Last Updated: March 29, 17:30
Friday, March 29, 2024
ޚަބަރު ޝަރުއީ ދާއިރާ

އުނަގަނޑުގައި ބޮޑު މައްސަލައެއް ހުރޭ، ގިނައިރު އިށީންދެ އިނުމަށްދަތިވޭ: ރައީސް ޔާމީން

ރައީސް ޔާމިންގެ މައްސަލައިގައި ސުޕްރީމް ކޯޓުގައި ވާހަކަ ދައްކަވަނީ---

އުނަގަނޑުގައި ހުންނަ މައްސަލައެއްގެ ސަބަބުން ގިނައިރު އިށީންދެ އިނުމަށް ދަތިކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ސުޕްރީމް ކޯޓުގެ މިއަދުގެ އަޑުއެހުން ފެށުމާއެކު ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނަކީ "އުނަގަނޑުގައި ވަރަށް ބޮޑު" މައްސަލައެއް ހުންނަ މީހެއްކަމަށެވެ.

"ތެދުތެދަށް ދަންނަވަންޏާ ވަރަށް ދަތިވޭ ކޮންޓިނިއުސްލީ ދެ ގަޑިއިރު ގޮނޑިއެއްގަ އިންނަންވެސް." ރައީސް ޔާމީން ވިދާޅުވިއެވެ.

ކުރިއަށް ހުރި ގިނަ ޝަރީއަތްތައްވެސް ތާވަލުކޮށްފައިވަނީ ހެނދުނުން ފެށިގެން މެންދުރުގެ ވަގުތުތަކާއި އެކުކަން ފާހަގަކޮށް ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ އުނަގަނޑުގެ ހާލަތަށް ރިއާޔަތް ކޮށްދިނުމަށްއެދިފައެވެ.

ރައީސް ޔާމީންގެ ވާހަކަތަކާއި ގުޅިގެން ފަނޑިޔާރު މަހާޒު އަލީ ޒާހިރު ވިދާޅުވީ ޝަރީއަތުން އެކަމަށް ރިއާޔަތްކޮށް ދިގު އަޑުއެހުންތައް ބޭއްވުމާ ގުޅޭގޮތުން މަޝްވަރާކުރުމަށްފަހު ގޮތެއް ނިންމަވާނެކަމަށެވެ.

ސުޕްރީމް ކޯޓުގައި މިއަދު ކުރިއަށްދާ އަޑުއެހުމުގައިވެސް ކުރިއަށްދަނީ ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފު ކޮށްފައިވާ 22 ނުކުތާގެ ތެރެއިން ބާކީ ހުށަނޭޅި ހުރި ނުކުތާތައް ހުށަހެޅުމަށެވެ.

ސުޕްރީމް ކޯޓުގައި ރައީސް ޔާމީންގެ މިއަދުގެ އަޑުއެހުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހެނދުނު 09:00 އިން 12:00 އަށް އަދި މެންދުރު 13:30 އިން 15:00 އަށެވެ. ދެން އަޑުއެހުމެއް ތާވަލުކޮށްފައިވަނީ ސެޕްޓެމްބަރު 20 ވަނަ ދުވަހު ހެނދުނު 09:00 އިން 12:00 އަށެވެ. އަދި ސެޕްޓެމްބަރު 23 އަދި 27 ވަނަ ދުވަހު ހެނދުނު 09:00 އިން 12:00 އަށް އަދި މެންދުރު 13:30 އިން 15:00 އަށެވެ.

ރައީސް ޔާމީންގެ ފަރާތުން ވަނީ ސުޕްރީމް ކޯޓުގައި އެމަނިކުފާނު ކަފާލާތުގެ ދަށުން ދޫކޮށް ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރަކަށް އެދިފައެވެ.

ރައީސް ޔާމީންގެ މައްޗަށް މަނިލޯންޑްރިންގެ ކުށް ސާބިތުވެ 5 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމާއެކު 5،000،000 ޔޫއެސް ޑޮލަރުން ޖޫރިމަނާކޮށް، އެ ފައިސާ މަދުވެގެން 6 މަސްދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް ދެއްކުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ 28 ނޮވެންބަރު 2019 ގައެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު މަހާޒް ޢަލީ ޒާހިރާއި ފަނޑިޔާރު ޑރ.އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު ޑރ.މުހައްމަދު އިބްރާހީމްއެވެ.