Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު ސިޔާސީ

މާލެސިޓީ ކައުންސިލް މެޖޯރިޓީ އެމްޑީޕީއަށް ގެއްލުނީ ސަރުކާރާ ހެދި: ނަޝީދު

ރައީސް ސޯލިހާއި، ރައީސް ނަޝީދު - ފޮޓޯ: ރައީސް އޮފީސް

މިއަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި މާލެސިޓީގެ މެޖޯރިޓީ އެމްޑީޕީއަށް ގެއްލުނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން އަމަލުކުރަމުން އަންނަ ގޮތުގެ ސަބަބުން ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ "ވިއޯން ނިއުސް"އަށް ދެއްވި އިންޓަވިއުގައި މާލެސިޓީ ކައުންސިލް އިންތިހާބު ނާކާމިޔާބުވުމާ ގުޅޭގޮތުން ސުވާލު ކުރުމުން ރައީސް ނަޝީދު ވިދާޅުވީ، އަމިއްލަ ސިޔާސަތާއި އަމިއްލަ ޤަބޫލުކުރުންތަކާ ދުރަށްޖެހި މަދުބަޔަކު ބޭނުންވާގޮތަށް ވިސްނުން ބަދަލުކޮށް ސިޔާސަތުތައް ބައްޓަން ކުރާނަމަ އެކަން ގިނަ ރައްޔިތުން ފާހަގަކުރާނެކަމަށެވެ.

މާލެސިޓީ ކައުންސިން އިންތިހާބު އެމްޑީޕީއަށް ނާކާމިޔާބުވީ އެމްޑީޕީގެ ސަޕޯޓަރުން ވޯޓުލާން ނުނިކުތުމުން ކަމަށާއި، އަދި އެ ރައްޔިތުން ވޯޓުލާން ނުނިކުތީ އެ ރައްޔިތުން ގަބޫލުކުރާ ގޮތްތަކާއި އެ ރައްޔިތުންގެ ވިސްނުންތަކާ ދުރައް ސަރުކާރުން ޖެހުމުން ކަމަށެވެ.

"އެކަމާ ރައްޔިތުން ތިބީ ހިތްހަމަނުޖެހިފައި. އެ ރައްޔިތުން ބޭނުންވީ ލީޑާޝިޕަށް ސާފު މެސެޖެއް ދޭން، ހާއްސަކޮށް މާލެއިން." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ސަރުކާރުން އަމަލުކުރަމުން އަންނަގޮތް ބަދަލުކޮށް އެމްޑީޕީގެ ސިޔާސަތުތައް އަދި ޤަބޫލުކުރާ ހަމަތަކަށް ރުޖޫއަވާންޖެހޭކަމަށެވެ.

އެމްޑީޕީން ސުޕަ މެޖޯރިޓީ ނަގަމުން އައި މާލެސިޓީ ކައުންސިލްގެ ސުޕަ މެޖޯރިޓީ މިފަހަރު ނަގާފައިވަނީ ޕީޕީއެމުންނެވެ. މާލެސިޓީ ކައުންސިލްގެ އިންތިހާބުން އެމްޑީޕީއަށް ބޮޑު ނާކާމިޔާބީއާ ކުރިމަތިވިއިރު، ރައީސް މުހައްމަދު ނަޝީދު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ އިންތިހާބުން ނާކާމިޔާބުވި ސަބަބު ދެނެގަނެ އެކަން ހައްލުކުރުމަށް މަސައްކަތް ކުރައްވާނެކަމަށެވެ.

މާލެސިޓީ ކައުންސިލް އެމްޑީޕީއަށް ގެއްލުނީ ސަރުކާރުގެ އިހުމާލުންކަމަށް ރައީސް ނަޝީދު ސީދާ ތުހުމަތުކުރެއްވި މިއީ ފުރަތަމަ ފަހަރެވެ.