Last Updated: April 19, 19:29
Friday, April 19, 2024
ޚަބަރު އޭސީސީ

ވެންޓިލޭޓަރު މައްސަލަ: ޕީޖީން ފުރިހަމަ ކުރަން ބުނި ކަންކަން ނިމުމާ ގާތުގައި

ޕީޖީ ޝަމީމް, އޭސީސީގެ ރައީސް ޝިއުނާ, ކުރީގެ ހެލްތް މިނިސްޓަރު އަމީން--

ކޮވިޑް-19 އާއި ގުޅިގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ހޯދުމަށް ހެލްތް މިނިސްޓްރީން އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންއާއެކު ހަދާފައިވާ އެއްބަސްވުމާ އެއްގޮތަށް ވެންޓިލޭޓަރު ލިބިފައި ނުވާ މައްސަލައިގައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ފުރިހަމަ ކުރުމަށް އަންގާފައިވާ ކަންކަން ނިމުމާ ގާތުގައި އޮތްކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބުނެފިއެވެ.

ވެންޓިލޭޓަރު މައްސަލައިގައި އެންމެ ފަހުން ޕީޖީން ބުނެފައިވަނީ އެ މައްސަލައިގައި އާކަންތައްތަކެއް ފާހަގަކުރެވިފައިވާކަމަށެވެ. އެގޮތުން ޕީޖީން އެންމެ ފަހުން އޭސީސީއަށް އަންގާފައިވަނީ ވެންޓިލޭޓަރުތައް ގެންނަން ދެއްކި ފައިސާ ދައުރުވި ގޮތް ބެލުމަށާއި އެޓާނީ ޖެނެރަލްގެ ލަފައާ ހިލާފަށް ހިންގާފައިވާ ކަންކަމަށް ތަހުގީގުގައި ފޯކަސް ކުރުމަށެވެ. ޕީޖީގެ އާ ރެކޮމެންޓޭޝަންތަކާ ގުޅިގެން އޭސީސީން މައްސަލަ ތަހުގީގު ކުރަމުން އަންނަކަން އެ ކޮމިޝަނުން ހާމަކޮށްފައިވަނީ އޭޕްރިލް މަހުގެ ތެރޭގައެވެ.

ވެންޓިލޭޓަރު މައްސަލައާ ގުޅޭގޮތުން "އައްޑޫލައިވް"އިން ސުވާލު ކުރުމުން އޭސީސީގެ އޮފިޝަލް ވިދާޅުވީ ޕީޖީން ފުރިހަމަ ކުރުމަށް އަންގާފައިވާ ކަންކަން ފުރިހަމަ ކުރުމާއި ގާތަށް ގޮސްފައިވާކަމަށެވެ. ކޮވިޑް-19 އާ ގުޅިގެން މައްސަލަ އަވަހަށް ނިންމުމުގައި ދަތިތަކެއް ކުރިމަތިވި ނަމަވެސް ވަރަށް އަވަހަށް މައްސަލައިގެ ތަހުގީގު ނިންނާ ޕީޖީއަށް ފޮނުވޭނެކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް ތަހުގީގު ސީދާ ނިންމާލެވޭނެ ތާރީހެއް ދަންނަވަން ދަތިކަމަށް ވިދާޅުވިއެވެ.

ވެންޓިލޭޓަރު މައްސަލައިގައި ގޮތެއް ނުނިންމި ދިގު މުއްދަތެއް!

ކޮވިޑް-19 އާ ގުޅިގެން ހެލްތު މިނިސްޓްރީ އިން 2020 ވަނަ އަހަރުގެ ދެ ވަނަ ކުއާޓާގައި ކޮށްފައިވާ ހަރަދުތައް އޮޑިޓް ކުރުމަށް ފަހު އޮޑިޓާ ޖެނެރަލް އޮފީހުން ނެެރެފައިވާ ކޮވިޑް-19 ކޮމްޕްލަޔަންސް ރިޕޯޓްގައިވާ ގޮތުން އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގް އާ އެކު ފޯރުކޮށްދިނުމަށް އެއްބަސްވެފައިވާ 75 ވެންޓިލޭޓަރުގެ ތެރެއިން 65 ވެންޓިލޭޓަރަކީ އައިސީޔޫ ވެންޓިލޭޓަރެވެ. އެ އައިސީޔޫ ވެންޓިލޭޓަރުތައް ފޯރުކޮށް ދިނުމަށް އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އާ އެކު އެއްބަސްވެފައިވާ އަގު ކަމުގައިވާ ވެންޓިލޭޓަރަކަށް 501،150 ރުފިޔާ އަކީ އައިސީޔޫ ވެންޓިލޭޓަރު ހޯދުމަށް މިނިސްޓްރީ އޮފް ހެލްތުން ދިވެހި ބައެއް ކުންފުނިތަކާއި އެކު އެއްބަސްވެފައިވާ އަގުތަކަށްވުރެ ބޮޑު އަގެއްކަން އޮޑިޓާ ޖެނެރަލް އޮފީހުން ފާހަގަކުރެ އެވެ.

އޮޑިޓާ ޖެނެރަލް އޮފީހުން ވަނީ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން މެދުވެރިކޮށް ސިންގަލް ސޯސް ޕްރޮކިއުމަންޓުގެ އުސޫލުން ވެންޓިލޭޓަރު ގަތުމަށް، ހުއްދަ ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސަށް ހުށަހެޅިއިރު، ހަގީގަތާ ހިލާފު މައުލޫމާތު ހުށަހަޅާފައިވާ ކަމަށް ވެސް ފާހަގަކޮށްފަ އެވެ. އަދި ޕާފޯމަންސް އާއި އެޑްވާންސް ޕޭމަންޓް ގެރެންޓީ ބަލަހައްޓާފައި ނުވުމާއި، ބިޑް ކޮމިޓީން ގަތުމަށް ނިންމި ބްރޭންޑް ނޫން އެހެން ބްރޭންޑެއްގެ ވެންޓިލޭޓަރު ފޯރުކޮށްދިނުމަށް އެއްބަސްވުމުގައި ހިމަނާފައި ވުމާއި، އެއްބަސްވުމުގެ ޖުމްލަ އަގުގެ 90 އިންސައްތައަށް ވާ ފައިސާ ދައްކާފައިވާކަން ރިޕޯޓްގައި ވަނީ ބުނެފަ އެވެ. މީގެ އިތުރުން ހެލްތު މިނިސްޓްރީ އިން ފިނޭންސް މިނިސްޓްރީ އަށް ހަގީގަތާ ހިލާފު މައުލޫމާތު ހުށަހަޅާފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. އަދި ވެންޓިލޭޓަރު ލިބިފައިނުވާކަމަށެވެ.

މިކަމުގައި އޭސީސީން ފުރަތަމަ ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވަނީ އޭރުގެ ހެލްތް މިނިސްތަރު އަބްދުﷲ އަމީން، ޑެޕިއުޓީ މިނިސްޓަރު ނިޝާމާ މުހައްމަދު، ޑެޕިއުޓީ މިނިސްޓަރު ޝިޔާމާ މުހައްމަދު، ހެލްތް މިނިސްޓްރީގެ ޑިރެކްޓަރު ނައުޝާދު އަލީ، ހެލްތް މިނިސްޓްރީގެ ބިޑް ކޮމިޓީގެ މެމްބަރު އާމިނަތު ޝައުފާ، ހެލްތް މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު އަދި ބިޑް ކޮމިޓީގެ މެމްބަރު ފާތިމަތު ލިމްޔާ، ހެލްތް މިނިސްޓްރީގެ ފައިނޭންސް އެގްޒެކްޓިވް އަހުމަދު އަސްލަމް، ހެލްތް މިނިސްޓްރީގެ ލީގަލް އޮފިސަރު އަލީ ޝިހާމް ހެލްތުގެ އެސިސްޓެންޓް ޑައިރެކްޓަރު އަބްދުﷲ ހަފީޘް، ހެލްތު މިނިސްޓްރީގެ އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރު ހުސައިން ނިޔާޒް އަދި ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް އަބްދުﷲ ޝަރީފް ގެ މައްޗަށެވެ. އެހެންނަމަވެސް އޭސީސީން ފޮނުވި މައްސަލައިގައި އެކަށީގެންވާ ހެކި ނެތްކަމަށް ބުނެ ޕްރޮސިކިއުޓާ ޖެނެރަލް ނިންމެނީ މައްސަލައިގައި ދައުވާ ނުކުރުމަށެވެ.

ޕީޖީ ހުސައިން ޝަމީމް–

އެކަމުގައި ރައްޔިތުންގެ މަޖިލީހުން ކަންބޮޑުވުން ފާޅުކޮށް އެ މައްސަލަ އަލުން ރިވިއުކޮށްދިނުމަށް ޕީޖީގެ އަރިހުން އެދުމުން ނިންމެވީ މައްސަލައިގައި ރިވިއުކުރާނެ ތަނެއް ނެތްކަމަށެވެ. ޕީޖީގެ މި ނިންމުމާއެކު ގިނަބައެއްގެ ފާޑުކިޔުން ޕީޖީއަށް އަމާޒުވެ މަޖިލީހުގެ ފިއްތުންތައް އިތުރުވުމުން ޕީޖީވަނީ މައްސަލަ އޭސީސީއަށް ފޮނުވާ އަލުން ވަކިކަންތައްތަކެއް ބެލުމަށް ތަހުގީގު ކުރިއަށް ގެންދިއުމަށް ނިންމާފައެވެ. މިހާރު އޭސީސީން ބަލަމުން އަންނަނީ މި ކަންތައްތަކެވެ.

ވެންޓިލޭޓަރު ގެނައުމަށް ހެދި އެއްބަސްވުުން ބާތިލުކުރުން!

ބަންޑާރަނައިބުގެ އޮފީހުން މޭ މަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިދިޔަ އަހަރުގެ އޭޕްރިލް ދެވަނަ ދުވަހު ހެދި އެއްބަސްވުމުގެ ދަށުން އެޑްވާންސް ޕޭމަންޓް ހަދާތާ 29 މަސައްކަތު ދުވަހުގެ ތެރޭގައި މުދާ ފޯރުކޮށްދޭންވާނެކަމުގައި ބަޔާންކޮށްފައިވީނަމަވެސް އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެފަރާތުން މުދާ ފޯރުކޮށްދީފައި ނުވާކަމަށެވެ. އެއްބަސްވުމުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ސަޕްލަޔަރ މުދާ ފޯރުކޮށްނުދީފިނަމަ އެއްބަސްވުން ބާތިލުކުރެވިދާނެކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވާތީ، އެއްބަސްވުމުގައިވާ ގޮތަށް އެ ކުންފުނިން ހުރިހާ މުދާ ފޯރުކޮށްދީފައިނުވާތީ އެއްބަސްވުން ބާތިލުކުރުމުގެ ގޮތުން މޭ ދެވަނަ ދުވަހު ޓާމިނޭޝަން ނޯޓިސް، ހެލްތް މިނިސްޓްރީން ފޮނުވާފައިވާ ކަމަށް ބަންޑާރަނައިބުގެ އޮފީހުން މައުލޫމާތު ދީފައިވެއެވެ.

ބަންޑާރަނައިބުގެ އޮފީހުން ބުނެފައިވަނީ، އެއްބަސްވުން ބާތިލުކުރާ ދުވަހާ ހަމަޔަށް މުދާ ފޯރުކޮށްދީފައިނުވާނަމަ، އެ މުދާ ފޯރުކޮށްދިނުމަށް އެހާތަނަށް ދައްކާފައިވާ ފައިސާ އަނބުރާ ރައްދުކޮށްދޭންވާނެކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވާކަމަށެވެ. އެހެންކަމުން އެޑްވާންސްކޮށް ދައްކާފައިވާ ފައިސާއާއި އެއްބަސްވުމާ އެއްގޮތަށް މުދާ ފޯރުކޮށްނުދިނުމުގެ ސަބަބުން ލިބިފައިވާ ސީދާ ގެއްލުމުގެ ބަދަލު އެ ކުންފުނިން ސަރުކާރަށް ނުދައްކައިފިނަމަ އެ ފައިސާ ހޯދުމުގެ މައްސަލަ އާބިޓްރޭޝަނަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށް ބަންޑާރަނައިބުގެ އޮފީހުން މައުލޫމާތު ދީފައިވެއެވެ.

"އެއްބަސްވުމުގައިވާ ގޮތުން، އެއްބަސްވުމުގެ ދަށުން އުފެދޭ މައްސަލަތައް ހައްލުކުރާނީ އާބިޓްރޭޝަން މެދުވެރިކޮށެވެ. އާބިޓްރޭޝަން ހިންގާ ތަނަކީ ދިވެހިރާއްޖެއެވެ. ޢަމަލުކުރެވޭނީ ދިވެހިރާއްޖޭގެ ޤާނޫނަށެވެ. އާބިޓްރޭޝަން ހިންގާނީ މޯލްޑިވްސް އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގައެވެ. އެއްބަސްވުމުގައިވާ ގޮތުން، މައްސަލަ ބަލާނީ 1 އާބިޓްރޭޓަރެވެ. މޯލްޑިވްސް އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގައި މައްސަލަ ބެލުމަށް ރަޖިސްޓްރީވެފައިވަނި ރާއްޖޭގެ ބޭރުގެ ތަޖުރިބާކާރު އާބިޓްރޭޓަރުންކަން ފާހަގަކުރަމެވެ." ބަންޑާރަނައިބުގެ އޮފީހުން ނެރެފައިވާ ނޫސްބަޔާނުގައިވެއެވެ.

ވެންޓިލޭޓަރު މައްސަލައިގެ ތުހުމަތު ހެލްތްގެ އޭރުގެ ވެރިންނަށް!

ވެންޓިލޭޓަރުގެ މައްސަލައިގައި ތުހުމަތުގެ އިނގި ދިއްކުރެވުނު ފަރާތްތަކުގެ ތެރޭގައި އޭރުގެ ހެލްތް މިނިސްޓަރު އަމީން ހިމެނެއެވެ. ރާއްޖެއަށް ގެނައުމަށް ދުބާއީގެ ކުންފުންޏާ ހަވާލުކުރި 75 ވެންޓިލޭޓަރަށް ބޭނުންވާ 90 އިންސައްތަ ފައިސާއަށްވާ، 30.9 މިލިއަން ރުފިޔާ އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ޕޭމަންޓް ގެރެންޓީއަކާނުލާ ހެލްތް މިނިސްޓްރީން ވަނީ ދައްކާފައެވެ. އަދި މައްސަލަ ހޫނުވުމުން ހެލްތް މިނިސްޓަރުގެ މަގާމުން އަބްދުﷲ އަމީން ވަނީ އިސްތިއުފާ ދެއްވާފައެވެ.

އަދި ވެންޓިލޭޓަރު މައްސަލައިގައި ސަސްޕެންޑް ކޮށްފައިތިބި ހެލްތް މިނިސްޓްރީގެ ދެ ނައިބުން ކަމަށްވާ ނިޝާމާ މުހައްމަދާއި ޝިޔާމާ މުހައްމަދު ވަނީ މަގާމުން ވަކިކޮށްފިއެވެ. މާގާމުން ވަކިކޮށްފައިވަނީ 2021 މޭ 4 ވަނަ ދުވަހުއެވެ. މީގެ ތެރެއިން ނިޝާމާއަކީ ހެލްތް މިނިސްޓްރީގެ ބިޑް ކޮމިޓީގެ އޭރުގެ ޗެއާއެވެ. އޭސީސީން ވަނީ ހެލްތްގެ ބިޑް ކޮމިޓީއަށް މިމައްސަލައިގައި ބޮޑެތި ތުހުމަތު ތަކެއްވެސް ކޮށްފައެވެ.

ވެންޓިލޭޓަރު މައްސަލަ ހޫނުވެ ސަސްޕެންޑް ކުރިފަހުން މިދިޔަ އަހަރުގެ އޮގަސްޓް 19 ވަނަ ދުވަހު ނިޝާމާ ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެޑްރެސްކޮށް ސިޓީއެއް ފޮނުވާފައެވެ. ނިޝާމާ އެ ސިޓީ ފޮނުއްވާފައި ވަނީ ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ރައްކާތެރިކަން ފޯރުކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ.

އެ ސިޓީގައި ނިޝާމާ ވިދާޅުވެފައި ވަނީ، ކޮވިޑް-19 އާ ގުޅިގެން ހެލްތް މިނިސްޓްރީން ކޮށްފައިވާ ހަރަދުތަކުގެ ތެރެއިން އޮޑިޓް ރިޕޯޓްގައި ފާހަގަކުރައްވާފައިވާ މައްސަލަތަކުގައި މަސައްކަތްކޮށްފައި ވާނީ އެއްވެސް ނުބައި ނިޔަތެއް ނުވަތަ ގާނޫނާ ހިލާފު އެއްވެސް އަމަލެއް ކުރުމުގެ ނިޔަތުގައި ނޫން ކަމަށެވެ. އަދި އެކަންކަމުގައި ނަހަމަ ފައިދާތަކެއް ހޯދައިދިން ފަރާތްތައް ހާމަކޮށް ތަހުގީގަށް އެއްބާރުލުން ދޭން ބޭނުންވާ ކަމަށް ނިޝާމާގެ ސިޓީގައިވެ އެވެ.

"ކޮވިޑް-19 އާ ގުޅިގެން މިނިސްޓްރީ އޮފް ހެލްތް އިން ހަރަދު ކުރުމުގައި އެހެން ފަރާތްތަކަކަށް ނަހަމަ ފައިދާތަކެއް ހޯދައިދިން ފަރާތްތައް ހާމަކޮށް، މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ހާމަކޮށް ތަހުގީގީ އިދާރާތަކަށް ދޭން ޖެހޭ ފުރިހަމަ އެއްބާރުލުން ދިނުމަށް އަޅުގަނޑު ބޭނުންވާ ކަމުގައި ދަންނަވަމެވެ،" އެ ސިޓީގައި ވެއެވެ.

އޭގެ އިތުރުން ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ރައްކާތެރިކަން ލިބޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް ވެސް ސިޓިގައި އެދިވަޑައިގެންފައި ވެއެވެ.