Last Updated: May 16, 18:51
Thursday, May 16, 2024
ޚަބަރު ޝަރުއީ ދާއިރާ

18 ކިލޯގެ ޑްރަގްސްއާއެކު ހައްޔަރުކުރި ބްރެޒިލް އަންހެންމީހާ ދޫކޮށްލަން ކުރި އަމުރަށް ހައިކޯޓުން ތާއީދުކޮށްފި

ހައިކޯޓު-- ފޮޓޯ: ނިޝާން އަލީ/މިހާރު

ރާއްޖެއަށް ވައިގެމަގުން 18 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި ހައްޔަރުކުރި ބްރެޒިލްގެ އަންހެން މީހާ ނައިރު ނުނެސް ޑިސްސޫޒާ ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރި އަމުރަށް ހައިކޯޓުން ތާއީދު ކޮށްފިއެވެ.

މިމައްސަލައިގައި ހައްޔަރު ކުރި ބްރެޒިލްގެ ފިރިހެން މީހާ، އުމުރުން 28 އަހަރުގެ ކްރިސްޓިއާނޯ ސިލްވާ ރޮޑްރިޖް ޖޫނިއާ، ހުރީ ޝަރީއަތް ނިމެންދެން ބަންދު ކޮށްފައެވެ.

އަންހެން މީހާ ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރި އަމުރު، ޕީޖީން ހައިކޯޓުގައި އިސްތިއުނާފު ކުރިއިރު ޕީޖީން ހައިކޯޓުގައި އެދިފައިވަނީ، ނައިރު ނުނެސް ޑިސްސޫޒާ ބަންދުން ދޫކޮށްލުމަށް، ޑިސެމްބަރު 1 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ނެރުއްވާފައިވާ ކޯޓު އަމުރު ބާތިލުކޮށް، ނައިރު ނުނެސް ޑިސްސޫޒާ ކަސްޓޯޑިއަލް ޖަލެއްގައި ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްދިނުމަށެވެ.

ހައިކޯޓުން މިމައްސަލައިގައި އިއްޔަ ކޮށްފައިވާ ހުކުމުގައި ބުނެފައިވަނީ، ނައިރު ނުނެސް ޑިސްސޫޒާ ހަތަރު ފަހަރެއްގެ މަތިން 29 ދުވަހު ފުލުހުންގެ ތަހުގީގުގައި ބެހެއްޓިފައިވާއިރު، މައްސަލައިގައި އެ ހިސާބަށް ލިބިފައިވާ ހެކި ޤަރީނާއަށް ބަލާއިރު، ނައިރު ނުނެސް ޑިސްސޫޒާ އެންމެ ފުރަތަމަ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އެ ފަރާތުގެ ބަންދުގެ މުއްދަތު ފަސްވަނަ ފަހަރަށް އިތުރު ކުރަން ކޯޓަށް ހުށަހެޅި އިރުވެސް މައްސަލައިގައި ލިބިފައިވާ ހެކި ޤަރީނާގެ ގޮތުގައި ފުލުހުންގެ ބަހުން ފެންނަން އޮތީ އެންމެ ފުރަތަމަ ދުވަހުވެސް އެ ފަރާތުގެ މައްޗަށް ފެންނަން ހުރި ހެކިތަކާއި ޤަރީނާތައް ކަމަށެވެ. އެއީ ނައިރު ނުނެސް ޑިސްސޫޒާއާ އެކު ދަތުރުކުރި ކްރިސްޓިއާނޯ ސިލްވާ ރޮޑްރިޖް ޖޫނިއާގެ ލަގެޖުން މަސްތުވާތަކެތި ފެނިފައިވުމާއި، އަދި ދެ މީހުންގެ އަންނައުނު އެއް ލަގެޖެއްގައި ހުރުމެވެ. އަދި 29 ދުވަސް ފާއިތުވިއިރުވެސް އެ ހެކީގެ އިތުރުން އިތުރު ހެއްކެއް ފުލުހުންނަށް ދެއްކިފައި ނުވާކަން ހައިކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވެއެވެ.

އަދި މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމުގައި ނައިރު ނުނެސް ޑިސްސޫޒާގެ ދައުރެއް ނެތްކަމަށާއި އަދި މަސްތުވާތަކެތި ފެނުނު ފޮށީގައި މަސްތުވާތަކެތި ހުންނާނެކަން ނައިރު ނުނެސް ޑިސްސޫޒާއަށް ނޭންގޭނެކަމަށް، މިމައްސަލައިގައި ތުހުމަތު ކުރެވޭ ކްރިސްޓިއާނޯ ސިލްވާ ރޮޑްރިޖް ޖޫނިއާ ބުނާކަމަށް ނައިރު ނުނެސް ޑިސްސޫޒާގެ ފަރާތުން ހައިކޯޓުގެ ޝަރީއަތުގައި ބުނެފައިވާއިރު، އެ ބުނުމަށް ދައުލަތުގެ ފަރާތުން އިންކާރުކޮށްފައި ނުވާކަންވެސް ހައިކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވެއެވެ. އަދި ނައިރު ނުނެސް ޑިސްސޫޒާ ފުލުހުންގެ ބަންދަށް ގެންގޮސް ހާސިލުކުރަން ބޭނުންވާ ނަތީޖާއަކީ ކޮބައިކަން ދައުލަތަށް ހައިކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ބުނެފައިނުވާކަންވެސް ހައިކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވެއެވެ.

މީގެއިތުރުން ނައިރު ނުނެސް ޑިސްސޫޒާ ބަންދުގައި ބަހައްޓަން އެދިފައިވަނީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށް ބުނެފައިވާއިރު، ނައިރު ނުނެސް ޑިސްސޫޒާ ދޫކޮށްލައިފިނަމަ ނުވަތަ މުޖްތަމައުގެ ތެރެއަށް ދޫވެފައި ހުރެއްޖެނަމަ އެ ފަރާތުގެ ކިބައިން މުޖުތަމައުއަށް އޮތް ނުރައްކަލެއް ދައުލަތުން ބަޔާންކޮށްދޭން ޖެހޭނެކަންވެސް ހައިކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވެއެވެ.

"އިސްވެ އިޝާރާތްކުރެވުނު ޤާނޫނީ މާއްދާތަކާއި، އެއާ ވިދިގެން ޤާނޫނުގައި ބަޔާންކުރެވިފައިވާ މާއްދާތަކަށް ނަޒަރުކުރުމުން، ކުށެއްގެ ތުހުމަތުގައި ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއްގެ ގޮތުގައި، މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ހިމަނާފައިވަނީ، ހަމައެކަނި ކަރުދާހުގައި ލިޔެލާފައި އޮތް ނުވަތަ ދުލުން ބުނެލާ ބުނެލުމަކުން ކުރެވޭ ނުވަތަ ކުރެވެންޖެހޭނެ ކަމެއްގެ ގޮތުގައެއް ނޫނެވެ. އެއާ ޚިލާފަށް މުއްތަހަމުގެ މައްޗަށް ކުރެވޭ ތުހުމަތާ ގުޅިގެން، އެ ފަރާތް ބަންދުން ދޫކޮށްލައިފިނަމަ، އެކަމުގެ ސަބަބުން މުޖުތަމައަށް އޮތް ނުރައްކާ އެ ފަރާތުގެ މައްޗަށް ތުހުމަތުކުރެވޭ ކުށާއި އަދި ލިބިފައިވާ ހެކި ޤަރީނާއާ ގުޅުވައިގެން ޝަރީއަތަށް ފަހުމްވާ މިންވަރަށް ތަފްސީލުކޮށްދޭން ޖެހޭނެކަމަށް ދެކެމެވެ." ހައިކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވެއެވެ.

މިމައްސަލައިގައި ހައިކޯޓުން ހުކުމް ކޮށްފައިވަނީ، ކްރިމިނަލް ކޯޓުން ނައިރު ނުނެސް ޑިސްސޫޒާ ބަންދުން ދޫކޮށްލުމަށް ނެރުނު އަމުރު ބާތިލުކަމަށް ކަނޑައެޅެން ނެތްކަމަށާއި، އަދި ނައިރު ނުނެސް ޑިސްސޫޒާ ކަސްޓޯޑިއަލް ޖަލެއްގައި ބަންދުގައި ބަހެއްޓުމަށް އަމުރުކުރަންޖެހޭ ސަބަބެއްވެސް ނެތްކަމަށެވެ.

މިމައްސަލަ ހައިކޯޓުގައި ބަލައިފައިވަނީ ފަނޑިޔާރު އަބްދުﷲ ހަމީދު، ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އަދި ފަނޑިޔާރު ހަސަން ޝަފީއުއެވެ.