Last Updated: April 19, 19:29
Friday, April 19, 2024
ޚަބަރު ރައީސް އޮފީސް

ބޮޑު ތިލަދުންމަތީގައި ރައީސްގެ އަރިހުގައި ބޮޑުންގެ ވަފްދެއް، ބޮޑު މަންޒަރު ދައްކާލީތަ؟

ރައީސް ކުޅުދުއްފުށީ ސިޓީައި:-އެމަނިކުފާނު އަރިހުގައި ސަރުކާރުގެ ބޮޑުންގެ ޓީމެއް ހިމެނޭ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބޮޑު ތިލަދުން މައްޗަށް ކުރައްވާ ދަތުރުފުޅާއެކު އަރިމަތިން ފާހަގަކޮށްލެވޭ އެހެން ކަމެއް އެބަ އޮތެވެ. އެއީ ރައީސްގެ އަރިހުގައި ސަރުކާރުގެ ނުފޫޒު ގަދަ ބޮޑުންގެ ޓީމެއް އެބަ ބައިވެރިވެ އެވެ.

ރައީސް ސޯލިހާއެކު މި ދަތުރުފުޅުގައި އެންމެ ބޮޑަށް ފާހަގަ ކުރެވެނީ ފަސްޓްލޭޑީ ފަޒްނާ އަހްމަދެވެ. އެހެން ނަމަވެސް މަންޒަރުން ބޭރުން ބަލާލާއިރު އެމަނިކުފާނާ އެކު ހަތަރު ވަޒީރަކު ބައިވެރިވެވަޑައިގަންނަވަ އެވެ. އޭގެ ތެރޭގައި ހިމެނެނީ އެމްޑީޕީއަށް ނިސްބަތްވާ އަދި ސަރުކާރުގެ ބޮޑެތި ވުޒާރާތަކުގެ ވަޒީރުންނެވެ.

ހދ.ގެ ތިން ރަށަކަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އިކްނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް އާއި ފޮރިން މިނިސްޓަރާއި އަބްދުﷲ ޝާހިދު އާއި ހެލްތް މިނިސްޓަރު އަހްމަދު ނަސީމާއި އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ބައިވެރިވަޑައިގަންނަވަ އެވެ. މީގެ އިތުރުން ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ހިމެނިވަޑައިގަންނަވާއިރު ބޮޑު ތިލަދުންމައްޗަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެސް މި ދަތުރުފުޅުގައި ރައީސް އަރުހިގައި ބައިވެރިވަޑައިގަންނަވަ އެވެ.

ރައީސް ނަޝީދަށް ދެއްވި ރައްދެއް؟!

ރައީސްގެ މި ދަތުރުފުޅަކީ ސިޔާސީ ހަލަބޮލި ދުވަސްވަރެއްގައި ކުރެއްވި ދަތުރުފުޅެކެވެ. އެތެރެއިންނާއި ބޭރުން އެމަނިކުފާނަށާއި ސަރުކާރަށް ބަހުގެ ހަމަލާތައް ދެމުންދާ މި ދުވަސްވަރު އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވަނީ އެމަނިކުފާނުގެ ޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުންނެވެ. ރައީސް ނަޝީދުގެ އިތުރުން އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް އެމަނިކުފާނުގެ އިސްތިއުފާނުގެ އިސްތިއުފާއަށްވެސް ގޮވައިފި އެވެ. ދެ އަހަރު ފަހުން ބާއްވާ ރިޔާސީ އިންތިހާބުގެ އެމްޑީޕީގެ ޓިކެޓަށް ވާދަ ކުރައްވާނެކަމަށް މިހާރު އިއުލާން ކުރައްވާފައިވާ ރައީސް ނަޝީދަށް ރައީސް ސޯލިހް ބަހުގެ ރައްދެއް ނުދައްވަ އެވެ. އޭގެ ބަދަލުގައި މި ފެނުނީ އެމްޑީޕީއަށް ނިސްބަތްވާ ވަރުގަދަ ޓީމަކާއެކު އަތޮޅުތެރެއަށް ފެއްޓެވި ދަތުރުފުޅެވެ.


ރައީސްގެ އަރިހުގައި ބައިވެރިވަޑައިގަންނަވާ މި ޓީމު ފެންނައިރު މިއީ އެމަނިކުފާނުގެ އެތެރޭގެ ކެމްޕެއިން ދަތުރެއްހެންވެސް ހީވެ އެވެ. ރައީސް ސޯލިހާއެކު މަސައްކަތް ކުރެއްވެން ނެތް ކަމަށް ވިދާޅުވެ އެމްޑީޕީގެ ރައީސް ފެޔަކަށް ޖެހިވަޑައިގެންފައިވާ މި ދަނޑިވަޅު ރައީސް ސޯލިހާއެކު އެމްޑީޕީގެ މަގުބޫލު ބޭފުޅުންތަކަކާއެކު ކުރެއްވި މި ދަތުރުޅުގެ ފަހަތުގައި ފޮރުވިފައިވާ ސިއްރެއް އޮވެދާނެ ހެއްޔެވެ. ސަރުކާރު އޮތީ ވަރުގަދަކޮށް، ކަމާއި އެމްޑީޕީއަށް ނިސްބަތްވާ ވަޒީރުން ތިއްބެވީ ރައީސް ސޯލިހާއެކު ސާބިތުވެ ކަން މި ދަތުރުފުޅުގެ މަންޒަރުތަކުން ދައްކަން ބޭނުންވެދާނެ ހެއްޔެ އެވެ. މިއީ ރައީސް ނަޝީދު ދައްކަވާ ވާހަކަފުޅަށް ރައީސް ސޯލިހު ދެއްވި ރައްދަކަށް ނުވާނެ ހެއްޔެ އެވެ. ނޫނީ މިއީ ބޮޑުތިލަދުން މަތިން އެމަނިކުފާނުގެ ދެކޮޅުވެރިންނަށް ދިން ބޮޑު ރައްދަކަށް ނުވެދާނެ ހެއްޔެ އެވެ.

ބޭނުމަކީ މައްސަލަތަކަށް އަވަސް ހައްލެއް ގެނެސް ވައުދުތައް ފުއްދުން

ރައީސް ސޯލިހް ވިދާޅުވެފައިވަނީ އެމަނިކުފާނު އެންމެ ބޮޑު އިސްކަމެއް ދެއްވަނީ އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުތައް ފުއްދެވުމަށް ކަމަށެވެ. މިދިޔަ ރިޔާސީ އިންތިހާބުގައި ފުނިފުންޏަށް ރަށްރަށަށް އޮއްސާލި ވައުދު ފުނިތަކުގެ މަތިިން އެމަނިކުފާނު ހަނދުމަނައްތާލަން ބޭނުންފުޅުނުވާ ކަމަށް އެ ވާހަކަތަކުން ދޭހަވެ އެވެ. އެހެން ކަމުން ރައީސް އަރިހުގައި ސަރުކާރުގެ އެންމެ ނުފޫޒުގަދަ އަދި ބޮޑެތި ވުޒާރާތަކުގެ ވަޒީރުން ބައިވެރިވަޑައިގަތުމުން މިއީ ސީރިއަސް އަދި މައްސަލަތައް ހައްލު ކުރެއްވުމަށް ކުރައްވާ މުހިންމު ދަތުރެއްކަމަށް ނުބެލެވޭ ހެއްޔެ އެވެ. އެމަނިކުފާނު މި ދަތުރުފުޅުގައި އެންމެ ފުރަތަމަވެސް ކުޅުދުއްފުށީ ސިޓީއަށް ވަޑައިގެން ޒިޔާރަތްކުރެއްވީ ކުޅުދުއްފުށީގައި ހުރި އަތޮޅު ހޮސްޕިޓަލަށެވެ. ޓާރސަރީ ފެންވަރަށް ތަރައްގީކުރާ އެ ހޮސްޕިޓަލުގެ މަސައްކަތުގެ އެންމެ ފަހުގެ އަޕްޑޭޓް އެމަނިކުފާނު އޮޅުންފިލުއްވި އެވެ.


ހެލްތް މިނިސްޓަރް ހިމެނޭ މި ވަފުދުގެ ހާޒިރުގައި ހޮސްޕިޓަލަށް އިތުރަށް ބޭނުންވާ ކަންކަން ރައީސަށް ހުށައެޅުމަށް އެ ސިޓީގެ މޭޔަރަށާއި ހޮސްޕިޓަލުގެ ވެރިންނަށް މި ދަތުރުފުޅުން ލިބިއްޖެ އެވެ. އޭގެ އިތުރުންވެސް އެހެނިހެން ދާއިރާތަކުގެ ހުރި މައްސަލަތަކަށް ވަގުތުން ޖަވާބެއް ދެއްވޭނެ މި ޓީމަކާއެކު އެމަނިކުފާނު ވަނީ ހދ.ހުރިހާ ރަށްތަކެއްގެ ރައީސުން ހިމެނޭ ހދ.އަތޮޅު ކައުންސިލަރުންނާވެސް ބައްދަލު ކުރައްވާފައި އެވެ.


އެޑިއުކޭޝަން މިނިސްޓަރާއި ފަސްޑްލޭޑީ ފަޒްނާ ހިމެނޭ ގޮތައް ކުޅުދުއްފުށީ ސިޓީގައި ހުންނަ ފެމިލީ އެންޑް ޗިލްޑްރަން ސެންޑަރަށް ޒިޔާރަތްކުރައްވާ އެތަނުގެ އެތަނުގެ ހާލަތު ބައްލަވާލައްވާފައި އެވެ. އަދި އައްޑޫ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާ އެކަމަނާ ބައްދަލު ކުރެއްވި އެވެ. އެހެން ކަމުން ދެން ވަޑައިގަންނަވާ ރަށްތަކުގައިވެސް މި ބައްދަލުވުންތައް ދާނީ މިގޮތައް ކަމަށް ބެލެވެ އެވެ.
މީގެ އިތުރުން އައްޑޫ ސިޓީގައި ހުންނަ ހދ.އަތޮޅު ތައުލީމީ މަރުކަޒާއި ޖަލާލުއްދީން ސްކޫލާއި އަދި އަފީފުއްދީން ސްކޫލްގެ އިސްވެެރިންނާއި ރައީސުލް ޖުމްހޫރިއްޔާ ބައްދަލު ކުރެވިއިރު އެ ބޭފުޅުންގެ ސުވާލުތަކަށް ވަގުތުން ޖަވާބު ދެއްވަމުން ގެންދެވީ އެޑިއުކޭޝަން މިނިސްޓަރެވެ.


އެހެން ކަމުން ސަރުކާރުގެ ވަޒީންގެ ވަރުގަދަ ޓީމަކާއެކު ކުރައްވަމުން މިގެންދަވާ ދަތުރުފުޅުން ބޮޑު ތިލަންދުންމަތީގެ ތަރައްގީއަށް ބޮޑެތި ކުރިއެރުންތަކެއް ލިބުމަކީ ވެދާނެ ކަމެއް ހެއްޔެވެ. އަދި ސަރުކާރުގެ ހަމަ އެކަނި ބޭނުމަކީ ބޮޑުތިލަދުންމަތީގެ މަޝްރޫއުތައް އަވަސްކޮށް ކާމިޔާބު ކުރުން ކަމަށް ވެދާނެ ހެއްޔެ އެވެ.