Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު އައްޑޫ

އައްޑޫސިޓީގެ މަގުތައް ހެދުމުގެ ބިޔަ މަޝްރޫއު: ހުޅުމީދޫގެ ސާރވޭ ނިމިއްޖެ

އައްޑޫ ސިޓީ ހުޅުދޫ ބޮޑު މަގު:

އައްޑޫ ސިޓީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ހިންގާ ބިޔަ މަޝްރޫއުގެ ދަށުން އެ ސިޓީގެ ހުޅުދޫ އާއި މީދޫގައި ހަދާ މަގުތަކުގެ ސާރވޭގެ މަސައްކަތް ނިމިއްޖެ އެވެ.

އައްޑޫ ސިޓީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ހިންގާ މަޝްރޫއުގެ ދަށުން ހުޅުދޫ އާއީ މީދޫގައި ސާރވޭގެ މަސައްކަތް ފެށީ މިދިޔަ މަހުގައި އެވެ. އައްޑޫ ސިޓީ ކައުންސިލުން މައުލޫމާތު ދޭ ގޮތުގައި އެ މަސައްކަތް މި ހަފްތާގައި ވަނީ ނިމިގައި އެވެ. އެހެން ނަމަވެސް އައްޑޫ ސިޓީގެ އެހެން އަވަށްތަކުގައި އަދިވެސް މަސައްކަތްކުރިއަށް އެބަ ދެ އެވެ.

އިންޑިއަން އެގްޒިމް ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން އައްޑޫ ސިޓީގެ ފެން ހިންދުމުގެ ނިޒާމު ޤާއިމުކުރުމާއި، މަގު ހެދުމުގެ މަޝްރޫޢު ހަވާލުކޮށްފައިވަނީ އެފްކޯންސް އިންފްރާސްޓްރަކްޗާ ލިމިޓެޑާ އެވެ. 1.1 ބިލިއަން ރުފިޔާގެ މި މަޝްރޫއު ޕްލޭނިން މިނިސްޓްރީން އެފްކޯންސްއާ ހަވާލުކުރީ މި އަހަރުގެ ފެބްރުއަރީ މަހު 21 ވަނަ ދުވަހު އެެވެ.

އައްޑޫގެ މަގުހެދުމުގެ މަޝްރޫއު ހިންގާ އެފްކޯންސް އިންފްރާސްޓްރަކްޗާ ލިމިޓެޑާ ހުޅުދޫ އާއި މީދޫގެ ކައުންސިލަރު ބައްދަލު ކުރައްވަނީ

އެ މަޝްރޫއުގެ ދަށުން އައްޑޫ ސިޓީގެ ހުޅުދޫ އާއި މީދޫގެ އިތުރުން ހިތަދޫ، މަރަދޫ، މަރަދޫފޭދޫ ގައިވެސް ފެން ހިންދާ ނިޒާމު ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި އެ ނިޒާމުގެ ޖުމްލަ ދިގުމިނުގައި 103 ކިލޯމީޓަރު ހުންނާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ވަނީ ބުނެފައި އެވެ.

މި މަޝްރޫއުގެ ދަށުން އައްޑޫ ސިޓީގެ ހުރިހާ ރަށެއް ހިމެނޭ ގޮތަށް ޖުމްލަ 40 ކިލޯމީޓަރުގެ މަގުގައި ތާރު އެޅުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. އަދި ފެން ހިންދާ ނިޒާމުގެ ތެރެއަށް ވެލި އެޅި ދިމާވެދާނެ މައްސަލަތަކުން ރައްކާތެރި ކުރުމަށް ގާތްގަނޑަކަށް 60 ކިލޯމީޓަރު މަގުތަކުގައި ސިމެންތި ސްޓެބިލައިޒްޑް ބޭސް (ސީއެސްބީ) ލޭޔަރު އަޅާނެ އެވެ.

މީގެއިތުރުން އައްޑޫ ސިޓީ ހަންކެޑެ ހިމެނޭ ސަރަޙައްދުގައި މިހާރު ބޭނުންކުރަމުންދާ ލިންކްރޯޑުގެ ހުޅަނގުން ހަންކެޑެއަށް ނާރާ ގޮތަށް ހިތަދޫ ގައުކެޑި އާއި މަރަދޫ ގުޅާލުމަށްޓަކައި ބުރިޖު ހިމެނޭ ގޮތަށް 1.463 ކިލޯމީޓަރުގެ ހަތަރު ލޭންގެ ޑީޓުއަރ ލިންކް ރޯޑެއްވެސް މި މަޝްރޫޢުގެ ދަށުން ޤާއިމުކުރެވިގެންދާނެއެވެ.

އައްޑޫ ސިޓީގައި މިހާރު ތާރު އަޅާފައިވާ މަގުތަކުގެެ ތެރެއިން 3.4 ކިލޯމީޓަރު މަގުގެ ރީސާފޭސިންގެ މަސައްކަތް ވެސް މި އެއްބަސްވުމުގެ ދަށުން ކުރާނެ އެވެ. އަދި މަގުތަކުގައި މަގުބައްތި ޖެހުމާއި ސީސީޓީވީ ކެމެރާ އަދި އެހެނިހެން ޓްރެފިކް ރައްކާތެރިކުރުމުގެ ފިޔަވަޅުތައް ވެސް ގާއިމް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.