަހަރު) ނިންމި ނިންމުމާއެކު އޭރު ރާއްޖެއިން ބޭރުގައި ހުންނަވައިގެން ރައީސް ނަޝީދު ދެއްކެވި ވާހަކައިގައި ދައުުރު މެދުތެރެއިން ވެރިކަމުގެ ނިޒާމް ބަދަލު ކުރުމަށް ދެެއްވި ހިޔާލަށް  ރައީސް ސޯލިހް ޖަވާބެއް އޭރު ވެސް ނުދެއްވުމުން މި މައްސަލަތައް މި ޖެހެނީ" ރައީސް ނަޝީދާއި ރައީސް ސޯލިހާ އޮތް މައްސަލައިގެ ސަބަބެއް ކަމަށް އއ.އަތޮޅު ކައުންސިލްގެ ރައީސް ހުސެއިން އަރުސަލާން ދެކުނީ މިހެންނެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ތާއީދު ރައީސް ސޯލިހަށް

ރައީސް ޔާމިންގެ އެހީތެރިކަމަށް ރައީސް ނަޝީދު ބޭނުންފުޅުވި އަނެއް ސަބަބަކީ އެމަނިކުފާނަށް ރައްޔިތުންގެ މަޖިލިސް ތެެރެއިން އެމްޑީޕީ މެމްބަރުން ތާއިދު ބޭނުންފުޅުވި ވަރަށް ނުލިބުމުން ކަމަށް ބެލެވެ އެވެ. އެމްޑީޕީގެ ސުޕަރމެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކުން ވެސް ފެންނަނީ ރައީސް ނަޝީދަށް ވުރެ ރައީސް ސޯލިހަށް ތާއީދު ބޮޑުވިތަނެވެ. ރައީސް ނަޝީދު އަރިސް މެންބަރެއްގެ ގޮތުގައި ފާހަގަ ކުރެވޭ ބިލެތްދޫ ދާއިރާގެ މެންބަރު، މުހައްމަދު ހަލީލް (ދޮންބިލެތް) ވަނީ އެ މާޔޫސްކަން އާއްމު މެމްބަރުންނާ ހިއްސާކޮށްފައި އެވެ. އޭނާ ވިދާޅުވި ގޮތުން ރައީސް ނަޝީދު ބޭނުންފުޅުވާ ގޮތައް މަސައްކަތްކުރައްވަން ރައްޔިތުންގެ މަޖިލިސްް ތެރޭގައި އެމްޑީޕީއަށް ނިސްބަތްވާ 65 މެމްބަރުންގެ ތެރެއިން ތިއްބެވީ 16 މެމްބަރުންނެވެ. އެހެން ކަމުން ނިޒާމް ބަދަލުކުރުމުގެ ވޯޓަކަށް ދާން ފާސްކުރެވެން އޮތީވެސް މަޖިލިސް މެމްބަރުންތަކެއްގެ ތާއީދު އެމަނިކުފާނަށް ލިބިގެންނެވެ.

ރިޔާސީ ޕްރައިމަރީން ރައީސް ސޯލިހް މޮޅުވާނެ ކަމަށް ގަބޫލުފުޅުކުރެއްވުން

ރައީސް ނަޝީދު، ރައީސް ސޯލިހާއެކު މަސައްކަތް ކުރައްވަން ބޭނުންފުޅުނުވާ ކަމަށް ވިދާޅުވި އެހެން ސަބަބެއް ކަމަށް ބައެއް މީހުން ދެކެނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން އެމަނިކުފާނު މޮޅުނުވާނެ ކަމަށް އަމިއްލަފުޅަށް ގަބޫލު ކުރެއްވޭތީ އެވެ.

އެމްޑީޕީގެ އެންމެ އިސް ލީޑަރު، ރައީސް ސޯލިހަށް ދެ ވަނަ ދައުރެއް ދިނުމަށް މި ސަރުކާރުގެ ކެބިނެޓްގައި ތިއްބެވި އެމްޑީޕީގެ ގިނަ ވަޒީރުން ބޭނުންފުޅުވާނެ ކަމަށް ސިޔާސީ މާހިރުންދެކެ އެވެ. އެހެންވެއްޖެ ނަމަ އެމްޑީޕީގެ ޕްރައިމަރީއަށް ރައީސް ސޯލިހް ނިކުންވާނީ ވަރުގަދަ ޓީމަކާއެކު އެވެ. މިނިސްޓަރު ފައްޔާޒު އިސްމާއީލް އާއި މިނިސްޓަރު އަބްދުﷲ ޝާހިދާއި މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އާއި މިނިސްޓަރު އިބްރާހިމް އަމީރު ފަދަ ބޭފުޅުން ތިއްބަވާނީ މިހާރެކޭ އެއްގޮތައް ރައީސް ސޯލިހާއެކު ކަމަށްބެލެވެ އެވެ. އަދި ރައްޔިތުންގެ މަޖިލިސް މެމްބަރުންނާއި ސަރުކާރުގެ ކުންފުނިތަކުގެ އިސްވެރިންނާއި ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން މަގާމުގައި ތިއްބަވައިގެން އެެހެން ކެންޑިޑޭޓަކަށް ޕްރަމަރީގައި ތާއީދު ކުރާނެ ކަމަކަށް ނުބެލެވެ އެެވެ.

އެހެން ކަމުން ރައީސް ނަޝީދަށް ރައީސް ސޯލިހަށް ވުރެ ރައީސް ނަޝީދުވެސް މި ވަގުތު ކަމުދިޔައީ މި ސަބަބުތަކާ އެކު ކަމަށް ވުމަމީ އެކަށީގެންވާ ކަމެއް ކަމަށް ސިޔާސީ މަޝްރަހް ދިރާސާ ކުރައްވާ ފަރާތްތަކުންދެކެ އެވެ.