Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު ކޮވިޑު-19

އައްޑޫއިން 18 މީހުން ޕޮޒިޓިވް، ފޭދޫ އެކްޓިވް ކޭސް 100 އިން މައްޗަށް

ކޮވިޑް-19 ބަލި މީހުންގެ ސާމްޕަލް ނެގުމަށް ހަރަކާތްތެރިވަނީ-- ފޮޓޯ: އައްޑޫލައިވް

އައްޑޫ ސިޓީން އިތުރު 18 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އައްޑޫ ހޮސްޕިޓަލުން ބުނީ މިއަދު ހަވީރު 6 ޖެހުމާ ހަމައަށް ފެނުނު 18 ކޭސްގެ ތެރެއިން 8 ކޭސް ފެނިފައިވަނީ ހިތަދޫން ކަމަށާއި އަދި 8 ކޭސް ފޭދޫން ފެނިފައިވާއިރު އަނެއް ދެ ކޭސް ފެނިފައިވަނީ މަރަދޫ އަދި މަރަދޫފޭދޫއިން ކަމަށެވެ.

މީގެތެރޭގައި ހިމެނެނީ 13 ޑައިރެކްޓް ކޮންޓެކްޓުންނާއި، އެއް ރެންޑަމް ސާމްޕަލް އާއި ދެ ފްލޫ ސާމްޕަލް އަދި ދަތުރުކުރި އެއްމީހެކެވެ.

މިއަދު އައްޑޫއިން މިބަލީގައި ވަނީ 34 މީހަކު ރަނގަޅުވެފައެވެ. މިއާއެކު މިބަލީގައި ރަނގަޅުވި މީހުންގެ ޖުމުލަ އަދަދުވަނީ 1185 އަށް އަރާފައެވެ.

އައްޑޫގެ އަވަށްތަކުގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ކޮވިޑްގެ އެކްޓިވް ކޭސް މިހާރު އުޅެނީ ފޭދޫގައެވެ. އެގޮތުން ފޭދޫގައި ކޮވިޑްގެ 107 ކޭސް އުޅޭއިރު، މަރަދޫގައި 37 ކޭސް، ހިތަދޫގައި 60 ކޭސް، މަރަދޫފޭދޫގައި ފަސް ކޭސްގެ އިތުރުން ގަމުގައި ވެސް އެއް ކޭސް އުޅޭ ކަމަށް ހޮސްޕިޓަލުން ބުނެއެވެ. އެއާއެކު އައްޑޫގެ މުޅި ޖުމްލަ އެކްޓިވް ކޭސްގެ އަދަދު ވަނީ 210 އަށް އަރާފައެވެ.

އައްޑޫ ކޮވިޑް ފެސިލިޓީގައި ހަ މީހަކަށް ފަރުވާ ދެމުންދާއިރު، މި ބަލީގައި އައްޑޫ އިން ވަނީ ތިން މީހަކު ނިޔާވެފައެވެ.