Last Updated: May 16, 20:35
Thursday, May 16, 2024
ޚަބަރު ޝަރުއީ ދާއިރާ

ހަރުކަށި ފިކުރު: ހައިޝަމް ބަންދުކުރަން ހިތަދޫ ކޯޓުން ކުރި އަމުރަށް ހައިކޯޓުން ތާއީދުކޮށްފި

ހައިކޯޓުގެ ޝަރީއަތް ކުރާ މަޖިލީހެއް--

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާއަށްފަހު ހަރުކަށިފިކުރާ ދެކޮޅަށް ފުލުހުން ކުރިއަށްގެންދިޔަ އޮޕަރޭޝަންގައި އައްޑޫސިޓީން ހައްޔަރުކުރި އަބްދުﷲ ހައިޝަމް، ސައީދާމަންޒިލު / ސ. މީދޫ ބަންދުކުރުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ކުރި އަމުރަށް ހައިކޯޓުން ތާއީދު ކޮށްފިއެވެ.

އައްޑޫސިޓީގައި ވަކި ޖަމާއަތެއްގެ ގޮތުގައ ހަރުކަށި ފިކުރު ފެތުރުމަށްޓަކައި ޓެރަރިޒަމްގެ އަމަލުތަކަށް ހިތްވަރުދީ އައި.އީ.ޑީ ހެދުމަށް ބޭނުންކުރާ ތަކެތި ރައްކާކޮށްގެން ގެންގުޅެ، އެ ތަކެތި ބޭނުންކޮށްގެން ބަޔަކަށް ނުވަތަ ބައެއްގެ މުދަލަށް ގެއްލުމެއް ދީފާނެކަމަށް ތުހުމަތުގައި ހައިޝަމް ހައްޔަރުކުރި އިރު، އޭނާގެ އިތުރުން އެ މައްސަލައިގައި އިތުރުބަޔަކުވެސް ހައްޔަރުކޮށްފައިވެއެވެ.

ހައިޝަމްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވަނީ މީގެކުރިން މި މައްސަލައިގައި ހައިކޯޓުން ކުރިން ކުރި އަމުރާ ގުޅިގެން 15 ޖޫންގައި ހައިޝަމް އަދި މިމައްސަލައިގައި ދެން ހިމެނޭ މީހުން ބަންދުކޮށް، އޭގެފަހުން ޝަރީއަތް ނިމެންދެން ހައިޝަމް ބަންދުގައި ބެހެއްޓުމަށް ފުލުހުން އެދުމުން ހިތަދޫ މެޖިސްޓްރޭޓް ކޯޓުން، 30 ޖޫން އިން ފެށިގެން 20 ޖުލައިގެ ނިޔަލަށް ހައިޝަމް ބަންދުގައި ބެހެއްޓުމަށް އަމުރުކުރުމުންނެވެ.

ހައިޝަމް އެންމެފަހުން ބަންދުގައި ބެހެއްޓުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ކޮށްފައިވާ އަމުރުގައި ބުނެފައިވަނީ ހައިޝަމްގެ ފަރާތުން މުޖުތަމައުގެ ސަލާމަތާ އަމާންކަމަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފެންނަކަމަށެވެ. ހައިޝަމްގެ ފަރާތުން މި އަމުރާ ގުޅިގެން ހައިކޯޓުގައި ފާހަގަކޮށްފައިވަނީ ދެ ނުކުތާއެެކެވެ.

މި މައްސަލައިގައި ހައިކޯޓުން ބުނެފައިވަނީ ފުލުހުން ހުށަހަޅާފައިވާ އިންޓެލިޖެންސް ރިޕޯޓަށާއި ޕްރިލިމިނަރީ މޮބައިލް ފޮރެންސިކް ރިޕޯޓަށް ބަލާއިރު ހައިޝަމްގެ މައްޗަށް ތުހުމަތުކޮށްފައިވާ ކުށްތައް އޭނާ ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް އެކަށީގެންވާ ހެކި ހުރިކަމަށެވެ. އަދި މިމައްސަލައިގައި ހައިޝަމް ހުށަހަޅާފައިވާ ސިއްހީ ލިޔުންތަކަށް ބަލާއިރު، ހައިޝަމްގެ ސިއްހީ ހާލަތަކީ އޭނާ ބަންދުގައި ހެރެއްޖެނަމަ އޭނާގެ ފުރާނައަށް ނުވަތަ އޭނާއަށް ސިއްހީ ބޮޑު ގެއްލުމެއް ލިބިދާނެފަދަ ސިއްހީ ހާލަތެއް ނޫންކަމަށެވެ. އަދި ހައިޝަމަށް ލިބެންޖެހޭ ސިއްހީ ފަރުވާ ދައުލަތުން ފޯރުކޮށްދޭކަމަށެވެ.

އެހެންކަމުން ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ހައިޝަމް ބަންދުކުރުމަށް ކޮށްފައިވާ އަމުރަކީ ސައްހަ އަމުރެއްކަމަށް މިމައްސަލަ ހައިކޯޓުގައި ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅުއްވާ ހުކުމް ކުރައްވާފައިވެއެވެ.

ހައިކޯޓުގައި މި މައްސަލަ ބައްލަވާފައިވަނީ އިސްފަނޑިޔާރު ހާތިފް ހިލްމީ، ފަނޑިޔާރު ހުސައިން މަޒީދު އަދި ފަނޑިޔާރު ފާތިމަތު ފަރްހީޒާއެވެ.

ހަރުކަށި ފިކުރާދެކޮޅަށް ކުރިއަށްގެންދިޔަ އޮޕަރޭޝަންގައި އައްޑޫސިޓީން ފުލުހުން ހައްޔަރުކުރީ ހަރުކަށި ފިކުރުގެ މައްސަލައިގައި އައްޑޫސިޓީން ހައްޔަރުކޮށްފައިވަނީ، އިއުތިސާމް މުހައްމަދު ސައީދު، ގަމަރީ/ ގދ. މަޑަވެލި، މަފްތޫހް ސައީދު، ވިކްޓްރީ، ގއ. ކޮލަމާފުށި، ހަސަން ޝިހާނު އިބްރާހިމް، ކާކީގެ/ ސ. ހިތަދޫ، އަބްދުﷲ ހައިޝަމް، ސައީދާމަންޒިލް/ ސ. މީދު އަދި މުހައްމަދު ތަސްލީމް، އަލަނާސިގެ/ ހއ. ހޯރަފުށިއެެވެ.