Last Updated: March 28, 17:21
Thursday, March 28, 2024
ޚަބަރު ރައީސް ނަޝީދު

ދިވެހިންގެ އެންމެ ބޮޑު މަސްހަތަކީ އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން: ނަޝީދު

ރައީސް މުހައްމަދު ނަޝީދު--

ދިވެހިންގެ އެންމެ ބޮޑު މަސްހަތަކީ އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައިވަނީ، ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިހް ހަސީނާއަށް މަޖިލީހުގައި ތަޤުރީރު ކުރުމުގެ ދައުވަތު އެރުވުމުގެ މައްސަލަ މަޖިލީހަށް ހުށަހަޅުއްވަމުން ދެއްކެވި ވާހަކަފުޅުގައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ބަންގްލަދޭޝްއަކީ ރާއްޖެއާ ވަރަށް ގާތް ގުޅުމެއް ބާއްވަމުން އަންނަ ގައުމެއް ކަމަށެވެ. ބަންގަލަދޭޝްއަކީ ދުނިޔޭގައި މިވަގުތު އެންމެ ބާރަށް ތަރައްޤީ ވަމުން އަންނަ ގައުމުތަކުގެ ތެރެއިން އެއް ގައުމުކަން ފާހަގަކޮށް ރައީސް ނަޝީދު ވިދާޅުވީ ބަންގްލަދޭޝް ފާހަގަވަނީ އެގައުމަކީ މިސަރަހައްދުގައި ބޭރުގެ ދަރަނި އެންމެ ކުޑަ ގައުމަށް ވާތީ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ އިންޑިއާ ކަނޑުގައި އުފެދެމުން އަންނަ ވާދަވެރިކަމުގައި ރާއްޖެއަށް ވަނީ ނުހަނު ހައްސާސް އަދި ނާޒުކު ހަތަރުއަނގޮޅިއަކަށް ހުއްޓޭން ޖެހިފައި ކަމަށެވެ.

"މިހުއްޓުމުގައި ދިވެހިން ބޭނުމީ އިތުރު ރަހުމަތްތެރިންނާއި ގުޅުން ބަދަހިކުރުން. އެއްވެސް ގައުމެއްގެ ދައުރު، އަދި ވަކިން ހާއްސަކޮށް އަވައްޓެރި ގައުމުތަކުގެ ތެރެއިން އެތެރެވަރި ގައުމުތަކުގެ ދައުރެއް ރާއްޖޭގައި ނެތްކަމަށް ބުނުމަކީ، ހަމައެކަނި އަޅުގަނޑަށް ފެންނަ ފެނުމުގައި ހަގީގަތާ ހިލާފު ވާހަކައެއް ނޫން. އެހާމެ ދިވެހިންނަށް ނިކަމެތިކަން ލިބޭނެ، ދެރަ ގޮތްތައް މެދުވެރިކުރާނެ ބުނުމެއް."

ދިވެހިންގެ ދައުރު އިންޑިއާ ކަނޑުގައި ވަރަށް ބޮޑުކަން ފާހަގަކޮށް ރައިސް ނަޝީދު ވިދާޅުވީ، ދިވެހިންގެ އެންމެ ބޮޑު މަސްހަތަކީ އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަމަށެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައިމިވަނީ އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން "އިންޑިއާ އައުޓް" ނަމުގައި ކެމްޕޭނެއް ކުރިއަށް ގެންދަމުން އަންނަނިކޮށެވެ.