Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު ހުޅުމީދޫ

މަޝްހޫރު ފަންނާނުންތަކަކާއެކު ހާއްސަ ޝޯއެއް މާދަމާ ރޭ އައްޑޫގައި

މާދަމާ ރޭ ހުޅުދޫގައި އޮންނަ ޝޯގައި މަޝްހޫރު ފަންނާނުން ބައިވެރިވާން

މަޝްހޫރު ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހީމާ އިތުރު ފަންނާނުން ތަކެއް ބައިވެރިވާ ހާއްސަ ސްޓޭޖް ޝޯއެއް މާދަމާ ރޭ އައްޑޫ ސިޓީގައި ބާއްވަން ނިންމައިފި އެވެ.

"ދޮންއުނބަރާ ނައިޓް"ގެ ނަމުގައި ބާއްވާ މި ޝޯއަކީ ހުޅުދޫގެ އަމިއްލަ ފަރާތެއް ކަމަށްވާ އާމިނަތު ޝަހުދާ (ބަހޫ) ގިނަ ދުވަސްތަކަށްފަހު ރަށަށް އައުމަށްފަހު ހުޅޫދޫ އާއި މީދޫގެ ރައްޔިތުންނަށް ދޭ ހަދިޔާ އެކެވެ.

"މިއީ ދެން ގިނަ ދުވަސްތަކަށްފަހު ރަށަށް އާދެވުނީމަ އެންމެންވެސް ބައިވެރިކޮށްލައިގެން ބޭނުންވީ މިކަލަ ޝޯއެއް ދޭން. ވަރަށް ދުވަސް ވެއްޖެ މިހެން އެއްވެސް ބަޔަކަށް މަޖާކޮށް ނުލެވި ގެއިން ނުނިކުމެ އުޅެން ޖެހިފައި ތިބޭތާ. ވީހާވެސް ގިނަ މީހުން ބައިވެރިވުމަށް އެދެން،" ބަހޫ ބުންޏެވެ.

ހުޅުދޫ "ބޮމާފަންނު" ސަރަހައްދުގައި ބާއްވާ މި ޝޯގައި ޝަލަބީގެ އިތުރުން ޝަލަބީގެ އަންހެނުން ޝިފާ އާއި މަޝްހޫރު ލަވަކިއުންތެރިޔާ ޑެވިން، ޓޯއީ، ބައިވެރިވާނެ ކަމަށް ޝޯ އިންތިޒާމް ކުރާ ފަރާތްތަކުން ބުނެ އެވެ.

މި ޝޯއަށް ހުޅުދޫ އާއި މީދޫގެ ޖަމިއްޔާ ޖަމާއަތްތަކަށް ވަނީ ދައުވަތު ދީފައި އެވެ.