Last Updated: April 18, 21:56
Thursday, April 18, 2024
ޚަބަރު މަހްލޫފް

މަހްލޫފަށް ދައުވާ ކުރުމާމެދު އަދިވެސް ގޮތެއްް ނުނިންމާ: ޕީޖީ

ޔޫތު މިނިސްޓަރ އަހްމަދު މަހްލޫފު:-

އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފްގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވާ މައްސަލަގައި ދައުވާ ކުރުމާމެދު ގޮތެއް އަދިވެސް ނުނިިންމާ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން ބުނެފި އެވެ.

މަހްލޫފަށް ދައުވާކޮށްދޭން އެދި އެންޓިކޮރަޕްޝަން ކޮމިޝަނުން ޕީޖީ އޮފީހަށް ފޮނުވީ މިދިޔަ ޖޫން މަހުގެ ނުވަ ވަނަ ދުވަހު އެވެ. އޭސީސީން މައްސަލަ ފޮނުވުމާއެކު ޕީޖީ ހުސެއިން ޝަމީމް ވިދާޅުވީ ހަފްތާއެއްްގެ ތެރޭގައި ދައުވާ ކުރުމާމެދު ގޮތެއް ނިންމަވާނެ ކަމަށެވެ. ނަމަވެސް އޭގެ ފަހުން މިހާރު ދެ މަސް ދުވަސްވުމާ ކައިިރިވެފައިވާއިރު މިއަދު ޕީޖީ އޮފީހުގެ މީޑިޔާ އޮފިޝަލް އަހްމަދު ޝަފީއު ވިދާޅުވީ މަހްލޫފުގެ މައްސަލައިގައި އަދިވެސް ގޮތެއް ނުނިންމަވާ ކަަމަށެވެ.

މަހްލޫފަށް ދައުވާކޮށްދޭން ޕީޖީ އޮފީހަށް ފޮނުވި މައްސަލައާ ގުޅޭ ގޮތުން އޭސީސީން ބުނެފައިވަނީ އެމްއެމްޕީއާރުސީގެ ފައިސާ އިން މަނީ ލޯންޑްރިން ހިންގި ކުންފުނި އެސްއޯއެފުން މަހްލޫފަށް 33000 ޑޮލަރު ޖަމާކޮށްދީފައިވާ ކަމަށެވެ. އަދި އެ ފައިސާ އަކީ ސިޔާސީ ގޮތުން ބޭނުންވި ވަކި މަގްސަދުތަކެއް ހާސިލްކުރުމުގެ މުގާބިލްގައި ދީފައިވާ ފައިސާއެއްކަން ތަހުގީގަށް އެނގިފައިވާ ކަަމަށެވެ. އޭގެތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ހުންނަވައި ސްޕްޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ ބިލަށް ވޯޓު ދިނުމާއި ޕީޕީއެމްގައި ދެމިހުރުމުގެ މުގާބިލްގައި ލިބިފައިިވާ ފައިސާ ކަމަށް ތަހްގީގަށް އެނގޭތީ އޭނާގެ މައްޗަށް ދައުވާ ކުރަން ޖެހޭ ކަމަށް އޭސީސީން ބުނެފައިވެ އެވެ.

ނަމަވެސް، އެ ފައިސާއަކީ އޭނާ ޑޮލަރު ގަތުމަށް ނެންގެވި ފައިސާތަކެއް ކަމަށް މީގެކުރިން މަހުލޫފް ވިދާޅުވެފައިވެ އެވެ. ނަމަވެސް އެކަމަށް ބާރުލިބޭ އެއްވެސް ހެއްކެތް ނެތް ކަމަށް އޭސީސީން ނެރުނު ބަޔާނެއްްގައި ބުނެފައިވެ އެވެ.

އަޙްމަދު މަޚްލޫފް ގެ އެކައުންޓަށް ޖަމާކޮށްފައިވާ އިސްވެ ދެންނެވުނު 33,000.00 (ތެއްތިރީސްހާސް) އެމެރިކާ ޑޮލަރު އަކީ، ޑޮލަރު ގަނެވިއްކުމުގެ މުޢާމަލާތެއް ކަމަށް ބުނެ އެސް.އޯ.އެފް ނަމުގައި ތައްޔާރުކޮށްފައިވާ “ޕޭމަންޓް ރިސީވްޑް” ލިޔުމެއް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭ.ސީ.ސީ) އަށް އަޙްމަދު މަޚުލޫފުގެ ފަރާތުން ހުށަހަޅާފައި އޮތްނަމަވެސް، ތަޙްޤީޤުން ބެލިބެލުމުން އެ ފައިސާއަކީ ޑޮލަރު ގަތުތަށް ދީފައިވާ ފައިސާކަން އެނގޭކަށް ނެތެވެ. އަދި މިއީ އަޙްމަދު އަދީބު ކިބައިން ރިޝްވަތުގެ ގޮތުގައި އަޙްމަދު މަޚްލޫފް ހޯދާފައިވާ ފައިސާކަން ހެކިންގެ ބަހުންނާއި، ތަޙްޤީޤަށް ލިބިފައިވާ ހެކި ޤަރީނާއިން އެނގެން އޮތަތީ، މި މައްސަލައިގައި ޤާނޫނު ނަންބަރު 2/2000 (ކޮރަޕްޝަން ހުއްޓުވުމާ މަނާ ކުރުމުގެ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ހ) ގެ ދަށުން، ގ.ހާފްސީ އަޙްމަދު މަޚްލޫފްގެ މައްޗަށް ދައުވާ ކޮށްދިނުން އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވީއެވެ.

އޭސީސީން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

އަނެއްކޮޅުން މަހްލޫފު ވަނީ އޭނާގެ މައްޗަށް ދައުވާކޮށްފި ނަމަ މަގާމުން އިސްތިއުނާ ދެއްވާނެ ކަމަށް ވިދާޅުވެ އޭނާގެ މައްސަލައަކީ ސިޔާސީ ނުފޫޒުގައި ޖެހި އޭސީސީން ކުރާ ކަމެއްކަމަށް ތުހްމަތުކޮށްފައި އެވެ.

މަހުލޫފްގެ މައްޗަށް ދައުވާ ކޮށްދޭން އެދި އޭސީސީން ޕީޖީއަށް ފޮނުވުމާއެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ޔޫތު މިނިސްޓަރުކަމުގެ މަސްއޫލިއްޔަތުން މަހުލޫފް އެކަހެރި ކުރައްވާފައި އެވެ. މިއީ، އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި މަހުލޫފު މަގާމުން އެކަހެރިކުރި ދެވަނަ ފަހަރެވެ.

މީގެ ކުރިންވެސް އޭނާ ހަމަ މި މައްސަލައިގައި އެކަހަރިކޮށްފައި ބެހެއްޓެވި އެވެ. ނަމަވެސް އޭނާގެ މައްޗަށް އެއްވެސް މައްސަލައިގައި ތަހްގީގު ކުރެވެމުންނުދާ ކަމަށް އަންގާފައިވާ ކަމަށްބުނެ އަލުން މަސައްކަތައް ނެރުއްވި އެވެ.