Last Updated: April 19, 06:56
Friday, April 19, 2024
ޚަބަރު އެމްޑީޕީ

އެތެރޭގެ އެންމެ ބޮޑު އިންތިހާބުގެ ވޯޓުލުން މިއަދު، ވާދަވެރިންކަން ވެސް އެހާ ބޮޑު

ރާއްޖޭގައި ސިޔާސީ ޕާޓީއަކުން ބާއްވާ އެންމެ ބޮޑު އެތެރޭގެ އިންތިހާބުގެ ވޯޓުލުން މިއަދު އެމްޑީޕީގައި ކުރިއަށްދާނެ އެވެ.

އެންމެ މެމްބަރުންވެސް ގިނަ ޕާޓީގޮތުގައި އޮތް އެމްޑީޕީގެ ދާއިރާތަކުގެ ހިންގާ ކޮމެޓީ އިންތިހާބުކުރުމަށް ނަގާ ވޯޓުގައި 93000 މީހުނަށް ވޯޓުލުމުގެ ހައްގު ލިބޭ ކަމަށް އެމްޑީޕީން ބުނެ އެވެ. އެމްޑީޕީގައި މި ވަގުތު ސައްހަ މެމްބަރުންގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުގައި ދަފްތަރުގައި ތިބީ 53139 މެމްބަރުންނެވެ. އެހެން ނަމަވެސް އެމްޑީޕީން މި އިންތިހާބުގައި ބަލަނީ އެމްޑީޕީގެ ދަފްތަރުގައި ތިބި މީހުނަށެވެ.

އެމްޑީޕީން ބާއްވާ އެންމެ ވާދަވެރި އިންތިހާބު

އެމްޑީޕީގެ ދާއިރާތަަކުގެ ރައީސުންނަކީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުން ކަމަަށް ކަނޑައެޅިގެންދާއިރު މި އިންތިހާބުގެ ފޯރި އެހެން ފަހަރުތަކާ ހިލާފަށް މި ފަހަރު ވަނީ ބޮޑުވެފައި އެވެ. އެންމެ ބޮޑަށް އިންތިހާބުގެ ވާދަވެރިކަން އިތުރުވި ސަބަބަކީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި އެ ޕާޓީގެ އެންމެ އިސް ލީޑަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ދެެމެދުގައި ހިޔާލު ތަފާތުވުން އުފެދި ދެ ފެކްޝަނެއް އުފެދިފައުވާތީ އެވެ. އެެހެންވެ ގިނަ ދާއިރާތަކުގައި ތިބީ ރައީސް ސޯލިހްގެ ފެކްޝަނުގެ ކެންޑިޑޭޭޓުންނާއި ރައީސް ނަޝީދުގެ ކެންޑީޑޭޓުންނެވެ.

އިންތިހާބުގެ ކުރިންވެސް މައްސަލަތައް

މި އިންތިހާބުގެ ބޭއްވުމުގެ ކުރިންވެސް ބޮޑެތި ތުހްމަތުތަކާ މައްސަލަތައް ފެންމަތިވި އެވެ. އެގޮތުން އުތުރު ޕްރޮވިންސްގެ ރައީސް ކަމަށް ވާދަކުރައްވާ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފާއި މާލޭގެ ރައީސް ކަމަށް ވާދަކުރައްވާ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނަށް އެ އިންތިހާބުގައި ވާދަ ނުކުރެއްވޭނެ ކަމަށް އެ ޕާޓީގެ އިންތިހާބާ ބެހޭ ކޮމެޓީން ނިންމި އެވެ.

ޔޫތު މިނިސްޓަރ އަހްމަދު މަހްލޫފު:-

އެހެން ނަމަވެސް އެ ނިންމުމާ ހިތްހަމަނުޖެހިގެން އަކްރަމާއި މަހްލޫފު އެ ޕާޓީގެ ގައުމީ ހިންގާ ކޮމެޓީއަށް ހުށައެޅި މައްސަލަ ޕާޓީގެ ޝަކުވާ ކޮމެޓީއަށް ހުށައެޅުމުން އަކްރަމްއަށް ކުރިމަތިލެވޭނެ ކަމަށް ނިންމި އެވެ. އެހެން ނަމަވެސް މަހްލޫފަށް ކުރިމަތިނުލެވޭނެ ކަމަށް ޝަކުވާ ކޮމެޓީން ނިންމި އެވެ. އަދި އޭނާއަށް ކުރިމަތި ލެވޭނެ ކަމަށް ކަނޑައެޅިގެން ދިޔައީ އެ ޕާޓީގެ އިސްތިއުނާފު ފަނޑިޔާރުގެ މަޖިލީހުގެ ނިންމުމާއެކު އެވެ،

700 އަށްވުރެއް ގިނަ ކެނޑިޑޭޓުން

މި އިންތިހާބުގައި 455 މަގާމުތަކަށް 735 މެމްބަރުން ކުރިމަތިލާފައިވެ އެވެ. މި އިންތިހާބުގައި މެމްބަރުން އިންތިހާބުކުރާނީ ދާއިރާ، ޕްރޮވިންސް އަދި ސިޓީ ތަކުގެ ރައީސުންނާއި ނައިބު ރައީސުން، ދާއިރާ، ޕްރޮވިންސް އަދި ސިޓީ ތަކުގެ ސެކްރެޓަރީންނާއި ނައިބުންގެ އިތުރުން މީޑިއާ ސެކެރެޓަރީންނެވެ.

މި މި އިންތިހާބުގައި 300 އެއްހާ ވޯޓު ފޮއްޓެއް ބެހެއްޓުމަށް ނިންމާފައިވާއިރު 900ހާ އޮފިޝަލުން ހަރަކާތްރިވާނެ އެވެ.

އިންތިހާބަކާނުލާ ގައުމީ މަޖިލީހަށް ހަ މެމްބަރުން

އިންތިހާބުގައި ގިނަ ދާއިރާތަކުގައި ވާދަވެރިކަން ބޮޑުވި ނަމަވެސް ވާދަވެރިކަމެއް ނެތް، ހަ ދާއިރާއަކުން ގައުމީ މަޖިލީހަށް މެމްބަރުން ވަނީ ވޯޓަކާ ނުލާ ހޮވިފައި އެވެ. އެއީ އެ ކެންޑިޑޭޭޓުންނާ ވާދަކުރާނެ އެހެން ކެންޑިޑޭޓުން ނެތުމުންނެވެ.

އިންތިހަބަކާނުލާ ގައުމީ މަޖިލީހަށް މެމްބަރުން ހޮވުނު ދާއިރާތައް:

– ޅ. ހިންނަވަރު، މޫންލައިޓް، އާދަމް ޔޫސުފް / ހިންނަވަރު ދާއިރާ

– ލ. މައިބައިދޫ، ވައިމަތީގެ، އަހްމަދު ޝުހާދު/ އިސްދޫ ދާއިރާ

– ހއ. ހޯރަފުށި، ހުސްނުހީނާގެ، އަރުޝަދު އަޝްރަފް/ ހޯރަފުށީ ދާއިރާ

– ށ. ކޮމަންޑޫ، ވިލުދޮޅި، މުހައްމަދު ޖަލާލް/ ކޮމަންޑޫ ދާއިރާ

– ފުވައްމުލައް، ގޮމަތަނަގެ، އިބްރާހިމް ސައީދު މުހައްމަދު/ ފުވައްމުލަކު އުތުރު ދާއިރާ ރައީސް

މުހައްމަދު ޒިޔާދު (ޒިޔައްޓެ)/ މާފަންނު އުތުރު ދާއިރާ ރައީސް

މީގެ ތެރޭގައި ބައެއް ދާއިރާތަކުގެ ހިންގާ ކޮމެޓީގެ ހުރިހާ މަގާމަކަށްވެސް މެމްބަރުން އިންތިހަބާކާ ނުލާ ހޮވިފައިވެއެވެ. އެގޮތުން
ހޯރަފުށިދާއިރާ އާއި ކޮމަންޑޫ ދާއިރާ އާއި ހިންނަވަރު ދާއިރާގެ ރައީސްގެ އިތުރުން އެ ދާއިރާގެ ހިންގާ ކޮމެޓީގެ އެހެން ހުރިހާ މަގާމަކަށްވެސް އިތުރު ކެންޑިޑޭޓެއް ވާދަނުކުރާތީ އިންތިހާބާ ނުލާ ވަނީ ހޮވިފައި އެވެ.

ވޯޓުލުން ކުރިއަށްދާނީ ހޮނިހިރު ދުވަހު ހެނދުނު 9:00 އިން ހަވީރު 5:00އަށެވެ.