Last Updated: April 25, 18:10
Thursday, April 25, 2024
ޚަބަރު ނަޝީދަށް ދެވުނު ޓެރަރިސްޓު ހަމަލާ

ބޮމުގެ ހަމަލާ: ބަޔާން ދެއްވުމަށް ތައްޔާރަށް ހުންނެވިކަން ރައީސް ނަޝީދު ހާމަކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާއާ ގުޅިގެން އެމަނިކުފާނު ބަޔާން ދެއްވުމަށް ތައްޔާރަށް ހުންނެވިކަން ހާމަކުރައްވައިފިއެވެ.

މީގެ ކުރިން މި މައްސަލައިގައި ޕްރޮސިކިއުޓަރ ޖެނެރަލް ހުސައިން ޝަމީމްވެސް ވަނީ ރައީސް ނަޝީދުގެ ބަޔާނެއް އޮތުމަކީ މުހިންމު ކަމެއްކަމަށް ދެކެވަޑައިގަންނަވާކަމަށް ވިދާޅުވެފައެވެ. އަދި ސީޕީ މުހައްމަދު ހަމީދުވެސް ވަނީ ތަހުގީގަށް މިހާތަނަށް ނަޝީދުގެ ބަޔާނެއް ލިބިފައި ނުވާ ކަމަށާއި ބަޔާން ދެއްވަން ދަތި ނަމަ، ލިޔުމަކުން ނަމަވެސް ބަހެއް ހޯދުމަށް ނަޝީދުގެ އަރިހުން އެދިފައިވާނެ ކަމަށް ވިދާޅުވެފައެވެ.

އެކަމާ ގުޅުގެން ރައިސް ނަޝީދުގެ ޤާނޫނީ ވަކީލުންގެ ފަރާތުން ކޮއްކޯފުޅު އަހުމަދު ނާޒިމް އަބްދުއްސައްތާރު ސޮއިކޮށް މިއަދު ޕީޖީ ހުސައިން ޝަމީމަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ، ބަޔާނެއް ދެއްވަން އެ މަނިކުފާނު ހުންނެވީ ތައްޔާރަށް ކަމަށެވެ. އަދި ތުހުމަތުކުރެވޭ މީހުންގެ ޝަރީއަތްތަކުގެ އިބްތިދާއީ މަރުޙަލާ ނިމުމުގެ ކުރިން ބަޔާން ނެންގެވުމަށް އެ މަނިކުފާނު އެދިވަޑައިގަންނަވާ ކަމުގައި ވެސް ސިޓީގައި ބުނެފައިވެއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް މޭ 6 ވަނަ ދުވަހު ދިން ބޮމުގެ ހަމަލާއާ ގުޅިގެން އެމަނިކުފާނު އަންނަނީ އިނގިރޭސިވިލާތުގައި އިތުރު ފަރުވާ ހޯއްދަވަމުންނެވެ.

މިވަގުތު ރާއްޖެ އައުމަށް ޖެހިލުންވާކަން ހާމަކުރައްވާފައިވޭ!

މަޖިލީހުގެ މިދައުރުގެ ޖަލްސާތައް ފެށުނުއިރު މަޖިލީހަށް ފޮނުވި ސިޓީއެއްގައި ރައީސް ނަޝިދު ވަނީ އެމަނިކުފާނަށް އަމާޒުކޮށް ދިން ހަމަލާ ރާވާ ހިންގި ފަރާތްތަކުގެ ތަހުގީގު އަދި ނުނިމޭކަމަށް ފުލުހުން ބުނެފައިވާކަން ފާހަގަކޮށްފައެވެ. އެ ފަރާތްތަކުގެ ތަހުގީގުނިމި އިންސާފުގެ ކުރިމައްޗަށް ގެނެވި ހައްޔަރުގައި ބޭތިއްބުމުގެ ކުރީގައި ރާއްޖެ ދިއުމަކީ އާއިލާއާއި ހެޔޮއެދޭ ފަރާތްތައް އަދި ހުދު އެމަނިކުފާނުވެސް ޖެހިލުންވާކަމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެހެންކަމުން އެމަނިކުފާނުގެ ޗުއްޓީގެ މުއްދަތު އިތުރުކޮށްދެއްވާ ރާއްޖެއިން ބޭރުގައި އުޅުމަށް "ހިތްހަލާސް" ކޮށްދިނުމަށް އެފުރުސަތު ފަހިކޮށްދިނުމަށް ރައީސް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.

"މިއީ މިވަގުތުގެ ހާލަތަށް ރިއާޔަތްކޮށް އިހުލާސްތެރިކަމާ އެކު ދަންނަވާ ދެންނެވުމެކެވެ." ރައީސް ނަޝީދުގެ މިސިޓީ ފައްޓަވަމުން ވިދާޅުވެފައިވެއެވެ.

މިހާތަނަށް 4 މީހަކަށް ދައުވާކޮށްފައިވޭ!

ރައީސް ނަޝީދަށް އަމާޒުކޮށް މޭ 6 ވަނަ ދުވަހު ދިން ބޮމުގެ ހަމާލާއާއި ގުޅިގެން ފުލުހުން ތުހުމަތު ކުރާ ގޮތުގައި ހަމަލާ ދިނުމަށް ރާވާ ހިންގުމުގައި އެންމެ އިސްދައުރެއް އަދާކޮށްފައިވަނީ މުހައްމަދު ތަސްލީމްއާއި އިސްހާޤްއާއި އަލީ ހައިޝަމްކަމަށެވެ. މިމީހުންގެ ތެރެއިން އަލީ ހައިޝަމްގެ މައްސަލަ ޑިއުޓީ ޕްރޮސިކިއުޝަންގެ މަރުހަލާގައި އޮތްއިރު، އަލީ ހައިޝަމްއަކީ ގޮއްވާލެވުނު ސައިކަލުގައި ބޮން ހަރުކުރުމުގައި އަމަލީ ގޮތުން ބައިވެރިވި ފަރާތެވެ.

އިސްހާޤަކީ މި ހަމަލާ ރާވާ ހިންގުމުގައި އިސްދައުރެއް އަދާކޮށްފައިވާ މީހެއްކަމަށާއި ހަމަލާއަށް އަދުހަމް ރަޝީދު ތައްޔާރުކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވީވެސް އިސްޙާގުކަމަށްވެސް ބުނެފައިވެއެވެ.

މުޙައްމަދު ތަސްލީމްއަކީ ރައީސް ނަޝީދަކީ އިސްލާމްދީނުން ބޭރުވެ މުރުތައްދުވެފައިވާ މީހެއްކަމަށް ކަނޑައަޅައި ރައީސް ނަޝީދަކީ މަރާލަން ޖެހޭ މީހެއްކަމަށް ބުނެ އެކަމަށް ވަކާލާތުކޮށް ހަރުކަށި ފިކުރަށް އެމީހުން ވައްދައި، ސެލްއެއްގެ ގޮތުގައި އޮޕަރޭޓްކުރަންވީ ގޮތް ކިޔާދީ އެކަމާ ބެހޭ ވީޑިއޯއާއި ފޮތްތައް މީހުންނަށް ދީފައިވާ މީހާކަމަށް ފުލުހުން ބުނެފައިވެއެވެ.

ރައީސް ނަޝީދުގެ މައްސަލައިގައި މިހާރު ދައުވާކޮށްފައިވަނީ ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދާއި މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދު އަދި ނ. މަނަދޫ، ނޫރީގެ އަލީ ހައިޝަމްގެ މައްޗަށެވެ. އަދުހަމްގެ މައްޗަށް 4 ދައުވާ، މުޖާޒަށް 2 ދައުވާ، ތަހުމީނަށް 4 ދައުވާ އަދި އަލީ ހައިޝަމަށް 3 ދައުވާ ކޮށްފައިވެއެވެ.

މީގެ ތެރެއިން އަދުހަމް ވަނީ ދައުވާތަކަށް އިއުތިރާފްވެ 23 އަހަރުގެ ޖަލުހުކުމަކަށް އިއުތިރާފްވެފައެވެ. އަދުހަމްގެ މައްޗަށް ކުރާ ދައުވާތަކަކީ ޓެރަރިޒަމްގެ އަމަލެއް ކުރުމާއި ޓެރަރިޒަމްގެ އަމަލެއް ރޭވުމާއި ޓެރަރިސްޓް ޖަމާއަތަކަށް ތާއިދުކުރުމާއި ތޫހުނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލަން އުޅުމުގެ ދައުވާއެވެ.

މުޖާޒުގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމާއި ކުށެއްކޮށްފައިވާ މީހަކު ފިލުވުމަށް އެހީތެރިވެދިނުމުގެ ދައުވާ އުފުލާފައިވާއިރު ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވިކަން ސާބިތުވެއްޖެ ނަމަ 17-20 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަދި ކުށެއް ކޮށްފައިވާ މީހަކު ފިލުވުމަށް އެހީތެރިވެދިނުމުގެ ދައުވާ ސާބިތުވެއްޖެ ނަމަ 9 މަހާއި 18 ދުވަހުގެ ހުކުމެއް އަންނާނެއެވެ.

މީގެ އިތުރުން ތަހުމީންގެ މައްޗަށް ވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމުގައި ބައިވެރިވުމުގެ ދައުވާ، ގޮވާތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވެދިނުމުގެ ދައުވާ ޓެރަރިސްޓް ޖަމާއަތަކަށް ތާއިދުކުރުމުގެ ދައުވާ ކޮށްފައެވެ. މީގެތެރެއިން ޓެރަރިޒަމްގެ އަމަލެއް ކުރުމުގައި ބައިވެރިވުމުގެ ދައުވާ ސާބިތުވެއްޖެނަމަ 17-20 އަހަރާ ދެމެދުގެ ޖަލުހުކުމެއް، އަދި ގޮވާތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވެދިނުމުގެ ދައުވާ ސާބިތު ވެއްޖެނަމަ 12-15 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ހައިޝަމްގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ، ގޮވާ ތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވެދިނުމުގެ ދައުވާ އަދި ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާ އުފުލާފައިވާއިރު އެކަންކަން ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް ގާތްގަނޑަކަށް 35 އަހަރުގެ ހުކުމެއް އަންނާނެއެވެ.