Last Updated: April 19, 22:45
Friday, April 19, 2024
ރިޕޯޓް އެމްޑީޕީ

އެމްޑީޕީ އެތެެރޭޭގެެ އިންތިހާބު: ރައީސް ސޯލިހަށް ބޮޑު އުއްމީދެއް، ނަޝީދަށް ބޮޑު ފިލާވަޅެއް

އެމްޑީޕީން ބޭއްވި ޖަލްސާއެއްގައި ރައީސް ނަޝީދު - ފޮޓޯ: ސަން

އެމްޑީޕީގެ ތާރީހްގައިވެސް މިއީ އެ ޕާޓީން ބޭއްވި އެންމެ ވާދަވެރި އިންތިހާބެވެ. އިންތިހާބުގެ ނަތީޖާތައް މިހާރު ލިބި ގައުމީ މަޖިލީހަށް އިންތިހާބުވީ ކޮންބައެއްކަންވެސް މިހާރު ކަށަވަރު ކުރެވިއްޖެ އެވެ. އެމްޑީޕީގެ ހަޔާތުގައިވެސް ދާއިރާތަކުގެ އިންތިހާބު މިހާ ވާދަވެރިިކޮށެއްނުދެ އެވެ. އޭގެ ސަބަބުތައް ބައިވަރެވެ. މިހާރު ދައްކަނީ ނަތީޖާގެ ވާހަކައެވެ. 93000 މީހުނަށް ފުރުސަތު ލިބިގެންދިޔަ އިންތިހާބުން ނިކުތީ ކޮން ނަތީޖާއެއްތޯ ބަލާލަންވެސް ޖެހެ އެވެ.

ވާދަކުރީ ރައީސް ސޯލިހާއި ރައީސް ނަޝީދުގެ ކެންޑިޑޭޓުން؟

މި އިންތިހާބަކީ އެތެރޭގެ އިންތިހާބަކަށްވިއަސް މި އިންތިހާބު ބާއްވަން ޖެހުނީ އެމްޑީޕީގެ އެންމެ އިސް ދެ މަގާމުގައި ތިބި ބޭފުޅުންގެ ހިޔާލު ދެކަފިވެ ދެ ބަޔަކަށް މީހުން ބެހިފައި ވަގުތެއްގައި އެވެ. އެމްޑީޕީގެ އެންމެ އިސް ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް ރިޔާސީ ދެ ވަނަ ދައުރަކަށް އެމްޑީޕީގެ ޓިކެޓަށް ވާދަކުރައްވާނެ ކަމަށް ބެލެވޭއިރު އެ ޕާޓީގެ ރައީސް، މުހައްމަދު ނަޝީދު ވަނީ ދެން އޮތް އިންތިހާބުގެ ޓިކެޓަށް ވާދަކުރައްވާނެކަން އިއުލާނު ކުރައްވާފައިއެވެ. އެހެން ކަމުން އެމްޑީޕީގެ ދާއިރާތަކުގެ ހިންގާ ކޮމެޓީއަށް ކުރިމަތިލި ކެންޑިޑޭޓުންގެ ތެރޭގައި ރައީސް ސޯލިހަށް ތާއިދުކުރާ ކެންޑިޑޭޓުންނާއި ރައީސް ސޯލިހަށް ތާއީދުކުރާ ކެންޑިޑޭޓުން ތިއްބެވި އެވެ.

އެމްޑީޕީގެ އެތެރެރޭގެ އިންތިހާބުގައި ވޯޓުލަނީ

އަދި ރައީސް ސޯލިހްގެ ފެކްޝަނުނާއި ރައީސް ނަޝީދުގެ ފެކްޝަނުން ވަކި ކެންޑިޑޭޓުންތަކެއް އިންތިހާބުކުރަން މަސައްކަތްވެސް ކުރިއެވެ. އަލިފުށީ ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު(ބިގޭ) އަކީ ރައީސް ސޯލިހްގެ ކެންޑިޑޭޓްކަމާއި އޭނާއާ ވާދަކުރެއްވި އިނގުރައިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ހަސަން މުހައްމަދު (ހަސަންޓޭ) އަކީ ރައީސް ނަޝީދުގެ ކެނޑިޑޭޓުކަން އެންމެނަށް ވެސް އެނގޭފަދައިންނެވެ. މާލޭ ސިޓީގެ ރައީސްކަން ކާމިޔާބު ކުރެއްވި ޝިފާ މުހައްމަދު ހޮވަން ރައީސް ނަޝީދުގެ ފެކްޝަނުން ފޫގަޅާފައި ނިކުތްއިރު ޝިފާއާ ވާދަކުރެއްވި އަކްރަމް ކަމާލުއްދީ އަކީ ނަޝީދާ ހިޔާލު ތަފާތުވެފައިވާ ބޭފުޅެއްކަން އެންމެނަށްވެސް އޮތީ އެނގިފައި އެވެ.

އިންތިހާބު ރައީސް ސޯލިހަށް ކާމިޔާބުވެ ބޮޑު އުއްމީދެއް

މި އިންތިހާބުގެ ނަތީޖާއަށްފަހު ރައީސް ނަޝީދާއި އެމަނިކުފާނުގެ ފެކްޝަނުން މިއީ ދެ ފެކްޝަނުގެ ވާދަވެރިކަމެއް ނޫން ކަމަށް ބުނި ނަމަވެސް ރައީސް ސޯލިހްގެ ފެކްޝަނުން ދެކެނީ މިއީ އެ ފެކްޝަނަށް ލިބުނު ކާމިޔާބުކޮށްފި ކަމަށެވެ.

"އަހަރަމެން މޮޅުވީ. ރައީސް ސޯލިހްގެ ފެކްޝަނުން ގައުމީ މަޖިލީހުގެ ގިނަ ގޮނޑިތައް ކާމިޔާބުކޮށްފި އެކަން މިހާރު ކަށަވަރުވެއްޖެ،. ނަތީޖާ ލިބެމުންދާ ވަރަކުން އަދި ޔަގީންވާނީ އިތުރު ގޮނޑިތައްވެސް ލިބެންޏާ. މިހާރު މި އޮތް ގޮތުން ގައުމީ މަޖިލީހުގެ ކޯރަމްވެސް ދެން ހަމަވާނީ ރައީސް ސޯލިހަށް ތާއިދުކުރާ ކެންޑިޑޭޓުންގެ ބަހެއް އޮވެގެން. މި ބުނީ އެމީހުން ނުދާ ޖަލްސާއަކުން ދެން ކޯރަމްވެސް ހަމަނުވާނެ،" އެތެރޭގެ އިންތިހާބުގެ ނަތީޖާއާމެދު ރައީސް އޮފީހުގައި މަސައްކަތްކުރާ ސިޔާސީ ބޭފުޅަކު ވިދާޅުވިއެވެ.

ރައީސް ސޯލިހަށް މި އިންތިހާބު ކާމިޔާބުކުރެއްވި ކަމަށް ބުނާ އަނެއް ސަބަބަކީ ރައީސް ނަޝީދުގެ ނުރުހުމުގެ ބަސްތައް ރައްދު ކުރައްވާފައިވާ ކެންޑިޑޭޓުނާއި އެމްޑީޕީ އެތެރޭގެ ތަޅާފޮޅުންގަނޑު ތެރޭގައި ރައީސް ސޯލިހުގެ ދިފާއުގައި އުޅުއްވާ ބޭފުޅުން ބޮޑު ފަރަގަކުން މި އިންތިހާބުކާމިޔާބު ކުރައްވާފައިވުމެވެ.

ރައީސް ސޯލިހްގެ ފެކްޝަނުން އިންތިހާބު ކާމިޔާބު ކުރެއްވި ބައެއް ބޭފުޅުން

އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު
އިކްނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް
ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފު
ފިނޭސްމިނިސްޓަރ އިބްރާހިމް އަމީރު
ކާށީދޫ ދާއިރާގެ ރައީސް އަބްދުﷲ ރިއްފަތު
ހުޅުދޫ ދާއިރާގެ ރައީސް ސާމިއު އަންވަރު
އައްޑޫ މީދޫ ދާއިރާގެ ރައީސް ނިއުމާ
ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު
އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު

ރައީސް ސޯލިހްގެ ކެންޑިޑޭޓުނަށް ލިބުނު ކާމިޔާބާއެކު ރައީސް ނަޝީދާއި އެމަނިކުފާނުގެ ސަޕޯޓަރުން މިއީ ދެ ފަރާތުގެ ތަޅާފޮޅުމެއް ނޫން ކަމަށް މިހާރު ބުނި ނަމަވެސް ރައީސް ނަޝީދާއި އެމަނިކުފާނުގެ ފެކްޝަނުގެ އިސް ބޭފުޅުން އިންތިހާބުގެ ކުރިން ދައްކަވާފައި ހުރި ވާހަކަތަކާއި އަމަލުކުރައްވާފައި ހުރި ގޮތުން ވަކި ކެންޑިޑޭޓުންތަކަކަށް ތާއީދުކުރިކަން އެނގެ އެވެ. އަދި ރައީސް ސޯލިހްގެ ފެކްޝަނުގެ މީހަކު ވާދަކުރާތީ އޭ ބުނެ ރައީސް ނަޝީދުގެ ފެކްޝަނުން ކެންޑިޑޭޓުން ނެރެފައި އެބަ ހުއްޓެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއްގެ ތެރެއިން – ފޮޓޯ: އެމްޑީޕީ

އަނެއްކޮޅުން ރައީސް ނަޝީދު ވަނީ އިންތިހާބުކުރިން ވަކި ކެންޑީޑޭޓުންތަކަށް ތާއީދުކުރައްވާފައި އެވެ. އެއީ ބަރުލަމާނީއަށް ތާއީދު ކުރައްވާ ކެންޑިޑޭޓުން ކަމަށް އެމަނިކުފާނު ފާޅުގައި ވިދާޅުވެފައިވެސްވެ އެވެ. އެހެން ކަމުން މި އިންތިހާބުގައި އެމަނިކުފާނު ވަކި ކެންޑިޑޭޓުންތަކަށް ތާއިދުކުރެއްވިކަން އެއީ ބަހުސެއް ނޫނެވެ. އެއަށްވުރެ ސާފުކޮށް ރައީސް ނަޝީދު އޭގެ ކުރިން ވިދާޅުވެފައި އެބަވެ އެވެ. އެމަނިކުފާނު ސީދާ ވަކި ކެންޑިޑޭޓުތަކެއް ހޮވުމަށް ނުސީދާކޮންނާއި ސީދާ ކޮން މަސައްކަތް ކުރެއްވި ކަމަށް ބައެއް ކެންޑީޑޭޓުންވެސް ބުނެ އެވެ.

އޭގެ އިތުރުން ރައީސް ސޯލިހް ވަކި ކެންޑިޑޭޓުތަކެއް އިންތިހާބުކުރަން ނުފޫޒު ބޭނުންކުރި ކަމަށާއި ވަޒީފާގެ ބިރު ދައްކާ ކަމަށް ރައީސް ނަޝީދުގެ ފެކްޝަނުން އިންތިހާބުގެ ކުރިން ތުހްމަތުތައްވެސް ކުރި އެވެ.

އެހެންނަމަވެސް ރައީސް ސޯލިހްގެ ފެކްޝަނުން ގައުމީ މަޖިލީހުގެ ގިނަ ގޮނޑިތައް ކާމިޔާބުކުރުމުން ރައީސް ނަޝީދުގެ ފެކްޝަނުން ރާގުބަދަލުކޮށްލީ އެވެ. މިއީ ދެ ފަރާތުގެ ތަޅާފޮޅުމެއް ނޫން ކަމަށް ދައްކަންދޭން މަސައްކަތްކުރި އެވެ. ނަމަވެސް މިއީ ދެ ފެކްޝަނުގެ ދެމެދުގައި ކުރެވުނު "ފިނި ހަނގުރާމަ"އެއް ކަމަށް ސިޔާސީ މަޝްރަހް ދިރާސާކުރައްވާ ބައެއް ފަރާތްތަކުން ދެކެ އެވެ.

ރައީސް ސޯލިހްގެ ސިޔާސީ ކުރިމަގަށް ބޮޑު އުއްމީދެއް

އެމްޑީޕީގެ އެތެރޭގެ އިންތިހާބާ ކުރިމަތިލި ވަގުތަކީ ރައީސް ސޯލިހާ ދެކޮޅަށް ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ރައީސް ނަޝީދު އިއުލާންކުރައްވާފައިވާ ދުވަސްވަރެވެ. ރައީސް ސޯލިހްވެސް ހުންނެވީ ދޫދޭ ގޮތައްހެނެއް އެމަނިކުފާނުގެ ބަސްމަގުން ހުޔެއްނުވެ އެވެ. އެހެންކަމުން އެމްޑީޕީގެ ގައުމީ މަޖިލީހަކީ އެމްޑީޕީގެ މައި އެއް ގުނަވަންކަމަށްވާއިރު އެތަނުގެ މެޖޯރިޓީއަކީ ރައީސް ސޯލިހަށް މުހިންމު ތަނަކަށްވާނެ އެވެ.

އެމްޑީޕީގެ ކޮންގްރެސްއަކީ ވަކިން ހާއްސަ ހާލަތެއްގައި ފިޔަވާ ވަކި މުއްދަތެއްގައި ބޭއްވޭ އެއްޗަކަށްވާއިރު ގައުމީ މަޖިލީހުގެ ނިންމުމަކީ ޕާޓީގެ ބާރުގަދަ ނިންމުމަކަށްވެ އެވެ. އެހެން ކަމުން އެމްޑީޕީ އެތެރެ ދެފަޅިވެފައިވާ މި ދަނޑިވަޅު، ރިޔާސީ އިންތިހާބަށް ކުޑަތަންވަމުންދާއިރު މިއީ ރައީސް ސޯލިހަށް ލިބުނު މުނާސަ ކާމިޔާބީއެއް ކަމަށް ރައީސް ސޯލިހްގެ ފެކްޝަނުން ދެކެއެވެ.

ނަޝީދުގެ ތާއީދު ކުޑަވަމުންދާކަމުގެ ސިގުނަލެއްތަ؟

"ރަށެއްގެ ކައުންސިލަކަށް ރައީސް ނަޝީދު ތިން ފަހަރަށް ގުޅި އަޅުގަނޑަށް ވޯޓު ނުދޭށޭ ކިޔާފައި. އެވަރަށް މަސައްކަތްކުރި އަޅުގަނޑު ހޮވުނަ ނުދޭން،"

 

މިއީ ރައީސް ސޯލިހްގެ ފެކްޝަނުން ހޮވުނު ބޭފުޅަކު ނަން ނުޖެހުމަށް ޝަރުތުކޮށް ބުނި ވާހަކަ އެވެ. މި އިންތިހާބަކީ ރައީސް ސޯލިހެކޭ އެއްގޮތައް ރައީސް ނަޝީދަށްވެސް މުހިންމު އިންތިހާބެކެވެ. ރައްޔިތުންގެ މަޖިލީހުގެ ސުޕަރމެޖޯރިޓީ އެމްޑީޕީ މެޖޯރިޓީ ރައީސް ސޯލޖިހަށް ދީއްލާލާފައި އޮތް މި ދަނޑިވަޅު ނަޝީދަށް އެންމެ މުހިންމު އެއްގުނަވަނީ އެ ޕާޓީގެ ގައުމީ މަޖިލީހެވެ.

ރައީސް ސޯލިހަށް ޕްރެޝަރުކުރުމަށް ވަސީލަތެއްގެ ގޮތުގައި ނަޝީދު މިހާރުވެސް ބޭނުން ކުރައްވާ އެއް ވަސީލަތަކީ އެމްޑީޕީގެ ގައުމީ މަޖިލީހެވެ. އަދި ބަރުލަމާނީއަށް ތާއީދުކޮށް ވެރިކަމުގެ ނިޒާމާ ގުޅޭ ވޯޓަކަށްދާން އެމްޑީޕީން ބޭނުންވާކަން ދައްކަން ނެގޭ ވޯޓު ވެސް ފުރަތަމަ އަންނާނީ ގައުމީ މަޖިލީހަށް ކަމަށްވާއިރު މި ނަތީޖާއާއެކު އެކަމަށްވެސް މިއީ އެޅިގެންދިޔަ ހުރަހެކެވެ.

ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު: ފޮޓޯ / ރައީސް އޮފީސް

ރައީސް ނަޝީދާ ހިޔާލު ތަފާވެ ތިމަންނާ މިއީ ރައީސް ސޯލިހްގެ ކެންޑިޑޭޓުން ކަމަށްބުނެ ކެމްޕެއިންކުރި މީހުން އިންތިހާބުވުމުން ބުނެދެނީ ނަޝީދަށް އޮތް ތާއިދުކުޑަވަމުންދާ މިންވަރުކަމަށް ބައެއް މީހުން ދެކެ އެވެ. އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާއި ބިގޭ އާއި ފައްޔާޒު އާއި މޫކޭ ފަދަ ބޭފުޅުންގެ ސަޕޯޓު އާއްމު މެމްބަރުން ބުނެދިން ވޯޓަކަށް ވެސް މި ވޯޓު ވެއްޖެ އެވެ. ރައީސް ނަޝީދަށް ދިން އެންމެ ބޮޑު އެއް ފިލާވަޅަކަށްވަނީ މި އިންތިހާބުގައި ނަޝީދަށްވުރެ ވުރެ ބޮޑަށް ރައީސް ސޯލިހަށް އޮތް ތާއިދުކަމަށ ބައެއް މީހުން ބުނަނީ އެހެންވެ އެވެ.

"އިރާދަ ކުރެއްވިއްޔާ ސަރުކާރާ ގުޅިގެން ކާށީދޫ ދާއިރާ ތަރައްގީކުރަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަން. އަޅުގަނޑުމެންގެ ވިސްނުން ބައްޓަންކުރާނީ ގައުމީ މަޖިލީހުގައި ވެސް ދާއިރާގައިވެސް ރައީސް ސޯލިހްގެ ތަރައްގީގެ ކަންކަން ކުރިއަށް ގެންދިއުން،" ކާށިދޫ ދާއިރާގެ ރައީސަކަށް އިންތިހާބުވި އަބްދުﷲ ރިއްފަތު ވިދާޅުވި އެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުން ރައީސް ސޯލިހަށްވެސް ބައިވަރު ވާހަކަތައް ބުނެދީފި އެވެ. މިއީ ދެ ބޭފުޅުންނަށްވެސް ޕާޓީގެ މަސައްކަތުގައި ކުރިއަށްދިއުމަށް ދައްކަންދިން މަގެކެވެ. އެކަން ކުރިއަށްތަނުގައި ފެނިގެންދާނެ އެވެ.