Last Updated: May 3, 22:21
Friday, May 3, 2024
ޚަބަރު ޓެރަރިޒަމް

އަމީންގެ މައްސަލަ މާދަމާ ކްރިމިނަލް ކޯޓުގައި ފަށަނީ

މުހައްމަދު އަމީން ސުޕްރީމް ކޯޓުގައި ވާހަކަ ދައްކަނީ--

ހަނގުރާމައަށް މީހުން ފޮނުވުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ޏ. ފުވައްމުލައް މާދަޑު، ކަރިއްޔާވިލާ، މުހައްމަދު އަމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފިއެވެ.

އަމީން މައްސަލައިގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައިވަނީ މާދަމާ މެންދުރު 1:00 އަށެވެ.

އަމީނަށް ކޮށްފައިވާ ދައުވާތަކުގެ މައްސަލައިގައި އޭނާގެ ފަރާތުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފީ މައްސަލައިގައި ހައިކޯޓުން އޭނާ މިނިވަންކޮށް ކޮށްފައިވާ ދައުވާތައް ކުރިއަށް ނުގެންދެވޭނެކަމަށް ނިންމިއެވެ. އެހެންނަމަވެސް ދައުލަތުގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ މައްސަލަތަކަކީ ކުރިއަށް ގެންދެވޭނެ މައްސަލަތަކެއްކަމަށް ނިންމާފައިވެއެވެ.

އަމީންގެ މައްޗަށް ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމާއި ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ކުށުގެ ދައުވާ ދައުވާ އުފުލާފައިވަނީ މީގެ ދެއަހަރު ކުރިންނެވެ.

2019 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އަމީން ހައްޔަރުކޮށްފައިވާއިރު ފުލުހުން ނެރުނު ނޫސްބަޔާނެއްގައި ބުނީ އޭނާ އަކީ ގިނަ ދުވަސްތަކެއް ވަންދެން ފުޅާ ދާއިރާއެއްގައި ރާއްޖެއިން ބޭރުގައި ހިންގާ ޓެރަރިސްޓް ޖަމާއަތްތަކަށާއި ހަނގުރާމަވެރި ޖަމާއަތްތަކުގައި ބައިވެރިވުމަށް ރާޖެއިން މީހުން ރެކްރޫޓުކޮށް ހަނގުރާމައަށް މީހުން ފޮނުވަން އަމަލީގޮތުން ހަރަކާތްތެރިވެ އެކަމަށް އެހީތެރިވެދީ ވަގިވެރިވާކަމަށް މީހެއް ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.

އަދި ދުނިޔޭގެ އެކި ގައުމުތަކުގައި ހަރަކާތްތެރިވާ ޓެރަރިސްޓު ޖަމާއަތްތަކަށް ވާގިވެރިވުމުގެ ގޮތުން މާލީ އަދި ޓެކްނޮލޮޖިކަލް ސަޕޯޓް ދިނުމާއި ދުނިޔޭގެ އެކި ގައުމުތަކުގައި ހަރަކާތްތެރިވާ ޓެރަރިސްޓު ޖަމާއަތްތަކުގެ އިސް ފަރާތްތަކާއި ގާތް ގުޅުމެއް ބާއްވާ، އެފަދަ ޖަމާއަތްތަކުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމުގައި އަމީން އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށްވެސް ފުލުހުން ބުނެއެވެ.

އަމީނަކީ އެމެރިކާ އިން ޓެރަރިސްޓުންގެ ގޮތުގައި ކަނޑައަޅާ މީހުންގެ ލިސްޓުގައި ވެސް ހިމެނިފައިވާ ފަރާތެކެވެ. އެމެރިކާއިން ބުނެފައިވާ ގޮތުގައި އޭނާއަކީ ސީރިއާއާ އަފްގާނިސްތާނުގައި ވެސް ވަރަށް އިސްކޮށް އައިސިސްގެ ކަންކަމުގައި ހަރަކާތްތެރިވާ މީހެކެވެ.