Last Updated: April 23, 20:38
Tuesday, April 23, 2024
ޚަބަރު އެމްއެމްޕީއާރުސީ ހިޔާނާތް

އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅޭ 338 މައްސަލައިގެ ތެރެއިން މިހާތަނަށް ނިންމުނީ 38 މައްސަލަ

އެންޓިކޮރަޕްޝަން ކޮމިޝަނުގެ މެންބަރުންނާއި ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވުން-- ފޮޓޯ: ރައީސް އޮފީސް

އެމްއެމްޕީއާރްސީ ހިޔާނާތާގުޅޭ 38 މައްސަލަ ނިންމާފައިވާކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި މެމްބަރު މީކާއިލް ނަސީމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވީ، އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައާ ގުޅިގެން 338 މައްސަލަ ތަހުގީގު ކުރުމަށް ޖޮއިންޓް އިންވެސްޓިގޭޝަނުން ނިންމާފައިވާކަމަށެވެ.

އޭގެތެރެއިން މިހާތަނަށް 38 މައްސަލަ ބަލާ ނިންމިފައިވާ ކަމަށް ޝިއުނާ ވިދާޅުވިއެވެ. އަދި އޭގެތެރެއިން ޕީޖީއަށް ފޮނުވިފައިވަނީ 8 މައްސަލަ ކަމަށް ޝިއުނާ ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީގެ މައްސަލައެއް ދިރާސާކުރުމަށް ގިނަވަގުތު ނަގާކަން ފާހަގަކޮށް ޝިއުނާ ވިދާޅުވީ ގާތްގަނޑަކަށް 8 މަސްވަރު މައްސަލައެއް ތަހުގީގުކުރުމަށް ނަގާކަމަށެވެ. ޝިއުނާ ވިދާޅުވީ އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅިގެން 223 މައްސަލަ ނިންމަން ބާކީ އެބައޮތްކަމަށެވެ.

އެމްއެމްޕީއާރްސީގެ މައްސަލަތައް ނިންމުމުގައި ގިނަ ވަގުތު ނަގަނީ އިންވެސްޓިގޭޓިވް އޮފިސަރުން މަދުވުމުންކަން ފާހަގަކޮށް ޝިއުނާ ވިދާޅުވީ އިތުރު 12 އޮފިސަރުން ހޯދުމަށް ފިނޭންސްގައި އެދުމަށް ނިންމާފައިވާކަމަށެވެ. އެމްއެމްޕީއާރްސީ މައްސަލަ އަވަހަށް ދައުލަތުން ނިންމަން ބޭނުންވާކަމުގައި ވާނަމަ އެކަމަށް މުވައްޒަފުން ބޭނުންވާކަމަށާއި، އެ މުވައްޒަފުން ނުލިބޭނަމަ، މައްސަލަ ނުނިމޭތި ދައްކާ ވާހަކަ ތަކުރާރުވާނެކަމަށް ޝިއުނާ ވިދާޅުވިއެވެ.