Last Updated: May 3, 22:21
Friday, May 3, 2024
ޚަބަރު ޝަރުއީ ދާއިރާ

އަމީނަށް ކޮށްފައިވާ ދައުވާ ކުރިއަށް ގެންދެވޭނެކަމަށް ހުކުމް ކޮށްފި

ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި އަމީން އަދި އޭނާގެ ވަކީލުން--

ހަނގުރާމައަށް މީހުން ފޮނުވުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ޏ. ފުވައްމުލައް މާދަޑު، ކަރިއްޔާވިލާ، މުހައްމަދު އަމީންގެ މައްޗަށް އުފުލާފައިވާ ދައުވާތައް ކުރިއަށް ގެންދެވޭނެކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފިއެވެ.

ސުޕްރީމް ކޯޓުން މިފަދައިން ހުކުމް ކޮށްފައިވަނީ، އަމީންގެ މައްސަލަތަކަށް ދައުވާ ކޮށްފައިވަނީ ޤާނޫނުގައި ބުނާ މުއްދަތުގެ ފަހުންކަމަށްބުނެ އެ ދައުވާތައް ކުރިއަށް ނުގެންދެވޭނެކަމަށް ހައިކޯޓުން ހުކުމްކޮށްފައި ވަނިކޮށެވެ. ހައިކޯޓަށް މިގޮތަށް ހުކުމް ކުރިއިރު އެ މައްސަލައިގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި އައީ ކުރިއަށް ގެންދަމުންނެވެ.

މިއަަދުގެ އަޑުއެހުމުގައި ޕީޖީ ހުސައިން ޝަމީމް އަދި ޕީޖީގެ ވަކީލް–

ހައިކޯޓުގެ ނިންމުން ޕީޖީގެ ފަރާތުން ސުޕްރީމް ކޯޓުގައި އިލްތިމާސް ކުރުމުން އެ މައްސަލައިގައި މިއަދު އިއްވި ހުކުމުގައި ބުނެފައިވަނީ ހައިކޯޓުގެ ހުކުމް ބާތިލުކުރާ ކަމަށާއި، އަމީނަށް ކުރި ދައުވާ ކުރިއަށް ގެންދެވޭނެކަމަށެވެ. އަދި ކްރިމިނަލް ކޯޓުގައި އެ މައްސަލަ ގޮސްފައި އޮތް ހިސާބުން ފެށިގެން އެ މައްސަލަަ ކުރިއަށް ގެންދަން އަމުރުކުރާ ކަމަށެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާން، ފަނޑިޔާރު ހުސްނުއް ސުއޫދު އަދި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުއެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗް–

އަމީންގެ މައްޗަށް ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމާއި ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ކުށުގެ ދައުވާ ދައުވާ އުފުލާފައިވަނީ މީގެ ދެއަހަރު ކުރިންނެވެ.

2019 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އަމީން ހައްޔަރުކޮށްފައިވާއިރު ފުލުހުން ނެރުނު ނޫސްބަޔާނެއްގައި ބުނީ އޭނާ އަކީ ގިނަ ދުވަސްތަކެއް ވަންދެން ފުޅާ ދާއިރާއެއްގައި ރާއްޖެއިން ބޭރުގައި ހިންގާ ޓެރަރިސްޓް ޖަމާއަތްތަކަށާއި ހަނގުރާމަވެރި ޖަމާއަތްތަކުގައި ބައިވެރިވުމަށް ރާޖެއިން މީހުން ރެކްރޫޓުކޮށް ހަނގުރާމައަށް މީހުން ފޮނުވަން އަމަލީގޮތުން ހަރަކާތްތެރިވެ އެކަމަށް އެހީތެރިވެދީ ވަގިވެރިވާކަމަށް މީހެއް ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.

އަދި ދުނިޔޭގެ އެކި ގައުމުތަކުގައި ހަރަކާތްތެރިވާ ޓެރަރިސްޓު ޖަމާއަތްތަކަށް ވާގިވެރިވުމުގެ ގޮތުން މާލީ އަދި ޓެކްނޮލޮޖިކަލް ސަޕޯޓް ދިނުމާއި ދުނިޔޭގެ އެކި ގައުމުތަކުގައި ހަރަކާތްތެރިވާ ޓެރަރިސްޓު ޖަމާއަތްތަކުގެ އިސް ފަރާތްތަކާއި ގާތް ގުޅުމެއް ބާއްވާ، އެފަދަ ޖަމާއަތްތަކުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމުގައި އަމީން އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށްވެސް ފުލުހުން ބުނެއެވެ.

އަމީނަކީ އެމެރިކާ އިން ޓެރަރިސްޓުންގެ ގޮތުގައި ކަނޑައަޅާ މީހުންގެ ލިސްޓުގައި ވެސް ހިމެނިފައިވާ ފަރާތެކެވެ. އެމެރިކާއިން ބުނެފައިވާ ގޮތުގައި އޭނާއަކީ ސީރިއާއާ އަފްގާނިސްތާނުގައި ވެސް ވަރަށް އިސްކޮށް އައިސިސްގެ ކަންކަމުގައި ހަރަކާތްތެރިވާ މީހެކެވެ.