Last Updated: June 23, 19:16
Tuesday, June 23, 2026
ޚަބަރު

ޖީއެމްއާރް އަތުން އެއާޕޯޓް އަތުލުމަކީ ނިންމި އެންމެ ރަނގަޅު ނިންމުން: އުޝާމް

ވިލިމާލެ ދާއިރާގެ މެންބަރު އުޝާމް -- ފޮޓޯ / މަޖިލިސް

އިންޑިއާގެ ޖީއެމްއާރް އަތުން އެއާޕޯޓް އަތުލުމަކީ ނިންމި އެންމެ ރަނގަޅު ނިންމުންކަމަށް ވިލިމާލެ ދާއިރާގެ މެމްމަބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އުޝާމް މިފަދައިން ވިދާޅުވެފައިވަނީ، އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ހިންގަން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އިންޑިއާގެ ޖީއެމްއާރާއެކު އެކުވެފައިވާ އެއްބަސްވުން އުވާލުމަކީ ރާއްޖޭގައި މިހާތަނަށް އިގުތިސާދީ ގޮތުން ހިންގުނު އެންމެ ބޮޑު ޖަރީމާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވި ވާހަކައަށް ރައްދު ދެއްވައެވެ.

އެގޮތުން އުޝާމް ވިދާޅުވީ ޖީއެމްއާރް އަތުން އެއަރޕޯޓް އަތުލުމަކީ މިފަހުގެ ތާރީހެއްގަައި އެއްވެސް ސަރުކާރަކުން ނިންމި އެންމެ މުހިންމު، އެންމެ ރަނގަޅު އެއް ނިންމުން ކަމަށާއި، އެއީ ހުރިހާ ގޮތަކުންވެސް ދިވެހި ގައުމަށް ފައިދާ ހުރި ނިންމުމެއްކަމަށެވެ.

ޖީއެމްއާރުއިން ބޭނުންވިގޮތަށް އެއަރޕޯޓްގައި ޓާމިނަލް އެޅުމަށް ފުރުސަތުދިންނަމަ، އެއަރޕޯޓްގައި 2ވަނަ ރަންވޭއެއް އެޅުމުގެ ފުރުސަތު އެއްކޮން ބަންދުވީ ކަމަށާއި، އިތުރު ރަންވޭއަކާ ނުލާ ޑިމާންޑާ އެއްވަރަށް އެއަރޕޯޓަށް އިތުރު އެއަރލައިންތައް ގެނައުމުގެ ފުރުސަތު ބަންދުވީ ކަމަށްވެސް އުޝާމް ވިދާޅުވިއެވެ.

މީގެއިތުރުން އުޝާމް ވިދާޅުވީ، ޖީއެމްއާރު އަތުން އެއަރޕޯޓް އަތުލިއިރު އޮތީ ދަރައި، ބަނގުރޫޓުވުމުގެ މަގުމަތީގައި ކަމަށެވެ. އަދި 2018 ވަނަ އަހަރު މިސަރުކާރު ވެރިކަމާ ހަވާލުވިއިރު އެމްއޭސީއެލް އަކީ އަހަރަކު ބިލިއަން ރުފިޔާގެ ވިޔަފާރި ކުރަމުންދިޔަ، ސަރުކާރު ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު ފައިދާއެއް ވަމުން އައި ކުންފުނި ކަމަށެވެ.

މިނިސްޓަރު އަމީރުގެ ވާހަކަތަކަށް ރައްދު ދެއްވާ އުޝާމް އިތުރަށް ވިދާޅުވީ، އެއަރޕޯޓް ޕްރޮޖެކްޓަކީ ދައުލަތުގެ ބަޖެޓުން ފައިނޭންސްކުރާ ޕްރޮޖެކްޓެއްކަމަށް ބުނުމަކީ ހަގީގަތާހިލާފް ވާހަކައެއް ކަމަށެވެ. މިޕްރޮޖެކްޓްގެ ލޯނުތަކަކީ އެމްއޭސީއެލްއިން ނަގާފައިވާ، އެކުންފުނިން ފައިސާ ދައްކާ ލޯނުތަކެއް ކަމަށާއި، އެކުންފުންޏަށް އެވަރުގެ ލޯނުތަކެއް ލިބުނީ ލޯނުއަނބުރާ ދެއްކުމުގެ ގާބިލުކަންހުރުމުންކަމަށް އުޝާމް ވިދާޅުވިއެވެ.

ޖީއެމްއާރު އަތުން އެއާޕޯޓު އަތުލުމަކީ އިގްތިސާދީ ޖަރީމާއެއް

ޖީއެމްއާރް މައްސަލައިގައި މިއަދު ކުރި ޓްވީޓެއްގައި ރައީސް ނަޝީދު ވިދާޅުވީ، ހުޅުލޭ އެއާޕޯޓް ތަރައްޤި ކުރުމުގެ މަސައްކަތް 2010 ވަނަ އަހަރު ވޯލްޑް ބޭންކްގެ އެހީގައި ޓެންޑަރ ކޮށް ކާމިޔާބުކުރި ޖީއެމްއާރް އަށް ހަވާލުކުރެވުނީ ރާއްޖޭގެ އިގްތިސާދު ދެގުނަ ކުރުމުގެ ނިޔަތުގައި ކަމަށެވެ.

ރައީސް ނަޝީދުގެ ވެރިކަން 2012 ވަނަ އަހަރު ބަދަލުކުރުމަށްފަހު އެންމެފުރަތަމަ ކުރިކަމެއްގެ ގޮތުގައި ޖީއެމްއާރްގެ އެއްބަސްވުން ބާތިލުކުރިއެވެ. އުފެދުމުގައިވެސް ބާތިލު އެއްބަސްވުމެއްކަމަށް ބުނެ ޖީއެމްއާރްގެ އެއްބަސްވުން ބާތިލުކުރިއިރު، ޖީއެމްއާރަށް ދިވެހި ދައުލަތުން 4.1 ބިލިއަން ރުފިޔާ ދެއްކުމަށް ސިންގަޕޫރުގެ އާބިޓްރޭޝަނުން ނިންމާ އެފައިސާ ދައްކާފައިވެއެވެ.