Last Updated: April 19, 22:45
Saturday, April 20, 2024
ޚަބަރު ރައީސް ޔާމީން

ޔާމީންގެ ބަހުގެ ހަމަލާތައް ބައެއް ފަނޑިޔާރުންނަށް: ނުފޫޒުތަކަށް ތަބާވާ ފަނޑިޔާރުންނަށް އަޅުގަނޑުގެ ހަމްދަރުދީއެއް ނޯންނާނެ

ކުރީގެ ރައީސް އަބްދުالله ޔާމީން އެމަނިކުފާނުގެ ވަކީލުންނާއެކު ސުޕްރީމް ކޯޓުގައި--

އެކި ފަރާތްތަކުން އަންނަ ނުފޫޒުތަކަށް ނުނެކޭ ބުނެ އަދުވެރިކަން އިސްކުރުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް މިރޭ ގޮވާލައްވައިފި އެވެ.

ޝުކުރިއްޔާ ރައްޔިތުންގެ ނަމުގައި މިރޭ ޕީޕީއެމް އޮފީހުގައި ބޭއްވި ޖަލްސާގައި ރައީސް ޔާމިން ވިދާޅުވީ ކޮންމެ ފަރާތަކުން ނުފޫޒު ފޯރުވި ކަމަށްވިއަސް އެފަރާތަކަށް ނޫނެކޭ ބުނަން ފަނޑިޔާރުންނަށް ކެެރެންވާނޭ ކަމަށެވެ.

"އަޅުގަނޑުމެން ހަމަ އިހްތިރާމާއެކު ފަނޑިޔާރުންނަށް ދަންވާލަން ބޭނުންވަނީ ތިއީ ރައްޔިތުންގެ ތެރެއިން ބައެކޭ. އަޅުގަނޑުމެން އެންމެނަށްވުރެ މަތިވެރި އަމާނާތެއް ހަވާލުވެފައި ތިބި ބައެކޭ ފަނޑިޔާރުންނަކީ. އަދުލުވެރިކަން އިސްކުރައްވާށޭ. އިންސާފު އިސްކުރައްވާށޭ. ނުފޫޒުތަކުން އެއްކިބާވަށޭ. ކޮންމެ މީހަކަށްވެސް ނޫނެކޭ ބުނަން ކެރެންވާނެ،" ރައީސް ޔާމިން ވިދާޅުވި އެވެ.

ވަޒީފާ ގެއްލިދާނެތީ ނުފޫޒުތަކަށް ނޫނެކޭ ބުނަން ނުކެރެނީ ކަމަށް ބައެއް މީހުން ބުނާ ވާހަކަތަކަށް ވެސް ޔާމިން ވަނީ ރައްދު ދެެއްވާފަ އެވެ. އެމަނިކުފާނު ވިދާޅުވީ ވަޒީފާ ގެއްލިދާނެ ކަމަށްޓަކައި ނުފޫޒުތަކަށް ނޫނެކޭ ބުނަން ނުކެރޭ ފަނޑިޔާރުންނަށް އެމަނިކުފާނުގެ ހަމްދަރުދީއެއް ނެތް ކަމަށެވެ.

"އަޅުގަނޑުމެންގެ ތެރެއިން ވަރަށް ބޭފުޅުން ވާހަކަ ދައްކާއިރު އެބަ ވިދާޅުވޭ މިވެނި ފަނޑިޔާރަކު މިހެން ހައްދަވަން ޖެހުނީމަ ތިމަންނަމެންގެ ސިމްޕަތީ، ހަމްދަރުދީ އެބަ އޮވެ އޭ. އެއީ އެ ބޭފުޅުންގެ ވަޒީފާ ގެއްލިދާނެތީ އޭ. މާތްކަލާކޯ. އެއީ އެކަން އޮންނަ ގޮތެއް ނޫން. ވަޒީފާ ގެއްލިގެން ބިރު ހީވާން ޖެހެނީ ހަމަ އެކަނި ފަނޑިޔާރުންތޯ. ކޮންމެ މީހަކު ދުނިޔެއަށް މިއަންނަނީ ﷲ ވަޒީފާއެއް ދީފަ ތޯ މި ފޮނުއްވަނީ. ނޫން އަޅުގަނޑުގެ ހަމްދަރީއެއް އެކަމުގައި ނެތް،" ރައީސް ވިދާޅުވި އެވެ.

އޭގެ އިތުރުން ރައީސް ޔާމީން ވިދާޅުވީ ވަޒީފާ ގެއްލިދާނެ ކަމުގެ ބިރަކީ އެހެން މީހުންގެ ހައްގުތަކަށް އަރައިގަންނަން ލިބޭ ޓިކެޓެއް ނޫން ކަަމަށެވެ. އަދި ވިދާޅުވީ ވަޒިފާގެ ބިރަށް ނުފޫޒުތަކަށް ތަބާވާ ފަނޑިޔާރުންނަށް ހަމްދަރުދީވާ މީހުން އެމަނިކުފާނާއި އެމަނިކުފާނުގެ އާއިލާއަށް ހަމްދަރުނުވަނީ ކީއްވެތޯ ސުވާލު އުފެދޭ ކަމަށެވެ.

" ކީއްވެގެންބާ އޭ މި ފަނޑިޔާރުންނަށް ހަމްދަރުދީވާ މީހުން ވިދާޅުނުވަނީ ރައީސް ޔާމިންގެ އާއިލާ އާއި ރައީސް ޔާމީން ތަހައްމަލުކުރީ ކޮންކަހަލަ ކަމެއްހޭ. ކޮންކަހަލަ ހިތްދަތިކަމެއް ހޭ. ކޮން ކަހަލަ ކަންތައްތަކަކުންހޭ މަހްރޫމް ވެގެން އެ ދިޔައީ. އަޅުގަނޑު މި ވާހަކަ ދައްކާނަން. އަޅުގަނޑު މި ވާހަކަ ކުށްވެރިއެއް ނުކުރާނަން އަސަރާއެކު މި ވާހަކަ ދައްކާނަން." ރައީސް ޔާމިން ވިދާޅުވި އެވެ.