Last Updated: March 29, 14:00
Friday, March 29, 2024
ޚަބަރު ޝަރުއީ ދާއިރާ

ޗެކް ބައުންސްވި މައްސަލައެއްގައި 960 ގަޑިއިރު މުޖުތަމައުއަށް ހިދުމަތް ކުރަން ހުކުމްކޮށްފި

ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހެއް--

ޗެކެއް ބައުންސްވެ އެ ޗެކުގައިވަ އަދަދަށް ފައިސާ ދައްކާފައިނުވާ މައްސަލައެއްގައި 960 ގަޑިއިރު މުޖުތަމައުއަށް ހިދުމަތް ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެެވެ.

މި މައްސަލައަކީ ވިޔަފާރީގެ މުއާމަލާތަކާ ގުޅިގެން ދޫކުރި 180،000 ރުފިޔާގެ ޗެކެއް ބޭންކަށް ހުށަހެޅުމުން އެ އެކައުންޓްގައި ފައިސާ ނެތްކަމަށް ބޭންކުން އެންގުމުން، އެފައިސާ ދިނުމަށް އަންގާ، ގާނޫނުގައި ބުނެފައިވާ ހަތް ދުވަހުގެ ތެރޭގައި ފައިސާ ދައްކާފައިނުވާތީ އުފުލާފައިވާ މަކަލާ ހީލަތް ހެދުމުގެ ދައުވާއެކެވެ.

މި މައްސަލައިގައި ދައުވާ ކޮށްފައިވާ މީހާ މި ދައުވާއަށް ވަނީ އިއުތިރާފުވެފައެވެ.

މި މައްސަލައިގައި އިއްޔަ ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމުގައި ވަނީ އޭނާގެ މައްޗަށް އެއް އަހަރާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވާ، އެ ޖަލުހުކުމް 960 ގަޑިއިރު މުޖުތަމައުއަށް ހިދުމަތްކުރުމަށް އަދި 38،400 ރުފިޔާއިން ޖުރިމަނާ ކުރުމުގެ އަދަބަކަށް ބަދަލުކުރާކަމަށެވެ. އަދި މި ފައިސާ ފަސް މަސްދުވަހުގެ ތެރޭގައި ދެއްކުމަށްވެސް ހުކުމް ކޮށްފައިވެއެވެ.

ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމުގައި ބުނެފައިވަނީ، މުޖްތަމައުއަށް ހިދުމަތް ކުރުވުމުގެ އަދަބު ތަންފީޒުކުރުމާ ގުޅޭ އުސޫލުތައް ކަރެކްޝަނަލް ސާވިސުން މިހާތަނަށް ހަދާފައި ނުވިނަމަވެސް އެއީ ދައުވާ ރައްދުވާ މީހާއަށް ގާނޫނުން ލިބެންޖެހޭ ލުޔެއް ނުދެވޭނެ ސަބަބެއް ނޫން ކަމަށެވެ. އަދި އުސޫލު ހެދިފައި ނެތްނަމަވެސް، ކަރެކްޝަނަށް ގާތުން ބަލައި މޮނީޓާކުރެވޭނެ މަސައްކަތެއް އެ މީހާ ލައްވައި ކުރުވުމުން އަދަބު ތަންފީޒު ކުރެވުނީ ކަމަށް ބެލެވޭނެ ކަމަށެވެ. މުޖްތަމައުއަށް ހިދުމަތް ކުރުވުމުގެ ގޮތުން ކުނި އުކުމާއި އާންމު ފާހާނާތަކާއި އާއި މިސްކިތްތަކާއި އާންމު ތަންތަން ސާފުކުރުމުގެ މަސައްކަަތް ކުރެވޭނެ ކަމަށް ބަޔާންކޮށްފައިވާއިރު، އެ އަދަބު ތަންފީޒު ކުރެވެނީ ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުން އަދި ކަރެކްޝަންސް އިން ކަނޑައަޅާ އުސޫލެއްގެ ތެރެއިންނެވެ. އެހެންނަމަވެސް ކަރެކްޝަނުން އަދިވެސް އެ އުސޫލު ހަދާފައިނުވެއެވެ.