Last Updated: April 20, 07:18
Saturday, April 20, 2024
ޚަބަރު އެމްޑީޕީ

މައްސަލަ ހައްލު ކުރުމަށް ދެ ރައީސުންނާ މަޝްވަރާކޮށްފިން: ހަސަން ލަތީފް

ރައީސް ސޯލިހާއި ރައީސް ނަޝީދު އަދި ހަސަން ލަތީފް - ފޮޓޯ: ރައީސް އޮފީސް

އެމްޑީޕީގެ ތެރޭގައި އޮތް ނުތަނަވަސްކަން ހައްލުކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަދި ރައީސް މުހައްމަދު ނަޝީދާ މަޝްވަރާ ކުރައްވާފައިވާކަމަށް ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރިމަތިކުރުވި ސުވާލަކަށް ޖަވާބު ދެއްވަމުން ހަސަން ލަތީފް ވިދާޅުވީ، ހުރި މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ކުރައްވާނެކަން ކުރިންވެސް ހާމަކޮށްފައިވާނެކަމަށެވެ.

އެގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުކޮށް މަޝްވަރާ ކުރައްވާފައިވާކަމަށާއި، އަދި ރައީސް ސޯލިހް ދެއްކެވި ވާހަކަތަކުގެ އަލީގައި ރައީސް ނަޝީދާވެސް ވާހަކަ ދައްކަވާފައިވާކަމަށެވެ. އަދި އެކަމުގައި ރައިސް ނަޝީދު ދެއްކެވި ވާހަކަތައްވެސް އެބަހުރިކަމަށް ވިދާޅުވިއެވެ.

ހަސަން ވިދާޅުވީ މިކަމަށް ހައްލެއް ލިބިގެންދާނެކަމަށާއި، އަދި އެ މަސައްކަތް ކުރިއަށްދާކަމަށެވެ.

އެމްޑީޕީގެ ތެރޭގައި އުފެދުނު ނުތަނަވަސްކަމުގައި ރައިސް ނަޝީދު ވަނީ ރައީސް ސޯލިހާއެކު މިހާރު ސިޔާސީ މަސައްކަތްކުރައްވަން ދަތިކަމަށްވެސް ވިދާޅުވެފައެވެ. އަދި ބައެއް ކަންކަމުގައި ރައީސް ސޯލިހް އެމްޑީޕީގެ ސިޔާސަތުތަކާއި ދުރުކޮށް މަސައްކަތްކުރައްވާކަމަށް ވެސް ތުހުމަތު ކުރެއްވިއެވެ.