Last Updated: April 24, 23:11
Thursday, April 25, 2024
ޚަބަރު އެމްޑީޕީ

އެމްޑީޕީގެ އެތެރޭގެ އިންތިހާބު: ޕީޕީއެމް މެމްބަރުން ވެސް ފޯރީގައި ވޯޓު އަޅަނީ

އެމްޑީޕީގެ އެތެރެރޭގެ އިންތިހާބުގައި ވޯޓުލަނީ

މިއަދު ކުރިއަށްދާ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ރަށްރަށުގައި ފާޅުގައި އުޅެމުންދާ އިދިކޮޅު ޕީޕީއެމްގެ ގިނަ މެމްބަރުން ވޯޓުލަމުން އެބަދެ އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހަށް މެމްބަރުން ހޮވާ މި އިންތިހާބު ވެފައިވަނީ އެމްޑީޕީ އުފެދުނު ފަހުން ދާއިރާގެ ހިންގާ ކޮމެޓީއަށް މެމްބަރުން ހޮވާ އެންމެ ފޯރިގަދަ އަދި އެންމެ ވާދަވެރި އިންތިހާބަށެވެ. އެމްޑީޕީގައި އުފެދިފައިވާ ދެ ފެކްޝަނާހުރެ އެމްޑީޕީ ތެރޭގައި ވާދަވެރިކަން ބޮޑުވުމުން ވޯޓުލާން ނިކުން މީހުންގެ އަދަދުވެސް އިތުރުވާނެ ކަމަށް ބެލެވެ އެވެ. މިއަދު ހެނދުނު 9.00 އިން ފެށިގެން ކުރިއަށްދާ މި އިންތިހާބުގައި މިހާތަނަށް އައިރު ފެނުނީ އެމްޑީޕީ އާ އިދިކޮޅު ޕީޕީއެމްގައި މިހާރު ތިބި ގިނަ މެމްބަރުން ވެސް ފޯރީގައި ވޯޓުލާން ދާތަނެެވެ. އެމްޑީޕީ ނޫން އެހެން ޕާޓީތަކުގައި ތިބި މެމްބަރުންނަށް ވޯޓުލާން ފުރުސަތު ލިބުނީ އެމްޑީޕީން ވޯޓުލާން ގެންގުޅެނީ އިލެކްޝަނުގައި އޮތް މެންބަރުންގެ ލިސްޓަށް ކަމަށްނުވާތީ އެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ބަޔަކު ވޯޓުލާން ދަނީ

އެންމެ މެމްބަރުން ގިނަ ޕާޓީގޮތުގައި އޮތް އެމްޑީޕީގެ ދާއިރާތަކުގެ ހިންގާ ކޮމެޓީ އިންތިހާބުކުރުމަށް ނަގާ ވޯޓުގައި 93000 މީހުނަށް ވޯޓުލުމުގެ ހައްގު ލިބޭ ކަމަށް އެމްޑީޕީން ބުނެ އެވެ. އެމްޑީޕީގައި މި ވަގުތު ސައްހަ މެމްބަރުންގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުގައި ދަފްތަރުގައި ތިބީ 53139 މެމްބަރުންނެވެ. އެހެން ނަމަވެސް އެމްޑީޕީން މި އިންތިހާބުގައި ބަލަނީ އެމްޑީޕީގެ ދަފްތަރުގައި ތިބި މީހުނަށެވެ. އެހެން ކަމުން މި އިންތިހާބުގައި 39000 އަށްވުރެ ގިނަ އެމްޑީޕީ ނޫން މެމްބަރުން މި އިންތިހާބުގައި ވޯޓުލާން ފުރުސަތު ލިބިފައިވެ އެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވޯޓުލުން ކުރިއަށްދާއިރު ކެންޑިޑޭޓުންގެ ފަރާތުން މެމްބަރުން މަރުކަޒު ބޭރުގައި ހަރަކާތްތެރިވަނީ

ޕީޕީއެމް މެމްބަރުން ވޯޓުލާން ނިކުންނަނީ އެމްޑީޕީ އެތެރޭގެ މައްސަލަ ހޫނުކުރަން؟!

ސުވާލަކީ އެމްޑީޕީގެ މި އިންތިހާބުގައި ޕީޕީއެމްގައި އިސްކޮށް އުޅޭ މީހުން ވޯޓުލަނީ ކީއްވެހެއްޔެވެ. ހުޅުދޫ ދާއިރާގެ ވޯޓުފޮއްޓަށް ވޯޓުލާން ދިޔަ ޕީޕީއެމްގެ މެމްބަރު އައްބާސް ވާފިރު އައްޑޫލައިވްއަށް ބުނީ އެމީހުން ވޯޓުލާން ނިިކުތީ ރައީސް ނަޝީދުގެ ދިފާއުގައި ކަމަށެވެ.

" އަޅުގަނޑު ގަބޫލުކުރަނީ އަޅުގަނޑުމެން އޮޕޮސިޝަނުންވެސް މިކަމުގައި ބައިވެރިވުންތަކެއް އޮންނަން ޖެހޭ ކަމަށް. ސަބަބަކީ އެމްޑީޕީ އަކީ އެންމެ ޑިމޮކްރަޓިކް ޕާޓީކަމަށް ވަކާލާތު ކުރައްވާ ބޭފުޅުން އަބަދުވެސް، އެހެން ކަމަށްވާނަމަ އަޅުގަނޑުމެނަށް ފެނިގެން މިދަނީ އެމްޑީޕީ ދެފެކްޝަނަކަށް ބައިވެގެންދާތަން. ހަގީގަތަކީ އެމްޑީޕީގެ ހަގީގީ ލީޑަރަކީ މުހައްމަދު ނަޝީދު. އެެހެންވީމަ އަޅުގަނޑުވެސް ގަބޫލެއް ނުކުރަން އިދިކޮޅުމީހެއްގެ ހަސިއްޔަތުން، މުހައްމަދު ނަޝީދު ބުޅަލަށް ދީފައި މި ޕާޓީ އެހެން މީހަކަށް ދީލުކޮށްލުން، އެއީ އަޅުގަނޑުމެންވެސް ގަބޫލުކުރާނެ ކަމެއް ނޫން،" އައްބާސް ވާފިރު ބުންޏެވެ.

އިންތިހާބުގައި ވޯޓުލުން ކުރިއަށްދާއިރު ކެންޑިޑޭޓުންގެ ފަރާތުން މެމްބަރުން މަރުކަޒު ބޭރުގައި ހަރަކާތްތެރިވަ

މިއަދުގެ އިންތިހާބުގައި ވޯޓުލާ ޕީޕީއެމްގެ މެމްބަރުންނަކީ މީގެ ކުރިން ކޮންވެސް އިރެއްގައި އެމްޑީޕީއަށް ސޮއިކުރުމަށްފަހު ފަހުން ޕީޕީއަށް ބަދަލުވެފައިވާ މެމްބަރުންނެވެ. އަދި އޭގެ ތެރެއިން ބައެއް މީހުންނަކީ މީގެ ކުރިންވެސް ޕީޕީއެމްގައި ތިބުމަށްފަހު އެމްޑީޕީގެ ޕްރައިމަރީގައި ވޯޓުލުމުގެ ބޭނުނުގައި ޕާޓީއަށް ވަދެފައިވާ މީހުނެވެ.

އެމްޑީޕީން ބާއްވާ އެންމެ ވާދަވެރި އިންތިހާބު

އެމްޑީޕީގެ ދާއިރާތަަކުގެ ރައީސުންނަކީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުން ކަމަަށް ކަނޑައެޅިގެންދާއިރު މި އިންތިހާބުގެ ފޯރި އެހެން ފަހަރުތަކާ ހިލާފަށް މި ފަހަރު ވަނީ ބޮޑުވެފައި އެވެ. އެންމެ ބޮޑަށް އިންތިހާބުގެ ވާދަވެރިކަން އިތުރުވި ސަބަބަކީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި އެ ޕާޓީގެ އެންމެ އިސް ލީޑަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ދެެމެދުގައި ހިޔާލު ތަފާތުވުން އުފެދި ދެ ފެކްޝަނެއް އުފެދިފައުވާތީ އެވެ. އެެހެންވެ ގިނަ ދާއިރާތަކުގައި ތިބީ ރައީސް ސޯލިހްގެ ފެކްޝަނުގެ ކެންޑިޑޭޭޓުންނާއި ރައީސް ނަޝީދުގެ ކެންޑީޑޭޓުންނެވެ. އިންތިހާބުގައި މީގެ ކުރިން އެތެރޭގެ އިންތިހާބެއްގައި ވޯޓުލާން ނުނިކުންނަ ވަރަށް ވޯޓުލާން މީހުން ނިކުންނާނެކަމަށް މިހާރުވެސް ވަނީ ބެލެވިފައި އެވެ.