Last Updated: April 26, 15:47
Friday, April 26, 2024
ޚަބަރު ޝަރުއީ ދާއިރާ

ހެއްކެއްގެ ގޮތުގައި މުއައްވިޒުގެ އޯޑިއޯކަމަށް ބުނާ އޯޑިއޯ، ފަނޑިޔާރުގެ ގިނަ ސުވާލުތަކެއް ޔާމީންގެ ވަކީލުންނަށް!

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ރައީސް ޔާމީން އެމަނިކުފާނުގެ ވަކީލުންނާއެކު--

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓަށް އަލަށް ހުށަހެޅި ހެއްކެއްގެ ގޮތުގައި އޭސީސީގެ ކުރީގެ ރައީސް މުއައްވިޒު ރަޝީދުގެ އޯޑިއޯއެއް ކަމަށްބުނާ އޯޑިއޯ ހުށަހެޅުމުން، އެ އޯޑިއޯއާ ގުޅިގެން ފަނޑިޔާރު ގިނަ ސުވާލު ތަކެއް ކުރައްވައިފިއެވެ.

ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ވަނީ ރައީސް ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓަށް އަލަށް ހުށަހަޅާ ހެއްކި ހުށަހެޅުމުގެ ފުރުސަތު ދެއްވާފައެވެ. އަދި އެ ހެއްކިތައް ހުށަހެޅުމާ ގުޅޭގޮތުން ދައުލަތަށް ރައްދު ދިނުމުގެ ފުރުސަތުވެސް ދެއްވާފައިވެއެވެ.

ހެކި ހުށަހެޅެމަށް ފުރުސަތު ދެއްވާ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވަނީ ސުޕްރީމް ކޯޓަށް އާ ހެއްކެއްގެ ގޮތުގައި ހެކި ބަލައިގަނެވެނީ ކޮން ކަހަލަ ޝަރުތުތަކެއް ހަމަވެގެންތޯ ބަޔާންކޮށް އެ ޝަރުތުތަކަށް މި ހެކިތައް ފެތޭކަން ނުވަތަ ނޫންކަން ބަޔާންކޮށްދިނުމަށްއެދިފައެވެ.

ރައީސް ޔާމީންގެ ވަކީލުންނަށް އެ ޝަރުތުތައް ބަޔާން ނުކުރެވުމުން އަދި ސީދާ އެ ގަޒިއްޔާ ފާހަގަނުކުރެވުމުން، ފަނޑިޔާރު މަހާޒް ވަނީ އެ ޝަރުތުތައް ކަނޑައަޅުއްވާފައިވާ ސުޕްރީމް ކޯޓުގެ ގަޒިއްޔާއާއި އެ ޝަރުތުތައް ބަޔާންކޮށްދެއްވާފައެވެ. އެގޮތުން ސުޕްރީމް ކޯޓަށް އަލަށް ހެއްކެއް ހުށަހެޅުމުގައި ނޮން އެވެއިލަބިލިޓީ، ރިލެވެންސީ އަދި ކްރެޑިބިލިޓީއަށް ބަލަންޖެހޭކަން ފާހަގަކުރެއްވިއެވެ.

"އަޅުގަނޑު މި ޝަރުތު ދެންނެވިޔަސް މި ގަޒިއްޔާގަ މި ޝަރުތުތަކަށް ފަނޑިޔާރު ވާސިލުވިގޮތް ދިރާސާ ނުކޮށް އޭގެ ތަފްސީލުތަކަށް ވަޑައެއް ނުގެންނެވޭނެ. އެހެންވީމަ ކުރުގޮތަކަށް ނޮން އެވެއިލަބިލިޓީ، ރިލެވެންސީ އަދި ކްރެޑިބިލިޓީ މި ތިން އިޝޫއަށް އެޑްރެސް ކުރައްވާ ކުރިއަށް ގެންދަވާ. ޝަރީއަތުގެ މަޖިލީހަށް ވަޑައިގަންނަވާއިރުގައި އެގޮތަށް ދިރާސާ ކުރައްވައިގެން ވަޑައިގަންނަވަންވާނެ." ފަނޑިޔާރު މަހާޒް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗް–

ހެކީގެ ގޮތުގައި 3 ގާޒީންގެ އޯޑިއޯ ހުށަހެޅުމަށްފަހު އަނބުރާ ގެންދިޔަ!

ރައީސް ޔާމީންގެ މައްސަލައިގައި މިއަދު ސުޕްރީމް ކޯޓުގައި ކުރިއަށްގެންދިޔަ އަޑުއެހުމުގައި ރައީސް ޔާމީންގެ ފަރާތުން ވަނީ ހުށަހަޅާފައިވާ ބައެއް އާ ހެކި އަނބުރާ ގެންގޮސްފައެވެ. އެގޮތުން އަނބުރާ ގެންގޮސްފައިވަނީ 3 ގާޒީންގެ އޯޑިއޯކަމަށް ބެލެވޭ އޯޑިއޯ ތަކެވެ.

އެ އޯޑިއޯތައް ހެކީގެ ގޮތުގައި ހުށަހެޅުމަށްފަހު އަނބުރާ ގެންގޮސްފައިވާ ސަބަބެއް ރައީސް ޔާމީންގެ ވަކީލުން ޝަރީއަތުގައި ހާމަކޮށްފައެއް ނުވެއެވެ.

ގާޒީންގެ އޯޑިއޯގެ މައްސަލަ ޖޭއެސްސީން ބެލުމުން އެ ގާޒީން ވަނީ އެ ފަދަ ވާހަކައެއް ދައްކާފައި ނުވާނެކަމަށާއި، އެއީ އެބޭފުޅުންގެ ވާހަކަތަކެއް ނޫންކަމަށް ބުނެފައެވެ. އެހެންކަމުން އެކަން އިތުރަށް ޔަގީންކުރުމަށް އޯޑިއޯ އެނެލެސިސް ހެދުމަށް ޖޭއެސްސީން ފުލުހަށް ފޮނުވާ އެ ފަނޑިޔާރުންގެ އޯޑިއޯ ސާމްޕަލް ނަގާފައިވެއެވެ.

މީގެއިތުރުން ރައީސް ޔާމީންގެ ފަރާތުން ހެކީގެ ގޮތުގައި ހުށަހަޅާފައިވަނީ ކުރީގެ ނައިބު ރައިސް އަހުމަދު އަދީބު ޕްރެސް ކޮންފަރެންސެއްގައި ދައްކާފައިވާ ވާހަކައިގެ ވީޑިއޯއާއި އަދީބުގެ އެ ވާހަކަތަކަށް ބާރުލިބިދޭ ޝަފަހީ ދެ ހެއްކެކެވެ. އަދި އޭސީސީގެ ކުރީގެ ރައީސް މުއައްވިޒު ރަޝީދުގެ އޯޑިއޯއެއް ކަަމަށް ބެލެވި މިފަހުން މީޑިއާގައި އާންމުވި އޯޑިއޯއެއްވެސް ހުށަހަޅާފައިވެއެވެ.

މުއައްވިޒުގެ އޯޑިއޯކަމަށް ބުނާ އޯޑިއޯއާ ގުޅިގެން ފަނޑިޔާރުގެ ގިނަ ސުވާލުތަކެއް!

މިއަދުގެ ޝަރީއަތުގައި ރައީސް ޔާމީންގެ ވަކީލުން އެމަނިކުފާނުގެ ފަރާތުން އާ ހެއްކެއްގެ ގޮތުގައި އޭސީސީގެ އޭރުގެ ރައީސް މުއައްވިޒު ރަޝީދުގެ އޯޑިއޯ ކަމަށްބުނެ ދައުރުވި އޯޑިއޯ ހުށަހަޅާފައިވެއެވެ. ރައީސް ޔާމިންގެ ވަކީލް ޝިޔާޒް ވިދާޅުވީ މި އޯޑިއޯ އާންމު ވެފައިވަނީ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅި ފަހުން ކަމަށެވެ.

އެ އޯޑިއޯ އާ ގުޅޭގޮތުން ފަނޑިޔާރު މަހާޒް ގިނަ ސުވާލުތަކެއް ރައީސް ޔާމީންގެ ވަކީލުންނަށް ކުރިމަތި ކޮށްފައިވެއެވެ. އެގޮތުން އެ އޯޑިއޯގައި ވާހަކަ ދައްކާ ކަމަށްބުނާ މީހާ އަކީ މުއައްވިޒު ތޯ އާއި، އެކަން ޔަގީން ކުރާނީ ކިހިނެއްތޯ އާއި ޝަރީއަތުން އޭގެ ބުރަދަން ވަޒަންކުރާނީ ކިހިނެއްތޯ ސުވާލު ކުރެއްވިއެވެ. އެ އޯޑިއޯގެ ކްރެޑިބިލިޓީއާ މެދު ސުވާލު އުފެދޭކަމަށާއި، އެ އޯޑިއޯގެ އެނަލިސިސްއެއް ހެދުމަށް އެއްވެސް ފަރާތަކަށް ހުށަހަޅާފައިވޭތޯވެސް ސުވާލު ކުރައްވާފައިވެއެވެ.

އެ ސުވާލުތަކަށް ޖަވާބުދަމުން ވަކީލް ޝިޔާޒް ވިދާޅުވީ އެ އޯޑިއޯއިން އިވެނީ މުއައްވިޒުގެ އަޑުކަމަށް ބެލެވޭ ކަމަށާއި، އެ އޯޑިއޯގެ އެނެލެސިސްއެއް ހެދުމަށް އެއްވެސް ފަރާތަކަށް ހުށަހަޅާފައިނުވާކަމަށެވެ.

ދެން ރައީސް ޔާމީންގެ ފަރާތުން ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވަނީ އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީ ހެކިބަސް ދިނުމަށް އިންކާރުކޮށް ކްރިމިނަލް ކޯޓަށް ހުށަހެޅި ކަމަށް ބުނާ ސިޓީއެކެވެ. އަދި އެ ސިޓީގައި ނުފޫޒެއް ފޯރުވިކަމަށް ބުނާ ކަމަށް ވަކީލް ޝިޔާޒް ވިދާޅުވިއެވެ. މިއާއެކު ފަނޑިޔާރު މަހާޒް ވަނީ މި ސިޓީ ހައިކޯޓަށް ހުށަނޭޅީ ކީއްވެތޯ ސުވާލުކުރައްވާފައެވެ. ޖަވާބުގައި ވަކީލް ޝިޔާޒް ވިދާޅުވީ ކްރިމިނަލް ކޯޓުން މައްސަލައިގެ ފައިލް ހައިކޯޓަށް ފޮނުވާއިރު ސިޓީތައް ފޮނުވާނެކަމަށް ބުނި ކަމަށާއި، އެހެންނަމަވެސް އެ ސިޓީ ފޮނުވާފައިނުވާކަމަށެވެ. އެ ޖަވާބާ ގުޅިގެން ފަނޑިޔާރު މަހާޒް ވަނީ އެ ސިޓީ ހޯދުމަށް އިތުރަށް މަސައްކަތް ކުރިންތޯ އާއި، ކްރިމިނަލް ކޯޓުގެ ހުކުމަށްފަހު އެ ސިޓީ ހޯދުމަށް މަސައްކަތް ކުރިންތޯ ސުވާލުކޮށްފައެވެ. އެހެންނަމަވެސް ވަކީލް ޝިޔާޒް ވަނީ އެ ސިޓީ ވަކިން ހޯދުމަށް މަސައްކަތް ނުކުރާކަމަށާއި، ހުށަހެޅީ ހުރިހާ ލިޔުމެއް ހޯދުމަށް ކަމަށާއި، މައްސަލައިގެ ފައިލް ހޯދުމަށް މަސައްކަތްކުރިކަމަށެވެ. އަދި އިތުރަށް އެކަމަށް މަސައްކަތް ކޮށްފައިނުވާނެކަމަށެވެ.

ދައުލަތުން އެދެނީ ހެކިތައް ބަލައިނުގަތުމަށް!

ރައީސް ޔާމީންގެ ފަރާތުން އަލަށް ހުށަހެޅި ހެކިތަކާ ގުޅޭގޮތުން ރައްދު ދެމުން ޕީޖީގެ ވަކީލް މަރިޔަމް ޝަހުމާ ވިދާޅުވީ، ސުޕްރީމް ކޯޓަށް އާ ހެއްކެއް ހުށަހެޅެނީ އެކަމަށް ހަމަވާންޖެހޭ ތިން ޝަރުތުވެސް ހަމަވެގެންކަމަށެވެ.

އަދީބު ޕްރެސް ކޮންފަރެންސެއްގައި ދެއްކި ވާހަކަ ކަމަށްބުނެ ހުށަހަޅާފައިވާ ވީޑިއޯއަކީ ކުރިންވެސް ހެއްކެއްގެ ގޮތުގައި ހުށަހެޅެން އޮތް އެއްޗެއްކަމަށާއި، އެހެންނަމަވެސް ކުރިން ހުށަހަޅާފައިނުވާކަން ޕީޖީ ވަކީލް ޝަހުމާ ފާހަގަކުރެއްވިއެވެ. އަދި އަދީބު ވީޑިއޯގައި ދައްކާކަމަށްބުނާ ވާހަކަތަކަށް ބާރުދިނުމަށް ހުށަހަޅާފައިވާ ދެ ޝަފަހީ ހެއްކަކީވެސް ކުރިން ހުށަހެޅެން ހުރި ހެކި ކަމަށް ވިދާޅުވިއެވެ.

މިއަދުގެ އަޑުއެހުމުގައި ޕީޖީގެ ވަކީލުން–

މުއައްވިޒުގެ އޯޑިއޯކަމަށްބުނާ އޯޑިއޯ އާ ގުޅޭގޮތުން ވަކީލް ޝަހުމާ ވިދާޅުވީ އެ އޯޑިއޯއިން މައްސަލައިގެ މައުޟޫއަށް އަސަރެއް ނުކުރާނެކަމަށެވެ. އަދި ހަސަން ލުތުފީގެ ސިޓިއަކީ ހައިކޯޓަށް ހުށަހެޅުމަށް އެކަށީގެންވާ މަސައްކަތްކުރިނަމަ ހުށަހެޅޭނެ ހެއްކެއްކަމަށާއި، އަދި އެ ސިޓީންވެސް މައްސަލައިގެ މައުޟޫއަށް އަސަރެއް ނުކުރާނެކަމަށެވެ.

އެހެންކަމުން ދައުލަތުން އެދިފައިވަނީ އާ ހެކީގެގޮތުގައި ހުށަހަޅާފައިވާ ހެކިތައް ބަލައިނުގަތުމަށެވެ.

މިއަދުގެ ޝަރީއަތުގައި މައްސަލަ ބައްލަވާ ބެންޗުގައި ހިމެނޭ ފަނޑިޔާރު މަހާޒް ވިދާޅުވީ އާ ހެކި ބަލައިގަތުމާ ގުޅޭގޮތުން މާދަމާ ގޮތެއް ނިންމަވާނެކަމަށެވެ.