Last Updated: April 20, 07:18
Saturday, April 20, 2024
ޚަބަރު މަބްރޫކު އަޒީޒު

ރައީސް ޔާމިން ސަރުކާރުގައި އުފެއްދުނީ 22000 ވަޒީފާ: މަބްރޫކް

ސަރުކާރުގެ ތަރުޖަމާނު މަބްރޫކު:، ފޮޓޯ: ސަން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި 104000 ވަޒީފާ އުފެއްދި ކަމަށް ބުނާ ވާހަކައަކީ ތެދު ވާހަކއެއް ނޫން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ ރައީސް ޔާމިން ވެރިކަމަށް ވަޑައިގަންނެވިއިރު ވެސް 96000 މީހުން ވަޒީފާގައި ތިބި ކަމަށެވެ. އެހެން ކަމުން އޭގެ ފަހުން އަލަށް 104000 ވަޒީފާ އުފެއްދި ކަމަށް ބުނާނަމަ މި ސަރުކާރު އައިރު ވަޒީފާ ނެތް އެކަކުވެސް ނުހުންނާނެ ކަމަށެވެ. އެހެން ނަމަވެސް ޕެންޝަން އޮފީހުން ސާފުކުރި މައުލޫމާތުތަކުން އެނގޭ ގޮތުން ރައީސް ޔާމިންގެ ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި އުފެއްދުނީ 22000 ވަޒީފާ ކަމަށެވެ. މަބްރޫކް ވިދާޅުވީ މި ސަރުކާރުން މިހާތަނަށް 1160 ވަޒީފާ އުފައްދާފައިވާ ކަމަށެވެ.

"ހަމައެކަނި ހިސާބު އަކުރުން ވިސްނިއަސްވެސް އެއްލައްކަ ވަޒީފާ ދޭ ކަމަށްވަންޏާމު ގާތްގަނޑަކަށް ނައިންޓީ ޕަސެންޓް އެމްޕޮލޮއީމަންޓަށް އެ ކްލޭމްކުރެވުނީ. އެހެނެއް ނުވޭ. ދެން ލިބެން ހުރި ޓޭޑާއަކީ ޕެންޝަން އޮފީހުގައި މުޅި ފަސް އަހަރު ތެރޭގައި 22000 ވަޒީފާ، މި ސަރުކާރުގައި މިހާތަނަށް އައިރުވެސް އަޅުގަނޑުމެނަށް އުފެއްދިއްޖެ،" މަބްރޫކް ވިދާޅުވި އެވެ.

މި ސަރުކާރުން މިހާތަނަށް 11000 ވަޒީފާ އުފެއްދީ އިގްތިސާދު ހުއްޓިފައި އޮތް ތިން އަހަރު ތެރޭގައި ކަމަށް ފާހަގަ ކުރައްވަމުން މަބްރޫކް ވިދާޅުވީ އޭގެ ތެރެއިން އެއް އަހަރަކީ ރިސޯޓްތައް ބަންދުކުރަން ޖެހުނު އެއް އަހަރު ކަމަށެވެ. ވަޒީފާތައް އަލަށް އުފެއްދުމުގެ އިތުރަށް މި ސަރުކާރުން ވަނީ ވިޔަފާރީގެ ފުރުސަތުތައް ވެސް އިތުރު މީހުނަށް ހުޅުވާދީފައި ކަމަށް މަބްރޫކް ވިދާޅުވި އެވެ.

"ގާތްގަނޑަކަށް 900އެއްހާ މީހުނަށް އެސްޑީއެފް މެދުވެރިކޮށް ލޯނު ދެއްވިއްޖެ. ރާއްޖޭގެ އެންމެ އަތޮޅެއްވެސް ނެތް މިހާރު ސީދާ ސަރުކާރުގެ ބޭންކް، އެސްއެމްއީ ބޭންކުން އިސްވެސްޓްކޮށްގެން ވިޔަފާރީއެއް ނުހިންގާ. ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ހޯދާ ދެވިއްޖެ އެއަށްވުރެ މުހިންމު ތައުލީމީ ފުރުސަތު ހޯދާ ދެވިއްޖެ ވިޔަފާރީ ކުރުމުގެ ފުރުސަތު ހޯދާ ދެއްވިޖެ،" މަބްރޫކް ވިދާޅުވި އެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި ޕީޕީއެމުން ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި 104،000 ވަޒީފާ އުފައްދާފައިވާނެ ކަމަށެވެ.

"ރައީސް ޔާމީންގެ ފަސް އަހަރުތެރޭގައި އާރޯ، މުޅިން އައު 104،000 ވަޒީފާ އަޅުގަނޑު އުފެއްދީމޭ. ކީއްވެގެންތޯ މިހާރު އެމީހުން ވަޒީފާ ނެތީ" ޔާމީން ވިދާޅުވި އެވެ.