Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު ހުޅުމީދޫ

އިލްޔާސް ވިދާޅުވަނީ ހުޅުދޫއަށް ބޭނުންވާ ތަރައްގީ މި ސަރުކާރުން ގެންނާނެ ކަމަށް

ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް

އައްޑޫ ސިޓީ ހުޅުދޫގެ ތަރައްގީއަށް ބޭނުންވާ ކަންކަން މި ސަރުކާރުން ކޮށްދޭނެ ކަމުގެ ޔަގީކަން އެ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ވިދާޅުވެއްޖެ އެވެ.

ކްލަބު ހައުސް މެދުވެރިކޮށް ދާއިރާގެ ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެެއްވަމުން އިލްޔާސް ވަނީ ދާއިރާގެ ހުރި މައްސަލަތަކާގުޅޭ ގޮތުންނާއި ރައްޔިތުންގެ ކަންބޮޑުވުންތަކަށް ޖަވާބު ދެއްވާފައި އެވެ. އެއް ކަމެއްް ގޮތުގައި އިލްޔާސް ވަނީ މި ސަރުކާރުން ހުޅުދޫގެ ތަރައްގީއަށް ބިން ހިއްކަމުންދާކަން ފާހަގަ ކުރައްވާފައި އެވެ. އަދި ހުޅުދޫގައި މިހާރު އާ ބަނދަރެއް ހަދަމުންދާއިރު އެ ބަނދަރާއެކު ވަކިން ރަށެއް ހިއްކަން ވަނީ ހަމަޖައްސާފައިކަން އިލްޔާސް ފާހަގަ ކުރެއްވި އެވެ. އަދި މުޅި އައްޑޫގެ ރަށްތަކުން ބިން ހިއްކުމުގެ މަޝްރޫއުގެ ތެރެއިން ހުޅުދޫ ބިން ހިއްކާއިރު އިތުރު ރަށެއް ހިއްކާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

" (އަލަށް ހަދާ) ދެ ރަށުގައިވެސް ބީޗް އޮންނާނެ ވިލަށްވީ ފަޅީގައި. ދެ ރަށް ހަދާ ނިމޭ ހިސާބަށް ދިޔާއީމަ ރައްޔިތުންނާ މަޝްވަރާކޮށްފައި ގޮތްތަކެއް ނިންމިދާނެ އެއް ރަށް ގެސްޓް ހައުސްއަށް ހަދާނީ ތޯ ނުނީ ދެ ރަށްވެސް ރިސޯޓަށް ދޫކޮށްލާނީ ތޯ،" އިލްޔާސް ވިދާޅުވި އެވެ.

އަދި ހުޅުދޫގައި ޓޫެރިޒަމް ތަރައްގީކުރުމަށް މި ސަރުކާރުން ކަންކަން ކުރުމުންދާ ކަމަށާއި އެކަން ކަމުގެ ފައިދާ ވަރަށް އަވަހަށް ކުރާނެ ކަމަށް ވިދާޅުވިއެވެ.

"މާފުށީ ބީޗް ސަރަހައްދު އިތުރަށް ހެދުން އެބަ އޮތް. ޓޫރިޒަމްއަށް އެތަން ތަރައްގީކުރާއިރު ގެސްޓް ހައުސް ޑިވްލޮޕްކުރާ ޕްރޮޖެކްޓްގެ ތެރެއިން ބީޗް ސާފުކުރުމާއި ބީޗްގައި ވެލިލާފައި ޑިވޮލޮޕްކުރުމުގެ ބައި އެބަ އޮތް،" އިލްޔާސް ވިދާޅުވި އެވެ.

ސަރުކާރުގެ ވިސްނުމަކީ އައްޑޫއިން މިހާރު ހިއްކަން ޖެހޭ ވަރަށް ހިއްކާ ނިންމާލުން ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން ސަރުކާރުން ރަށްރަށުގައި ކުދި ހޮސްޕިޓަލްތައް އެޅުމަށް ނިންމާފައިވާތީ އައްޑޫ ހުޅުމީދޫ ހެލްތް ސެންޓަރު ހޮސްޕިޓަލަށް ބަދަލުކޮށްދޭން ސަރުކާރަށް ހުށައަޅާފައިވާ ކަމަށާއި ސަރުކާރުންވެސް އެކަން ކޮށްދޭގޮތައް އޮތް ކަމަށް ވިދާޅުވި އެވެ.

"ސަރުކާރުގެ ވެސް ވަރަށް ބޮޑު ވިސްނުމެއް އެއީ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުން. އައްޑޫގެ އެގޮތުން ރަނގަޅުކުރާއިރު ހުޅުމީދޫގެ ސިއްހީމަރުކަޒު ހަމަރަނގަޅު ފެންވަރަކަށް ރަނގަޅުވެގެންދާނެ ކަމަށް ދައުރު ނިމުމުގެ ކުރިން،"

ވަޒީފާ ފުރުސަތާ ގުޅޭ ގޮތުން އިލްޔާސް ވިދާޅުވީ ހުޅުދޫގައި މިހާރު އިމާރާތްކުރަމުން އަންނަ ޑިޓޮކްސް ސެންޓަރު ނިމުންނާއި މިފްކޯ މަސްފެކްޓީ އަޕްގްރޭޑްކުރެވި ހިނގަން ފެށުމުން ވަޒީފާތަކެއް އުފެދިގެންދާނެ ކަމަށެވެ. އަދި އެހެންމެ ޓޫރިޒަމް ތަރައްގީކުރެވެގެން ދިއުމުން އާ ވާޒީފާގެ ފުރުސަތު އުފެދިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ހުޅުދޫ ފޫޓްބޯޅަ ދަނޑު ނުނިމި އޮންނަ މައްސަލައިގައި އިލްޔާސް ވިދާޅުވީ އެ މަސައްކަތް ނުނިމި އޮތި އެ މަސައްކަތް ހަވާލުކޮށްފައިވާ ފަރާތުގެ މަސައްކަތް ލަސްވުމުގެ ސަބަބުން ކަމަށެވެ. އޭގެ އިތުރުން ހުޅުދޫ ކައިރި އޮންނަ ހެރެތެރެ ރިސޯޓް އަލުން ހުޅުވުމުގައި ސަރުކާރަށް ކުރެވޭނެ ކަމެއް މި ވަގުތު ނެތް ކަމަށް ވިދާޅުވި އެވެ. އެހެން ނަމަވެސް އެކަންކަމަށް ސަރުކާރުން ކޮށްދެވޭނެ ކަމެއް އޮތްތޯ އެ މަޝްވަރާ ކުރެވޭ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.