Last Updated: April 26, 15:47
Friday, April 26, 2024
ޚަބަރު ސިޔާސީ

އެމްޑީޕީ ބައިބައިވިޔަކަ ނުދޭނަން: ރައީސް ނަޝީދު

ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ބައިބައިވިޔަ ނުދޭނެކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝިދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައިވަނީ، އިންޑިއާގެ "ދަ ހިންދޫ" ނޫހާ ވާހަކަ ދައްކަވަމުންނެވެ. ރާއްޖޭގެ އަދި އެމްޑީޕީގެ ސިޔާސީ ހާލަތާއި ގުޅޭގޮތުން އެ ނޫހާ ރައީސް ނަޝީދު ވާހަކަ ދައްކަވާފައިވާއިރު، ސަރުކާރާއި މެދު އެމަނިކުފާނުގެ އޮތް ކަންބޮޑުވުންވެސް ހާމަކުރައްވާފައިވެއެވެ.

އެގޮތުން ރައީސް ނަޝީދު ވިދާޅުވީ "ހަރުކަށި ފިކުރުގެ މީހުން ރުއްސުމަކީ" ސިޔާސީ ބޭނުންތަކަށް ރާއްޖޭގައި ކުރާ އަދި ހާއްސަކޮށް އިންތިހާބުތަކާ ދިމާކޮށް ކުރާ ކަމެއްކަމަށެވެ.

"އާ ޤާނޫނުއަސާސީގެ ފަހުން ބޭއްވީ ތިން ރިޔާސީ އިންތިހާބު. އޭގެތެރެއިން ދެ ފަހަރު އެމްޑީޕީން ވަނީ އިންތިހާބު ކާމިޔާބު ކޮށްފަ، ރައީސް އަބްދުﷲ ޔާމީން އަދި ޕީޕީއެމަށް ކާމިޔާބުވީ އެންމެފަހަރަކު. ތިން މޮޅުވެސް ލިބިފަ އޮތީ ހަރުކަށި ފިކުރުގެ މީހުންގެ ވޯޓާއި އެކު." ދަ ހިންދޫ އަށް ދެއްވި އިންޓަވިއުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

އެހެންނަމަވެސް މި މިސްރާބަށް ކަންކަން ދާނަމަ މަދު އަހަރުތަކެއްގެ ތެރޭގައި ގައުމު އެ ގެންދެވެނީ ނުރައްކާތެރި މަންޒިލަކާ ދިމާލަށްކަމަށް ރައިސް ނަޝީދު ވިދާޅުވިއެވެ.

"އަފްޣާނިސްތާން މިއަދު އޮތް ހާލަތު ބަލާ."

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާއި އެއްވެސް ޒާތީ މައްސަލައެއް ނެތްކަން ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވެފައިވަނީ އެމްޑީޕީގެ މެދުގައި މިގޮތަށް ހިޔާލުތަފާތު ވުމަށް ބޭނުންނުވާ ކަމަށެވެ. އަދި އެމަނިކުފާނު ހުންނެވިހާ ހިނދަކު ޕާޓީގެ ތެރޭގައި ބައިބައިވުން އުފެދުނު ނުދޭނެކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވެފައިވަނީ މިއީ އެއް ފިކުރެއްގެ މީހުން އެއްގަލަށް އަރަންވީ ވަގުތުކަމަށާއި، އަދި އެއީ ޕީޕީއެމް ކަމުގައިވާނަމަ އެމީހުންނާއެކުވެސް މަސައްކަތްކުރަން ތައްްޔާރަށް ހުންނެވިކަމަށެވެ.

ރައީސް ނަޝީދު ރާއްޖޭގެ ސިޔާސީ މަޝްވަރަހާއި ގުޅޭގޮތުން "ދަ ހިންދޫ" ނޫހާއި ވާހަކަދެއްކެވިއިރު، އިއްޔަ ނެރުއްވި ބަޔާނެއްގައި ރައިސް ނަޝީދު ވަނީ އަދާލަތު ޕާޓީއަކީ ހަރުކަށި ފިކުރުގެ ޕާޓީއެއްކަމަށް ސިފަކުރައްވާފައެވެ. އަދި އަދާލަތު ޕާޓީން ރައީސް ސޯލިހް ކޮންޓްރޯލް ކުރާކަމަށާއި، އެގޮތަށް ކޮންޓްރޯލް ކުރުމުގެ ފުރުސަތު ރައީސް ސޯލިހް ދެއްވާކަމަށްވެސް ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ ނަފުރަތުގެ ބިލު ފާސްނުކުރާނަމަ ސަރުކާރަށް ތާއީދު ކުރެވެން ނެތްކަމަށެވެ.