Last Updated: April 20, 11:49
Saturday, April 20, 2024
ޚަބަރު ޝަރުއީ ދާއިރާ

ޔާމީން ކަފާލާތުގެ ދަށުން ދޫކުރުމާމެދު މާދަމާ ގޮތެއް ނިންމަނީ

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ކުރީގެ ރައީސް އަބްދުالله ޔާމީން--

ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަފާލާތުގެ ދަށުން ދޫކޮށް ހުކުމް ތަންފީޒު ކުރުން ފަސްކުރުމަށް އެދި ހުށަހަޅާފައިވާ ހުށަހެޅުމާމެދު މާދަމާ ގޮތެއް ނިންމާނެއެވެ.

ރައީސް ޔާމީންގެ އިސްތިއުނާފު މައްސަލައިގައި ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ވަނީ އެމަނިކުފާނުގެ ފަރާތުން އަލަށް ހުށަހަޅާ ހެކީގެ އިތުރުން ކަފާލާތުގެ ދަށުން ދޫކުރުމާއި ހުކުމް ތަންފިޒުކުރުން ފަސްކުރުމަށް އެދި ހުށަހަޅާފައިވާ ކަންކަމާ ގުޅޭގޮތުން ވާހަކަ ދައްކާފައެވެ.

އެގޮތުން ރައިސް ޔާމީންގެ ވަކީލް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވާހަކަ ދައްކަވަމުން ވަނީ ކަފާލާތުގެ ހައްޤާއި އިސްތިއުނާފުގެ ހައްޤުވަނީ ވަރަށް ގިނަ ޤައުމުތަކުގައި ގުޅިފައިކަމަށް ވިދާޅުވެފައެވެ. އަދި ހުރިހާ މަރުހަލާއެއްގައި ވެސް ކަފާލާތުގެ ހައްޤު ކަށަވަރު ކޮށްދޭންޖެހޭކަމަށާއި، ރާއްޖޭގައި ކަފާލާތުގެ ދަށުން ދޫކުރުމުގެ ތަފްސީލީ ޤާނޫނެއް ނެތުމަކީ އެ ހައްޤު ނުލިބެންޖެހޭ ސަބަބެއް ނޫންކަމަށްވެސް ޑރ. ޖަމީލް ވިދާޅުވިއެވެ.

މީގެއިތުރުން ޑރ. ޖަމީލް ވަނީ ކަފާލާތަކީ ހުކުމެއް އިއްވާފައިވާ މީހަކަށްވެސް ލިބިގެންވާ ހައްޤެއްކަން ފާހަގަކުރުމަށް އިންޑިއާގެ ސުޕްރީމް ކޯޓުގެ ގަޒިއްޔާތަކެއް ހުށަހަޅުއްވާފައެވެ. އަދި މީގެ ކުރިން ހައިކޯޓުންނާއި ސުޕްރީމް ކޯޓުންވެސް ކަފާލާތުގެ ދަށުން މީގެކުރިން އެކި ފަރާތްތައް ދޫކޮށްފައިވާކަމަށާއި، އެގޮތުން ރައީސް މުހައްމަދު ނަޝީދު، ރައީސް މައުމޫން އަބްދުލްގައްޔޫމް، އަހުމަދު ފާރިސް މައުމޫން އަދި ޤާސިމް އިބްރާހިމްގެ މައްސަލަ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން ރައީސް ޔާމީނަށް އިއްވާފައިވާ ހުކުމް ފަސްކުރުމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އެމަނިކުފާނުގެ ވަކީލް ޝިޔާޒް ވިދާޅުވީ ރައީސް ޔާމީނަށް އިއްވާފައިވާ ޖަލު ހުކުމުގައި ބޮޑެތި ގޯސްތަކެއް ހަދާފައިވާކަމަށާއި، ހެކިތަކަށް ރިއާޔަތްކޮށްފައިނުވާކަމަށެވެ. އަދި ހުކުމް ތަންފީޒު ކުރުން ފަސްކުރުމުގެ އަމުރަކަށް އެެދިފައިވަނިކޮށް ސިވިލް ކޯޓަށް ހުށަހަޅައިގެން ހުކުމުގައިވާ ޖުރިމަނާ ފައިސާ ނެގުމަށް މަސައްކަތްތަކެއް ކުރަމުން އަންކަން ވެސް ފާހަގަކުރެއްވިއެވެ.

ޕީޖީ ވަކީލް އަހުމަދު ނައުފަލް ޝަރީއަތުގައި ވާހަކަ ދައްކަވަނީ–

މިވާހަކަތަކަށް ރައްދުދެމުން ޕީޖީގެ ވަކީލް އަހުމަދު ނައުފަލް ވިދާޅުވީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ކަފާލާތުގެ އުސޫލުތައް ބަޔާން ކޮށްފައިވާކަމަށާއި، ކުށް ސާބިތުވެފައިވާކަމަށް ކަފާލާތު ދިނުން ރާއްޖޭގެ ޤާނޫނުތައް ނުދަންނަކަމަށެވެ. އަދި އިސްތިއުނާފަށް މައްސަލަ ހުށަހެޅުމަކީ ހުކުމް އޭގެ ޒާތުގައި ފަސްކުރަން ޖެހޭ ސަބަބެއް ނޫން ކަމަށާއި، އެކަން ގާނޫނެއްގައި ވެސް ބަޔާންކޮށްފައި ނެތް ކަމަށެވެ.

ޕީޖީ ވަކީލް ނައުފަލް ވިދާޅުވީ އިސްތިއުނާފުގެ ހުރިހާ މަރުހަލާއެއް ނުނިމެނީސް ހުކުމް ތަންފީޒު ނުވުމަކީ ހަމަޖެހޭކަމެއް ނޫންކަމަށެވެ. އަދި އިސްތިއުނާފީ ހުރިހާ މަރުހަލާއެއް ނުނިމެނީސް ހުކުމް ތަންޒީރު ނުކުރެވޭނީ އިސްލާމީ ޝަރީއަތުގައި ކަނޑައަޅާފައިވާ ހައްދުގެ އަދަބުތައް ތަންފީޒުކުރުމުގައި ކަމަށާއި، އެފަަދަ އަދަބުތައް ތަންފީޒު ކުރެވޭނީ އިސްތިއުނާފީ މަރުހަލާތައް ނިމި, ނިހާއީ ހުކުމަކާ ހަމައަށް ވާސިލުވުމުންކަމަށެވެ.

މިއަދުގެ ޝަރީއަތް ނިންމާލަމުން މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވިދާޅުވީ މާދަމާ މި މައްސަލައިގައި އަޑުއެހުމެއް ބާއްވަވާނެކަމަށާއި، އެ އަޑުއެހުމުގައި އަލަށް ހުށަހަޅާފައިވާ ހެއްކާއި ގުޅޭގޮތުންނާއި، ކަފާލާތުގެ ދަށުން މިނިވަންކުރުމާއި ހުކުމް ތަންފީޒު ކުރުން ފަސްކުރުމުގެ އަމުރާ ގުޅޭގޮތުން ގޮތެއް ނިންމަވާނެކަމަށެވެ. އަދި މާދަމާގެ އަޑުއެހުމުގައި ހުލާސާ ބަޔާން އިއްވުމަށް ދެ ފަރާތަށް ފުރުސަތު ދޭނެކަމަށް ވިދާޅުވިއެވެ.