Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު ރައީސް ޔާމީން

އިންޑިޔާ އެމްބަސީން ފައިސާ ނަގައިގެން ބައެއް ނޫސްތައް ހިންގާ ކަމަށް ވިދާޅުވެ ޔާމީންގެ ފާޑުކިޔުން ނޫސްވެރިންނަށް

ރައީސް ޔާމިން މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަނީ

ރާއްޖޭގައި މިނިވަންކަމާއެކު މަސައްކަތްކުރަނީ ހަމައެކަނި އޮންލައިން ނޫސްތައް ކަމަށާއި ދެން އޮތް ނޫސްތައް ތިބީ ރާއްޖޭގައި ހުންނަ އިންޑިޔާގެ އެމްބަސީއިން ފައިސާ ނަގައިގެން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

މަނީލޯންޑަރިންގެ ދައުވާއިން ސަލާމަތްވެވަޑައިގަތުމަށް ފަހު މިރޭ ކާނިވާ ސަރައްދުގައި ޕީޕީއެމް އިން ބޭއްވި ޖަލްސާގައި ރައީސް ޔާމިން ވަނީ ބައެއްް ނޫސްވެރިންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އެމަނިކުފާނު ވަނީ މި ސަރުކާރު އައިފަހުން މިނިވަން ނޫސްވެރިކަމެއް ނެތް ކަމަށް ވިދާޅުވެފަ އެވެ. އަދި އޮންލައިން ނޫސްތައް ފިޔަވާ އެހެން ނޫސްތައް ހިނގަމުންދަނީ ފައިސާ ނަގައިގެން އެމީހުން ބޭނުންވާ ގޮތައް ކަމަށް ސިފަކޮށް ނޫސްތަކަށް ފާޑު ވިދާޅުވި އެވެ.

"މި ސަރުކާރުގައި ކަން ހިނގަނީ ކިހިނެތްތޯ. އޮންލައިން ނޫސްތައް އެކަނި މިނިވަންކޮން ހިނގަނީ. އެހެން ހުރިހާ ނޫސްތައް ސަރުކާރުގެ ޖީބުގައި އެ ހުރީ. މިތާކު ނެތް މިނިވަންކަމެއް. މިތާކު ނެތް ފްރީޑަމް އޮފް އެކްސްޕްރެޝަނެއް. މިތާކު ނެތް މިނިވަން ޖާނަލިޒަމްއެއް. ދެން ހުރިހާ ނޫސްތައް ތިބީ މިތާ ހުންނަ އިންޑިޔާގެ އެމްބަސީ ފޮނުވާ ލާރިކޮޅު ނަގައިގެން އެމީހުން އެ ތިބީ. ނޫސްވެރިކަމުގެ މިނިވަންކަމެއް ރާއްޖެއަކު ނެތް،" ރައީސް ޔާމިން ވިދާޅުވި އެވެ.

އިންޑިޔާއަށް ވެސް ފާޑު ވިދާޅުވެ އެމަނިކުފާނު ވަނީ އިންޑިޔާ އަޝްކަރިއްޔާއިން ރާއްޖޭގައި ތިބޭ ވާހަކަ ލިޔާ ނޫސްތަކުގެ ނޫސްވެރިން ބަންދުކުރަން އަންގާ ކަަމަށް ތުހްމަތު ކުރައްވާފަ އެވެ.

" އިންޑިޔާ ގަބޫލުކޮށްގެން ނުވާނެ އަޅުގަނޑުމެން ގަބޫލުކޮށްގެން ނުވާނެ މިއީ އިންޑިޔާގެ ޓައުނެކޭ. މިއީ އިންޑިޔާގެ ޓައުނެއް ނޫން. މިތާ ރައީސަކަށް މި ހުންނަނީ އިންޑިޔާގެ ގަވަރުނަރެއް ނޫނޭ. އެއީ އިނގިރޭސި އިސްތިއުމާރު ބާރުގެ ކަންތައް ހިނގާފައިވާގޮތް،" ރައީސް ޔާމިން ވިދާޅުވި އެވެ.

އޭގެ އިތުުރުން ރައީސް ޔާމީން ވިދާޅުވީ ސުޕްރީމް ކޯޓުތަކުން އެމަނިކުފާނު ސަލާމަތްވުމުން ނޫސްތަކުން އެމަނިކުފާނަށް ހުކުމް ކުރަމުން ގެންދާ ކަމަށެވެ. ޔާމިން ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި މިނިވަން ނޫސްވެރިކަމެއްކުރުމަށް ފުރުސަތު ދީފައިވާނެ ކަމަށެވެ.