Last Updated: May 8, 17:36
Wednesday, May 8, 2024
ޚަބަރު ކްރިމިނަލް ކޯޓު

އަލީ ވަހީދުގެ ޝަރީއަތް މިއަދު ކެންސަލް

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޖިންސީ ގޯނާގެ މައްސަލަތަކާ ގުޅިގެން ކްރިމިނަލް ކޯޓުގައި މިއަދު ބާއްވަން ތާވަލުކުރި އަޑުއެހުން ކެންސަލްކޮށްފި އެވެ.

އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާގެ އަޑުއެހުން ބާއްވަން ތާވަލުކޮށްފައި އޮތީ މިއަދު ހެނދުނު 9.00 އަށެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި އެ މައްސަލަ ކެންސަލް ކުރީ އަލީ ވަހީދު ކޯޓަށް ހާޒިރު ވެފައިނުވާތީ އެވެ.

މިހާރު އިނގިރޭސި ވިލާތުގައި ހުންނެވި އަލީ ވަހީދު ރާއްޖެއިން ބޭރުގައި ހުންނަވަނިކޮށް ވެސް އޮންލައިންކޮށް މި މައްސަލައިގެ އަޑުއެހުމެއް މީގެ ކުރިން ބޭއްވި އެވެ. ނަމަވެސް ރާއްޖެއިން ބޭރުގައި ހުންނަވަގެން ޝަރީއަތުގައި ބައިވެރިވާން އަލީ ވަހީދަށް ފުރުސަތު ދޭން ޕީޖީން ދެކޮޅު ހެދި އެވެ. އަދި ރާއްޖެއިން ބޭރުގައި ހުންނެވި ނަމަވެސް ޝަރީއަތް އަޑުއެހުންތައް ކުރިއަށް ގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ވަނީ އޭނާ ރާއްޖެ އައުމަށް އަންގާފައި އެވެ.

އަލީވަހީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތައް:
-ޖިންސީ ކުށުގެ ގާނޫނުގެ 16 ވަނަ މާއްދާގެ ދަށުން ޖިންސީ އަނިޔާކުރުމުގެ ކުށުގެ ދައުވާ
-ޖިންސީ ކުށުގެ ގާނޫނުގެ 15 ވަނަ މާއްދާގެ ދަށުން ރޭޕްކުރަން އުޅުމުގެ ކުށުގެ ދައުވާ
-ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 132 ވަނަ މާއްދާގެ ދަށުން ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދައުވާ
-ޖިންސީ ކުށުގެ ގާނޫނުގެ 18 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާ
-ޖިންސީ ކުށުގެ ގާނޫނުގެ 19 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދައުވާ
-ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 412 ވަނަ މާއްދާ އާއި އެ ގާނޫނުގެ 81 ވަނަ މާއްދާގެ ދަށުން ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ ދެ ދައުވާ.

އިނގިރޭސި ވިލާތުގައި ހުންނަވަނިކޮށް އިއްޔެ އަލީ ވަހީދު ވަނީ ހައްޔަރުކޮށްފައި އެވެ.