Last Updated: April 26, 06:01
Friday, April 26, 2024
ޚަބަރު ރައީސް ސޯލިހު

އަޅުގަނޑު މިހިރީ މަޖިލީހުގެ މެޖޯރިޓީއާ އެކު: ރައީސް ސޯލިހް

ވެރިކަމުގައި ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީއާ އެކު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިފަދައިން ވިދާޅުވެފައިވަނީ މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމައެވެ. ރައީސް ސޯލިހް ވިދާޅުވީ ވެރިކަމުގައި ހުންނަ ފަރާތަކަށް މަޖިލީހުގެ މެޖޯރިޓީއަކީ ވަރަށް މުހިންމު ކަމެއްކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނެތި ވެރިކަން ކުރުމަކީ ވަރަށް އުނދަގޫ ކަމެއްކަން ފާހަގަކޮށް ރައީސް ސޯލިހް ވިދާޅުވީ 2008 އިން ފެށިގެން މިހާތަނަށް ކޮންމެ ސަރުކާރަކުން ވެސް ވެރިކަން ކުރީ އެ އުނދަގޫތަކާއެކު ކަމަށާއި، އެގޮތުން އެމްޑީޕީގެ ފުރަތަމަ ތިން އަހަރުގެ ވެރިކަމުގެ އިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ފަހުކޮޅު ވެސް އެ ދަތިތަކާ ކުރިމަތިވިކަމަށެވެ.

ރައީސް ސޯލިހް ވިދާޅުވީ ވެރިކަމުގައި ހުންނަވާއިރު މަޖިލީހުގެ މެޖޯރިޓީ ހޯއްދެވުމަށް މަސައްކަތް ކުރައްވާނެކަމަށާއި، މިވަގުތު ވެރިކަމުގައި ހުރީ މަޖިލީހުގެ މެޖޯރިޓީއާ އެކުކަމަށެވެ. އަދި އެ މެޖޯރިޓީ ދެމެހެއްޓުމަށް ވެސް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑު ވެރިކަމުގައި ހުންނައިރުގައި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ހޯދަން އަޅުގަނޑު ބޭނުން، އެކަން އަޅުގަނޑު ކުރާނެ. އިރާދަކުރެއްވިއްޔާ މިއަދު އަޅުގަނޑު މި ހުރީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީއާ އެކީގައި." ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ސުޕަމެޖޯރިޓީ އެމްޑީޕީއަށް ލިބިފައިވާއިރު މިއީ އެއްޕާޓީއަކަށް މަޖިލީހުގެ މިހާ ބޮޑު މެޖޯރިޓީއެއް ލިބުނު ފުރަތަމަ ފަހަރެވެ.

މަޖިލީހުގެ މެޖޯރިޓީ އެމަނިކުފާނުގެ އަތުގައި އޮތްކަމަށް ރައީސް ސޯލިހް ފާޅުގައި ވިދާޅުވިއިރު އެމްޑީޕީ ތެރޭގައި ވަނީ ރައީސް ސޯލިހަށް ތާއީދުކުރާ މެމްބަރުންނާއި ރައިސް ނަޝީދަށް ތާއީދުކުރާ މެމްބަރުންގެ މެދުގައި ނުތަނަވަސްކަން އުފެދިފައެވެ.