Last Updated: April 27, 09:46
Saturday, April 27, 2024
ޚަބަރު ނަޝީދަށް ދެވުނު ޓެރަރިސްޓު ހަމަލާ

ނަޝީދަށް ދިން ހަމަލާ: އަދުހަމްގެ މުޅި ޝަރީއަތް ސިއްރު

އަހުމަދު އަދުހަމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާއާ ގުޅިގެން ދައުވާއުފުލާ، އަދި އެ ދައުވާތަކަށް އިއުތިރާފުވެފައިވާ އަހުމަދު އަދުހަމްގެ ޝަރީއަތުގެ ބާކީހުރި ބައިތައްވެސް ސިއްރުކުރުމަށް ނިންމައިފިއެވެ.

އަދުހަމްގެ ޝަރީއަތް ސިއްރުން ކުރިއަށްގެންދިއުމަށް މައްސަލަ ބައްލަވާ ފަނޑިޔާރުން ނިންމެވީ އެގޮތަށް އޭނާ އެދުމުންނެވެ.

މި މައްސަލައިގައި އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ މިމަހުގެ 21 ވަނަ ދުވަހުއެވެ. އެދުވަހުގެ އަޑުއެހުމުގައި އަދުހަމް ވަނީ އޭނާއާ ދެކޮޅަށް އުފުލާފައިވާ ދައުވާތަކަށް އިއުތިރާފްވެފައެވެ. އެއާއެކު އެދުވަހުގެ ޝަރީއަތް ސިއްރު ކުރިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެދުވަހު ސިއްރުކޮށްގެން ކުރިއަށްގެންދިޔަ އަޑުއެހުމުގައި އަދުހަމް ވަނީ ހަމަލާ ދިން ގޮތާއި ތުހުމަތު ކުރެވޭ މީހުން އެކަމުގައި ބައިވެރިވާ ގޮތް ކިޔައިދީފައެވެ.

އަދުހަމަކީ މެއި ހަވަނަ ދުވަހުގެރޭ އަތަމާ ޕެލަސް އިމާރާތުގެ އެތެރޭގައި ހުރެ ނަޝީދު ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް ރިމޯޓެއް ބޭނުންކޮށްގެން ބޮން ގޮއްވާލި މީހާއެވެ.

އަދުހަމްގެ މައްޗަށް ކުރާ ދައުވާތަކަކީ ޓެރަރިޒަމްގެ އަމަލެއް ކުރުމާއި ޓެރަރިޒަމްގެ އަމަލެއް ރޭވުމާއި ޓެރަރިސްޓް ޖަމާއަތަކަށް ތާއިދުކުރުމާއި ތޫހުނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލަން އުޅުމުގެ ދައުވާއެވެ.

މި ދައުވާތަކަށް އަދުހަމް އިއުތިރާފްވެ ވަނީ ދައުލަތާއެކު އެއްބަސްވުމެއް ހަދާފައެވެ. އެ އެއްބަސްވުން ހަދާފައިވަނީ އެ ކުށްތަކުގެ އަދަބަކަށް 23 އަހަރުގެ ޖަލު ހުކުމެއް އަންނަ ގޮތަށެވެ.