Last Updated: May 2, 21:43
Thursday, May 2, 2024
ޚަބަރު ކޮވިޑު މަރު

އައްޑޫއިން ކޮވިޑްގައި އިތުރު މީހަކު ނިޔާވެއްޖެ

އައްޑޫސިޓީން ކޮވިޑް-19 ގައި އިތުރު މީހަކު ނިޔާވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފައިވަނީ، ރޭ 09:30 ހާއިރު އައްޑޫ ކޮވިޑް މެނޭޖްމެންޓް ފެސިލިޓީގައި ފަރުވާދެމުންދިޔަ މީހަކު ނިޔާވެފައިވާކަމަށެވެ.

އެގޮތުން ނިޔާވެފައިވަނީ އުމުރުން 79 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށްވެސް މައުލޫމާތު ދީފައިވެއެވެ. މިއާއެކު އައްޑޫއިން ކޮވިޑް-19 ގައި މަރުވި މީހުންގެ އަދަދު ވަނީ 12 އަށް އަރާފައެވެ. އަދި ރާއްޖެއިން ކޮވިޑް-19 ގައި މަރުވި މީހުންގެ އަަދަދު ވަނީ 255 އަށް އަރާފައެވެ.

އައްޑޫގެ އަވަށްތަކުގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ކޮވިޑްގެ އެކްޓިވް ކޭސް މިހާރު އުޅެނީ ހިތަދޫގަ އެވެ. އެގޮތުން ހިތަދޫގައި ކޮވިޑްގެ 166 ކޭސް އުޅޭއިރު، މަރަދޫގައި 19 ކޭސް، ފޭދޫގައި ހަތަރު ކޭސް، މަރަދޫފޭދޫގައި ހަތަރު ކޭސް، މީދޫގައި 21 ކޭސް އަދި ހުޅުދޫގައި 13 ކޭސް އުޅޭ ކަމަށް އެ ސެންޓަރުން ހާމަކުރެއެވެ. އެއާއެކު އައްޑޫގެ މުޅި ޖުމްލަ އެކްޓިވް ކޭސްގެ އަދަދު ވަނީ 228 އަށް އަރާފައެވެ.

ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 92،211 އަށް އަރާފައެވެ. ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ ގޮތުގައި މިހާރު އުޅެނީ 1739 ކޭސް އެވެ. މި ބަލިން 90،205 މީހުން ރަނގަޅުވެފައިވާއިރު ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނީ 19 މީހަކަށެވެ.