ހަރުކަށި ފިކުރުގެ މައްސަލައިގައި އައްޑޫން މީގެ ކުރިންވެސް ހައްޔަރުކުރި ހއ. ހޯރަފުށީ، އަލަނާސިގޭ މުހައްމަދު ތަސްލީމްގެ މައްޗަށް މޭ 6 ވަނަ ދުވަހު ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާ މައްސަލައިގައި ތުހުމަތު ކޮށްފިއެވެ.
ބޮމުގެ ހަމަލާގެ ތުހުމަތުގައި ތަސްލީމް މިހާރު ހައްޔަރުކޮށްފައިހުރި އިރު، މީގެ ކުރިން ތަސްލީމް ހައްޔަރުކޮށްފައިވަނީ ބޮމުގެ ހަމަލާއަށްފަހު އައްޑޫސިޓީގައި ފުލުހުން ހަރުކަށި ފިކުރާ ދެކޮޅަށް ކުރިއަށްގެންދިޔަ އޮޕަރޭޝަންގައެވެ.
އެ އޮޕަރޭޝަންގައި ތަސްލީމް ހިމެނޭގޮތަށް ހައްޔަރުކުރި މީހުންގެ ބަންދުގައި ބޭތިއްބުމަށްފަހު ފަހުން ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ އެމީހުން ބަންދުން ދޫކޮށްލާފައެވެ. އަދި އެ މައްސަލަ ޕީޖީގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން ވަނީ ތަސްލީމް ހިމެނޭހެން އެ މައްސަލައިގައި ތުހުމަތުކުރާ މީހުން ބަންދުކުރުމަށް އަމުރުކޮށްފައެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި ތަސްލީމްގެ މައްޗަށް މިހާރު ކުރަނީ ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާއާ ގުޅޭ ތުހުމަތެކެވެ.
ތަސްލީމް އެންމެ ފުރަތަމަވެސް ހައްޔަރުކޮށްފައިވަނީ، ޓެރަރިޒަމް އަމަލުތައް ހިންގުމަށް އަމަލީގޮތުން މަސައްކަތްކޮށް ހަރުކަށި ފިކުރު ފެތުރުމާއި ޓެރަރިޒަމްގެ އަމަލުތައް ހިންގުމަށް ހިތްވަރުދީ އަދި ގޮވާތަކެތި ހެދުމުގެ މައުލޫމާތު އެެހެން މީހުންނަށް ފޮރުކޮށްދީ ހަރުކަށި ފިކުރުގެ ފަރާތްތަކާ ގާތްގުޅުމެއް ބާއްވަމުންދާ ކަމަށް ތުހުމަތުކުރެވިގެންނެވެ.