Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު އެމްއެމްޕީއާރުސީ ހިޔާނާތް

ޔޫތް މިނިސްޓަރު މަހުލޫފްގެ މައްޗަށް ދައުވާ ކޮށްފި

މިނިސްޓަރު އަހުމަދު މަހުލޫފް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފްގެ މައްޗަށް ދައުވާ ކޮށްފިއެވެ.

މިނިސްޓަރު މަހުލޫފްގެ މައްޗަށް ދައުވާ ކޮށްފައިވާކަން ޕީޖީ އޮފީހުން ވަނީ ކަށަވަރު ކޮށްދީފައެވެ.

ޕީޖީ އޮފީހުން ބުނެފައިވަނީ، ‎މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑް ގެ ޚިޔާނާތުގެ މައްސަލައިގެތެރޭގައި ހިންގާފައިވާ ކޮރަޕްޝަނާއި ޚިޔާނާތާއި މަނީ ލޯންޑްރިންގެ މައްސަތައް ބެލުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އާއި ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ އާއި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކުރިއަށް ގެންދާ ޖޮއިންޓް އިންވެސްޓިގޭޝަންއިން ހިންގި ތަޙުޤީޤުގައި އެސް.އޯ.އެފް ޕްރައިވެޓް ލިމިޓެޑުން މަހްލޫފަށް ފައިސާދީފައިވާކަމަށް ތުހުމަތުކުރެވުނު މައްސަލައިގައި މަހްލޫފްގެ މައްޗަށް ދައުވާ ކުރުމަށް 24 ނޮވެންބަރު 2021 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅައިފައިވާކަމަށެވެ.

‎މަހުލޫފްގެ މައްޗަށް ދައުވާ ކޮށްފައިވަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު ގެ 3 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ އެމާއްދާގެ (ށ) ގެ ދަށުން ރިޝްވަތު ހިފުމުގެ ކުށުގެ ދަޢުވާއެވެ.

މަހުލޫފްގެ މައްޗަށް ދައުވާ ކުރާ ސަބަބެއްގެ ގޮތުން ޕީޖީ އޮފީހުން ބުނެފައިވަނީ މަހުލޫފް، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރުކަމުގައި ހުރިއިރު، 27 އޮގަސްޓު 2014 ދުވަހު ސްޕެޝަލް އިކޮނޮމިކް ޒޯން ބިލަށް ތާއީދުކޮށް ވޯޓުދިނުމުގެ މުޤާބިލުގައި، އޭރުގެ ޓޫރިޒަމް މިނިސްޓަރ އަޙްމަދު އަދީބު ޢަބްދުލްޣަފޫރު، އެސް.އޯ.އެފް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓުގެ ޗެކުން މީނާއަށް ދިން 33،000 ޑޮލަރު މީނާގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓަށް 01 ސެޕްޓެންބަރު 2014 ދުވަހު ޖަމާކޮށް، ރިޝްވަތު ހިފާފައިވާ ކަމަށެވެ.

މިމައްސަލައިގައި ދައުވާ ކުރުމާމެދު ގޮތެއް ނިންމުމަށް، އޭސީސީން ޕީޖީއަށް މައްސަލަ ފޮނުވުމުން މަހުލޫފް މަގާމުން ސަސްޕެންޑް ކޮށްފައިވެއެވެ. އެހެންނަމަވެސް ދައުވާ ކުރުމާމެދު ގޮތެއް ނުނިންމި ގިނަ ދުވަސްވުމުން މަހުލޫފްގެ ސަސްޕެންޝަން އުވާލާ މަސައްކަތަށް ނެރެފައިވެއެވެ.

މަހުލޫފްގެ މައްސަލައިގައި ލަންކާގެ ރައްޔިތެެއްގެ ހެކިބަސް ނެގި ގޮތާމެދު ވެސް މީގެކުރިން ގިނަ ވާހަކަތަކެއް ދެކެވިފައިވެއެވެ. އެގޮތުން އެކަން ހިނގާގޮސްފައިވާގޮތް ބެލުމަށް ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އެންގި އެންގުމާއި ގުޅިގެން އެ މިނިސްޓްރީން ހިންގި ތަހުގީގަށް ފަހު އެކުލަވާލި ރިޕޯޓުގައި ވަނީ، ސްރީލަންކާގެ ރައްޔިތެއްކަމުގައިވާ ކަންޑައުޑާ އަރައްޗަންގީގެ ބަޔާން ނެގުމުގެ އިންތިޒާމު ހަމަޖެއްސުމުގައި އެސެޓް ރިކަވަރީ ކަމިޝަނުން އަމަލުކޮށްފައިވަނީ މިފަދަ ކަންކަމުގައި އަމަލުކުރަން ކަނޑައަޅާފައިވާ އުސޫލުތަކާއި ގާނޫނުގައިވާ ގޮތަށް ނޫންކަމަށެވެ.