Last Updated: March 29, 14:00
Friday, March 29, 2024
ޚަބަރު ރައީސް މައުމޫން

ހުކުމް އޮއްވާ ޔާމީނަށް ވާދަކުރަން ފުރުސަތު ދެވިގެން ނުވާނެ: މައުމޫން

ކުރީގެ ރައީސް އަބްދުﷲ ޔާމިނަށް ކޮށްފައިވާ ހުކުމް އެގޮތައް އޮއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރަން ފުރުސަތު ދެވިގެން ނުވާނެ ކަމަށް ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް މައުމޫނު މިހެން ވިދާޅުވީ ރާއްޖެ ޓީވީބް މިއަދު ގެނެސްދިން ފަށާއިރު ޕްރޮގުރާމްގައި، ޕްރެޒެންޑަރ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ރައީސް ޔާމިން އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ފުރުސަތު އޮންނަން ޖެހޭނެ ތޯ ކުރި ސުވާލާ ގުޅިގެން ރައީސް މައުމޫނު ވިދާޅުވީ ޔާމިނަށް އެ ފުރުސަތު ދެވިގެންވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

"މީހަކު ކުށެއް ކޮށްފިއްޔާ އެމީހަކަށް އަދަބު ލިބުމަކީ ގާނޫނީ ގޮތުން ހަމަ އެންމެ ރަނގަޅުކަމެކޭ.އަޅުގަނޑު ބެހޭކަށް ބޭނުމެއް ނޫން ޝަރިއަތަކާ. އެއްޗެއް ބުނާކަށް ބޭނުމެއް ނޫން، އެހެން ނަމަވެސް މިހާރު ޔާމިން އެ އޮންނެވީ ކުށެއް ސާބިތުވެގެން ޖަލުގައި. އެެހެން ހުންނަވަނިކޮށް އޭނާއަށް ނިކުމެ (ރިޔާސީ އިންތިހާބުގައި ވާދަ ކުރުން) އެ ކަހަލަ ކަމެއް ކުރެވިގެން ނުވާނެ،" ރައީސް މައުމޫނު ވިދާޅުވި އެވެ.

ރައީސް މައުމޫނު ވިދާޅުވީ ރައީސް ޔާމިނަށް ރިޔާސީ އިންތިހާބަށް ވާދަކުރެއްވުމަށް ފުރުސަތު ލިބެން ޖެހޭނެ ހަމަ އެކަނި ގޮތަކީ މިހާރު ކޯޓުންކޮށްފައިވާ ހުކުމް ބާތިލްކުރުން ނުވަތަ އެހެން ގޮތަކުންވިއަސް މިނިވަން ވުމެވެ.

މީގެ އިތުރުން ރައީސް މައުމޫނު ވިދާޅުވީ ރައީސް ޔާމިނަށް މި ވަގުތު މީހުންނާ ބައްދަލުކޮށް ވާހަކަ ދައްކަވާ ސިޔާސީ މަސައްކަތް ނުކުރެއްވޭނެކަނެ ކަމަށެވެ.

ރައީސް މައުމޫނަކީ ރައީސް ޔާމިނާއި އެއްބަފާ ކޮއްކޯފުޅެވެ. އެެހެން ނަމަވެސް ޔާމިންގެ ވެރިކަމުގައިވެސް ރައީސް މައުމޫނު ޖަލަށް ލެއްވި އެވެ. އެކަމު ފަހުން މައުމޫނަށް ކުރި ހުކުމްތައް މަތީ މަރުހަލާގެ ކޯޓުތަކުން ވަނީ ބާތިލްކޮށްފައި އެވެ.

ރައީސް ޔާމިން ފަސް އަހަރަށް ޖަލަށްލާފައިވަނީ އެމަނިކުފާނުގެ މައްޗަށް ސާބިތުވި މަނީލޯންޑަރިންގެ ކުށް ސާބިތުވެގެންނެވެ.