Last Updated: April 18, 06:09
Thursday, April 18, 2024
ޚަބަރު އެމްޑީޕީ

ވޯޓު ފޮށިން ކަންކަން ނިންމުމަކީ އެމްޑީޕީގެ އެންމެ މުހިންމު އަމާޒު: ރައީސް ނަޝީދު

ވޯޓު ފޮށިން ކަންކަން ނިންމުމަކީ އެމްޑީޕީގެ އެންމެ މުހިންމު އަމާޒުކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުން ކުރިއަށްދާއިރު ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، މިއަދަކީ ޤައުމިއްޔަތު ބިނާކުރުމުގައި ފަޚުރުވެރި ކާމިޔާބީއެއް ހޯދޭ ދުވަހެއްކަމަށެވެ.

އެގޮތުން އެންމެންގެ ބައިވެރިވުމާއި ވޯޓު ފޮށިން ކަންކަން ނިންމުމަކީ އެމްޑީޕީގެ މުހިންމު އަމާޒެއްކަމަށް ރައިސް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުން މިއަދު ފަށާފައިވަނީ ހެނދުނު 09:00 ގައެވެ. ވޯޓުލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހަވީރު 05:00 އާ ހަމައަށެވެ.

މި އިންތިހާބުގައި އެމްޑީޕީގެ ޕްރޮވިންސްތަކާއި ސިޓީތަކާއި ދާއިރާތަކަށް 455 ބޭފުޅުން އިންތިހާބު ކުރާނެއެވެ. މި އިންތިހާބުގައި 300 ވޯޓު ފޮށި ބަހައްޓާނެކަމަށް އެމްޑީޕީން މައުލޫމާތުދެއެވެ. އިންތިހާބަށް ކުރިމަތިލި ކެނޑިޑޭޓުންގެ ތެރެއިން 165 ކެނޑިޑޭޓަކު ވަނީ އިންތިހާބަކާނުލާ ހޮވިފައެވެ.

ޖުމުލަ 733 ކެނޑިޑޭޓުން ވާދަކުރާ މި އިންތިހާބަކީ އެމްޑީޕީގެ ތެރޭގައި މިހާރު އުފެދިފައިވާ ނުތަނަވަސްކަމުގައި ރައީސް މުހައްމަދު ނަޝީދު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ތެރެއިން ތާއީދު ބޮޑީ ކޮން ބޭފުޅަކަށްތޯ ބެލުމަށް ނެގޭ ވޯޓަކަށް ވެގެންދާނެކަމަށް ގިނަ ފަރާތްތަކަކުން ދެކެއެވެ.