Last Updated: April 26, 23:59
Saturday, April 27, 2024
ޚަބަރު ޝަރުއީ ދާއިރާ

ރައީސް ޔާމީން މައްސަލައިގެ އަޑުއެހުން ބްރާސްފަތި ދުވަހު

ރައީސް ޔާމިންގެ މައްސަލައިގައި ސުޕްރީމް ކޯޓުގައި ވާހަކަ ދައްކަވަނީ---

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފު އަޑުއެހުމެއް ސުޕްރީމް ކޯޓުގައި ބްރާސްފަތި ދުވަހަށް ތާވަލުކޮށްފިއެވެ.

މިއަދުވެސް ސުޕްރީމް ކޯޓުގައި އެ މައްސަލައިގެ އަޑުއެހުމެއް ބާއްވާފައިވާއިރު މިއަދުވެސް ކުރިއަށް ގެންގޮސްފައިވަނީ ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފު ކޮށްފައިވާފައިވާ ނުކުތާތަކާ ގުޅޭގޮތުން ވާހަކަ ދެއްކުމެވެ.

އެގޮތުން ވާހަކަ ދައްކަވަމުން ރައީސް ޔާމީންގެ ޤާނޫނީ ވަކީލް އަލީ ޝާހް ވަނީ މި މައްސަލައިގައި ކްރިމިނަލް ކޯޓުން ފަނޑިޔާރުންގެ ބެންޗް އެކުލަވާލާފައިވަނި ގާނޫނާ ހިލާފަށްކަން ފާހަގަކުރައްވާފައެވެ. އަދި އެކަން ހައިކޯޓު މަރުހަލާގައި ފާހަގަކުރުމުން އެކަމާ މެދު ހައިކޯޓުން ރަނގަޅު ނިންމެވުމެއް ނިންމާފައިނުވާކަން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އަލީ ޝާހް ވަނީ ރައީސް ޔާމީނާ ދެކޮޅަށް ހެކިބަސްދިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ އޭރުގެ އެމްޑީ ޒިޔަތު އަދި އޭސީސީގެ ރައީސް މުއައްވިޒް ރަޝީދުގެ ހެކިބަހާ ގުޅޭގޮތުންވެސް ވާހަކަ ދައްކާފައެވެ. އެގޮތުން އަދީބާއި ޒިޔަތުގެ ހެކިބަސް ޕީޖީން ހޯދާފައިވަނީ ރައީސް ޔާމީން ފްރޭމް ކުރުމަށް ކަމަށާއި، އެމީހުންނަކީ ފާސިގުންކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން އަދީބާ އެކު ދައުލަތުން ހަދާފައިވާ އިއުތިރާފް އެއްބަސްވުމުގައި ހުރި ކަންބޮޑުވާ ކަންތައްތައްވެސް ފާހަގަކޮށްފައިވެއެވެ.

މިއަދުގެ އަޑުއެހުން ނިންމާލައްވަމުން މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗްގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު މަޔާޒް އަލީ ޒާހިރު ވިދާޅުވީ މި މައްސަލައިގެ އަޑުއެހުމެއް ބްރާސްފަތި ދުވަހުވެސް ބާއްވަވާނެ ކަމަށެވެ.

ރައީސް ޔާމީންގެ ފަރާތުން ވަނީ ސުޕްރީމް ކޯޓުގައި އެމަނިކުފާނު ކަފާލާތުގެ ދަށުން ދޫކޮށް ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރަކަށް އެދިފައެވެ.

ރައީސް ޔާމީންގެ މައްޗަށް މަނިލޯންޑްރިންގެ ކުށް ސާބިތުވެ 5 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމާއެކު 5،000،000 ޔޫއެސް ޑޮލަރުން ޖޫރިމަނާކޮށް، އެ ފައިސާ މަދުވެގެން 6 މަސްދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް ދެއްކުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ 28 ނޮވެންބަރު 2019 ގައެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު މަހާޒް ޢަލީ ޒާހިރާއި ފަނޑިޔާރު ޑރ.އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު ޑރ.މުހައްމަދު އިބްރާހީމްއެވެ.