Last Updated: March 28, 14:17
Thursday, March 28, 2024
ޚަބަރު ރައީސް ސޯލިހު

ސަރުކާރު އޮފީސްތަކުން ފޯރުކޮށްދޭ ހިދުމަތްތައް ރައްޔިތުން ހެޔޮހިތުން ބަލައިގަންނަ ދުވަސް ދެކެން ބޭނުން: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް--

ސަރުކާރު އޮފީސްތަކުން ފޯރުކޮށްދޭ ހިދުމަތްތައް ރައްޔިތުން ހެޔޮހިތުން ބަލައިގަންނަ ދުވަސް ދެކެން ބޭނުންވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިފަދައިން ވިދާޅުވެފައިވަނީ ހިންގުމުގެ ދާއިރާގެ އިސް މުވައްޒަފުންގެ ހުނަރާއި ޤާބިލުކަން އިތުރުކުރުމުގެ ޕްރޮގްރާމް އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން ރައީސް ސޯލިހް ވިދާޅުވީ، ސަރުކާރުގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން ދައުލަތުގެ މުއައްސަސާތަކުގެ ހިންގުންތެރިކަމާ ގުޅޭގޮތުން ދެކެން ބޭނުންވާ ދުވަހެއް އެބައޮތްކަމަށެވެ. އެއީ، ދައުލަތުގެ އޮފީސްތަކުން އަދި ވަކިން ހާއްސަކޮށް، ސަރުކާރުގެ އޮފީސްތަކުން ފޯރުކޮށްދޭ ޚިދުމަތްތަކަކީ، ރައްޔިތުން ހެޔޮހިތުން ބަލައިގަންނަ ޚިދުމަތްތަކަކަށް ވެގެންދާ ދުވަސް ކަމަށާއި، މި ފޯރަމަކީ އެކަމުގެ ފެށުމަށް ވާނެ ކަމަށް އުންމީދު ކުރައްވާކަމަށެވެ.

"އަޅުގަނޑުގެ މި ހުވަފެން ޙަޤީޤަތަކަށް ހައްދަވައި ދެއްވާނީ ތިޔަބޭފުޅުން."

ސަރުކާރު އޮފީސްތަކުން ދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް މިވަގުތު ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭ އެއް ކަމަކީ، ސަރުކާރު އޮފީސްތަކުގެ ސަރވިސް ޗާޓަރުތައް ތައްޔާރުކޮށް ޢާންމުކުރުންކަން ފާހަގަކޮށް ރައީސް ސޯލިހް ވިދާޅުވީ، މި ދެންނެވި ޗާޓަރާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަންތަކެއް، ސިވިލް ސަރވިސްގެ 680 އަށްވުރެ ގިނަ އިދާރާގެ މުވައްޒަފުންނަށް ބާއްވާފައިވާކަމަށެވެ.

އޭގެ ތެރެއިން މިހާތަނަށް ސިވިލް ސަރވިސްގެ 200 އަށްވުރެ ގިނަ އިދާރާއިން، ސަރވިސް ޗާޓަރު ތައްޔާރުކޮށް އާންމުކޮށްފައިވާކަމަށާއި، މި އަހަރު ނިމުމުގެ ކުރިން، ސިވިލް ސަރވިސްގެ ހުރިހާ އިދާރާތަކެއްގެ ސަރވިސް ޗާޓަރު ތައްޔާރުކޮށް އާންމުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

"މި ދަނޑިވަޅުގައި، ސިވިލް ސަރވިސް އިންސްޓިޓިއުޓްގެ ބޭފުޅުންނަށް އަމާޒުކޮށް އެއްޗެއް ދަންނަވާލަން އަޅުގަނޑު ބޭނުން. މިއަދުގެ މި ފޯރަމާއެކު ފެށިގެންދާ ސިލްސިލާ ތަމްރީނު ޕްރޮގްރާމްތަކުގެ އަލީގައި، ސަރުކާރު އޮފީސްތައް މިހާރަށްވުރެ ހަލުވިކޮށް މަސައްކަތް ކުރާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން. ރައްޔިތުންގެ ފަރާތުން ސަރުކާރަށް ހުށަހަޅާ ޝަކުވާތަކާއި މައްސަލަތައް މަދުވާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން. އިންސާނީ ވަސީލަތް ބިނާކުރުމަކީ ބުރަކަމެއް. އެއީ އެއް ދުވަހުން، ނޫނީ ދެ ދުވަހަކުން ވާނެކަމެއް ނޫން. އަޅުގަނޑު އެދެނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ގުޅިގެން ސިވިލް ސަރވިސް އިންސްޓިޓިއުޓުން ތިޔަ ފަށްޓަވާ މަސައްކަތަށް، މާތް ﷲ ކާމިޔާބު މިންވަރު ކުރެއްވުން."

މީހުން ބިނާކުރުމުގައި އެންމެ އިސް ސަފުގައި މަސައްކަތް ކުރައްވާ ބޭފުޅުންކޮޅަކާއެކު، މި ފޯރަމް ފެށުމަށް ހަމަޖައްސަވާފައިވާކަމީ، މި ޕްރޮގްރާމްގެ ތަފާތު ފެންނާނެ ކަމުގެ ހެތްކެއް ކަމުގައި ދެކެލައްވާކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. އަދި އެބޭފުޅުންގެ ތަޖުރިބާގެ އަލީގައި، މި ސަރުކާރުގެ ލީޑަރުންގެ ވިސްނުންފުޅުތައް ތާޒާކުރައްވައި، ވިސްނުންތެރިކަން އިތުރުކުރައްވައި، މަސައްކަތަށް ޝައުޤުވެރިކުރުވާނެ މަގު ދައްކައިދިނުމަށް އެދެވަޑައިގަންނަވާ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.