Last Updated: May 3, 22:21
Friday, May 3, 2024
ޚަބަރު ޝަރުއީ ދާއިރާ

ވަކީލު ފޯމު ފުރިހަމަނުވާތީ އަމީންގެ މައްސަލަ މިއަދު ކުރިއަށް ނުގެންގޮސް މާދަމާއަށް ތާވަލުކޮށްފި

މުހައްމަދު އަމީން ސުޕްރީމް ކޯޓުގައި ވާހަކަ ދައްކަނީ--

ހަނގުރާމައަށް މީހުން ފޮނުވުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ޏ. ފުވައްމުލައް މާދަޑު، ކަރިއްޔާވިލާ، މުހައްމަދު އަމީން މިނިވަންކުރި މައްސަލައިގައި މިއަދު ސުޕްރީމް ކޯޓުގައި ތާވަލުކޮށްފައިވާ އަޑުއެހުން ކުރިއަށް ނުގެންގޮސް މާދަމާއަށް ތާވަލުކޮށްފިއެވެ.

މި މައްސަލައިގައި މިއަދު ތާވަލުކުރި އަޑުއެހުމުގައި މައްސަލަ ބައްލަވާ ބެންޗްގެ ރިޔާސަތުގައި އިންނެވި އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާން ވަނީ އަމީންގެ ވަކީލް ބަދަލުވެފައިވާކަމުގެ ލިޔުމެއް ލިބިފައިވާކަމަށް ވިދާޅުވެފައެވެ. އަމީންގެ ވަކީލެއްގެ ގޮތުގައި ދަށުކޯޓާއި ހައިކޯޓުގައިވެސް މަސައްކަތް ކުރެއްވީ ވަކީލް އަހުމަދު ޔާމީނެވެ. އެހެންނަމަވެސް ޔާމީންގެ ބަދަލުގައި އެހެން ވަކީލެއް ހަމަޖައްސަވާފައިވާކަމަށް އަންގާފައިވާކަމަށާއި އެގޮތުން އަމީންގެ ވަކީލަކަށް އައްޔަނު ކޮށްފައިވަނީ އިސްމާއިލް ވިޝާމް ކަމަށް އުއްތަމަފަނޑިޔާރު ވިދާޅުވިއެވެ.

އުއްތަމަފަނޑިޔާރު ވިދާޅުވީ އާވަކީލް އައްޔަނުކޮށް ހުށަހަޅާފައިވާ ފޯމުގައި ވަކީލުގެ ސޮއި އަދި އިނގިލީގެ ނިޝާނެއްވެސް ނެތްކަމަށެވެ. އެހެންކަމުން އެ ފޯމް ފުރިހަމަނޫންކަން ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ މިފަދަ މައްސަލަތަކަކީ 7 ދުވަސްތެރޭގައި ނިންމަންޖެހޭ މައްސަލައަކަށްވެފައި، މިމައްސަލައިގައި އަމީންގެ ފަރާތުންދޭ ޖަވާބުވެސް ލިބިފައިވާތީ މާދަމާ މި މައްސަލައިގައި އިތުރު އަޑުއެހުމެއް ބާއްވަވާނެކަމަށް ވިދާޅުވިއެވެ. އަދި މާދަމާގެ އަޑުއެހުމަށް އަންނައިރު ވަކީލާއެކު އަދި ވަކީލް ފޯމް ރަނގަޅަށް ފުރިހަމަ ކޮށްފައި އޮތުމަށްވެސް އުއްތަފަނޑިޔާރު އެދިވަޑައިގަތެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗް–

ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާން، ފަނޑިޔާރު ހުސްނުއް ސުއޫދު އަދި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުއެވެ.

ދައުވާކުރަންޖެހޭ މުއްދަތުގެފަހުން ދައުވާ ކޮށްފައިވާކަމަށްބުނެ ހައިކޯޓުން އަމީން މިނިވަންކޮށްފަވާއިރު ހައިކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަމުން ޕީޖީންވަނީ ތިން ކަމެއް ފާހަގަކޮށްފައެވެ. އެއީ؛

  • ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމެވުމުގައި ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ 26 ވަނަ މާއްދާގެ (ފ) މާނަކޮށްދީފައިވަނީ ރަނގަޅަށް ނޫންކަމަށް ދެކޭތީ،
  • ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ 1-28 ގައި ބަޔާންކޮށްފައިވާ ތަޙުޤީޤު ކުރުމާއި ދަޢުވާކުރުމުގެ ޚާއްޞަ މުއްދަތުތަކަށް ހައިކޯޓުގެ ނިންމުމުގައި ރިޢާޔަތްކޮށްފައިނުވާތީއާއި،
  • އެ ނިންމުމުގެ ސަބަބުން ޓެރަރިޒަމްގެ ކުށްތައް ތަޙުޤީޤުކުރުމާއި ދަޢުވާކުރުމުގެ ޚާއްޞަ މުއްދަތުތަކެއް ޤާނުނުގައި ކަނޑައެޅުމުގެ މަޤްޞަދު ގެއްލިދާތީ.

އަމީން މިނިވަންކުރުމުން އޭނާގެ މައްޗަށް މޮނިކޮން އަމުރެއް ނެރެދިނުމަށް އެދުމުން ހައިކޯޓުން ވަނީ އެ އަމުރު ނެރެދީފައެވެ. އެގޮތުން މިހާރު އޭނާ އަށް މާލެއިން ބޭރަށް ދިއުން މަނާކޮށް، ރޭގަނޑު 06:00އިން ހެނދުނު 06:00އަށް ބޭރުގައި އުޅުން ވެސް ވަނީ މަނާކޮށްފައެވެ.

އަމީންގެ މައްޗަށް ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމާއި ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ކުށުގެ ދައުވާ ދައުވާ އުފުލާފައިވަނީ މީގެ ދެއަހަރު ކުރިންނެވެ.

2019 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އަމީން ހައްޔަރުކޮށްފައިވާއިރު ފުލުހުން ނެރުނު ނޫސްބަޔާނެއްގައި ބުނީ އޭނާ އަކީ ގިނަ ދުވަސްތަކެއް ވަންދެން ފުޅާ ދާއިރާއެއްގައި ރާއްޖެއިން ބޭރުގައި ހިންގާ ޓެރަރިސްޓް ޖަމާއަތްތަކަށާއި ހަނގުރާމަވެރި ޖަމާއަތްތަކުގައި ބައިވެރިވުމަށް ރާޖެއިން މީހުން ރެކްރޫޓުކޮށް ހަނގުރާމައަށް މީހުން ފޮނުވަން އަމަލީގޮތުން ހަރަކާތްތެރިވެ އެކަމަށް އެހީތެރިވެދީ ވަގިވެރިވާކަމަށް މީހެއް ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.

އަދި ދުނިޔޭގެ އެކި ގައުމުތަކުގައި ހަރަކާތްތެރިވާ ޓެރަރިސްޓު ޖަމާއަތްތަކަށް ވާގިވެރިވުމުގެ ގޮތުން މާލީ އަދި ޓެކްނޮލޮޖިކަލް ސަޕޯޓް ދިނުމާއި ދުނިޔޭގެ އެކި ގައުމުތަކުގައި ހަރަކާތްތެރިވާ ޓެރަރިސްޓު ޖަމާއަތްތަކުގެ އިސް ފަރާތްތަކާއި ގާތް ގުޅުމެއް ބާއްވާ، އެފަދަ ޖަމާއަތްތަކުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމުގައި އަމީން އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށްވެސް ފުލުހުން ބުނެއެވެ.

އަމީނަކީ އެމެރިކާ އިން ޓެރަރިސްޓުންގެ ގޮތުގައި ކަނޑައަޅާ މީހުންގެ ލިސްޓުގައި ވެސް ހިމެނިފައިވާ ފަރާތެކެވެ. އެމެރިކާއިން ބުނެފައިވާ ގޮތުގައި އޭނާއަކީ ސީރިއާއާ އަފްގާނިސްތާނުގައި ވެސް ވަރަށް އިސްކޮށް އައިސިސްގެ ކަންކަމުގައި ހަރަކާތްތެރިވާ މީހެކެވެ.