Last Updated: May 16, 11:10
Thursday, May 16, 2024
ޚަބަރު ޝަރުއީ ދާއިރާ

އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓަން ހައިކޯޓުންވެސް އަމުރު ނުދިން

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު - ފޮޓޯ: ޓޫރިޒަމް މިނިސްޓަރު

ޖިންސީ ގޯނާގެ ދައުވާ އަދި ރޭޕް ކުރަން އުޅުމުގެ ކުށުގެ ދައުވާ އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ކެންސަލްކޮށްފައިވާ ޑިޕްލޮމެޓިކް ޕާސްޕޯޓް ހިފަހައްޓަން އެދިފައި އޮތުމުން ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރު ނެރެނުދޭން ހައިކޯޓުން ނިންމައިފިއެވެ.

ދައުވާކޮށް ޝަރީއަތް ފަށާފައިވަނިކޮށް ކަފާލާތުގެ ދަށުން މީހަކު ޖާމިނުކޮށް ބޭސްފަރުވާއަށް އަލީ ވަހީދު ރާއްޖެއިން ބޭރަސް ގޮސ ްއެނބުރި އައިސްފައިނުވާތީ އޭނާގެ ޕާސްޕޯޓް ހިފަހައްޓަން ކްރިމިނަލް ކޯޓުގައި ދައުލަތުން އެދުމުން އެ އަމުރު ކްރިމިނަލް ކޯޓުންވެސް ނެރެދީފައިނުވެއެވެ. އެ މައްސަލަ ދައުލަތުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން މިއަދު ހައިކޯޓުންވެސް ނިންމާފައިވަނީ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރު ނެރެދެވެން ނެތްކަމަށެވެ.

ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ފުލުހުން އެދިފައި އޮތީ އަލީ ވަހީދު މިނިސްޓަރަކަށް ހުންނެވިއިރު ދޫކޮށްފައި އޮތް ޑިޕްލޮމެޓިކް ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރަކަށް ކަމަށާއި، އެހެންނަމަވެސް އެ ޕާސްޕޯޓަކީ އޭނާ މިނިސްޓަރު ކަމުން ވަކިކުރުމުން ކެންސަލް ކޮށްފައިވާ ޕާސްޕޯޓެއް ކަމަށެވެ. އަދި އޭނާ ރާއްޖެއިން ބޭރަށް ވަޑައިގަތީ އަމިއްލަ ޕާސްޕޯޓުގައި ކަމަށް ހައިކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވެއެވެ.

އެހެންކަމުން ކެންސަލް ކޮށްފައިވާ ޕާސްޕޯޓެއް ހިފަހައްޓަން އަމުރު ނުދެވޭނެ ކަމަށް މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ހުކުމް ކޮށްފައިވެއެވެ.

މި މައްސަލައިގައި އިއްވި ހުކުމުގައި ހައިކޯޓުން ބުނެފައިވަނީ އަލީ ވަހީދުގެ ޑިޕްލޮމެޓިކް ޕާސްޕޯޓް މިދިޔަ އަހަރުގެ އޮގަސްޓް މަހު ކެންސަލް ކޮށްފައި ވަނިކޮށް އޭނާގެ އަމިއްލަ ޕާސްޕޯޓް ހިފަހައްޓަން އެދުމުގެ ބަދަލުގައި ކެންސަލް ކޮށްފައިވާ ޕާސްޕޯޓެއް ހިފަހައްޓަން ފުލުހުން އެދުނު އެދުމަކީ ކަމަކަށް ކަމެއް ކުރުމުގެ ގޮތުން ކޮށްފައިވާ މަސައްކަތެއްކަމަށެވެ. އަދި މިކަމުގައި ޕީޖީންވެސް އެކަށީގެންވާ ޒިންމާ އަދާކޮށްފައިނުވާކަމަށް ވިދާޅުވިއެވެ.

އަލީ ވަހީދު މިހާރު ހުރީ އިނގިރޭސިވިލާތުގައި ވިސާގެ މައްސަލައެއްގައި ހައްޔަރުކޮށްފައެވެ.

އަލީ ވަހީދު ހައްޔަރުކޮށްފައިވަނީ ޕްރެސް ކޮންފަރެންސެއް ބާއްވާނެކަން ހާމަކޮށްފައިވަނިކޮށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އަލީ ވަހިދު ހައްޔަރު ކޮށްފައިވަނީ ނޫސްވެރިންގެ ބައްދަލުވުން ބާއްވަން އުޅެނިކޮށް އެތަނުންނެވެ.

ޖިންސީ ގޯނާ އަދި ރޭޕް ކުރަން އުޅުމުގެ ދައުވާ އުފުލާފައިވާ އަލީ ވަހީދުގެ މައްސަލަ ކްރިމިނަލް ކޯޓުގައި ކުރިއަށްދަނިކޮށް ބޭސްފަރުވާއަށްކަމަށް ބުނެ ރާއްޖެއިން ބޭރަށް ދިޔަގޮތަށް އަލީ ވަހީދު ރާއްޖެ އައިސްފައެއްނުވެއެވެ. އަދި ސުޕްރީމް ކޯޓުގެ އަޑުއެހުމަށް ހާޒިރުނުވުމުން ކޯޓުގެ ހުރުމަތް ކެނޑިކަމަށް ނިންމާ 2 މަހާއި 12 ދުވަހުގެ ޖަލު ހުކުމެއްވެސް ވަނީ އިއްވާފައެވެ. އަދި އެ ޖަލު ހުކުމް ތަންފީޒު އިންޓަޕޯލްގެ އެހީ ހޯދާނެކަން ދިވެހި ފުލުހުން ހާމަކޮށްފައިވެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައިގައި އަލީ ވަހީދުގެ މައްޗަށް ވަނީ ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދަޢުވާ، ރޭޕްކުރަން އުޅުމުގެ ކުށުގެ ދަޢުވާ، ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދަޢުވާ، ޖިންސީ ގޯނާކުރުމުގެ ކުށުގެ ދަޢުވާ، ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދަޢުވާ އަދި ހުއްދަނޫން ޖިންސީ މުޢާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ 2 ދައުވާ އުފުލާފައެވެ.