Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު ރައީސް ޔާމީން

މީހުންނަށް ނޫޅެވޭ ވަރަށް މާލެ ސަރަހައްދު އަދި ނުފުރޭ: ޔާމީން

ކުރީގެ ރައީސް އަބްދުالله ޔާމީން-- ފޮޓޯ: ރައީސް އޮފީސް

މީހުންނަށް ނޫޅެވޭ ވަރަށް މާލެ ސަރަހައްދު އަދި ނުފުރޭ ކަމަށާއި އެއްފަސްކުރުމުގެ މައި ހަބަކީ މާލެ ސަރަހައްދު ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ރޭ "ޗެނަލް 13" އަށް ދެއްވި އިންޓަވިއުއެއްގައި ޔާމީން ވިދާޅުވީ އެއްފަސްކުރުމުގެ ސިޔާސަތުގައި އަދިވެސް ހަބަކަށް ވާނީ މާލެ ސަރަހައްދު ކަމަށާއި ވެރިކަން އަލުން އަނބުރާ ލިބުނަސް ކުޅުދުއްފުށި އާއި އައްޑޫ ސިޓީ ފަދަ ތަންތަން އެއްފަސް ކުރެވިދާނެތޯ ބަލަން ފައިސާ ހަރަދު ނުކުރައްވާނެ ކަމަށެވެ.

"އެ އެކްސްޕެރިމެންޓެއް ނުކުރާނަން. އެއީ މިހާރު މިއޮތީ ކާމިޔާބު ކަމާއެކީ ޕްރޫވް ކުރެވިފައި އޮތް ޕްރޮޑަކްޓެއް. އެހެންވީމަ އެއްފަސްކުރުން މިކޮޅުގައި (މާލެ ސަރަހައްދު) އޮންނާނީ. މިކޮޅުގަ އެއްފަސްކޮށްގެން މީހުންނަށް ނޫޅެވޭ ވަރަކަށް އަދި ފުރިގެންނެއް މާލެ ސަރަހައްދު ދާނެ ކަމަކަށް ގަބޫލެއް ނުކުރަން. އެއްފަސްކުރުމުގެ ހައްލަކަށް އަދިވެސް މި ބަލަނީ މާލެ އާއި މާލެ ސަރަހައްދު" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ މާލޭގެ ފެންވަރަށް އައްޑޫ ސިޓީ ހިތަދޫގެ ޓާޝަރީ ހޮސްޕިޓަލް ގެންދާނަމަ ލައްކަ މަސައްކަތް އަދިވެސް ކުރަންޖެހޭ ކަމަށެވެ. އެގޮތުން އެތަނަށް ބޭނުންވާ މެޝިނަރީ ގަނެވިދާނެ ކަމަށާއި ނަމަވެސް ފަންނީ މީހުން ތަމްރީނު ކުރުމަކީ ފަސޭހަ ކަމެއް ނޫން ކަމަށް ޔާމީން ވިދާޅުވި އެވެ.

މީގެއިތުރުން ކޮންމެ ބަޔަކަށް ވެސް އެމީހަކު ދިރިއުޅޭ ރަށަކުން ހުރިހާ ހިދުމަތުން ލިބޭނަމަ ފަސޭހަވާނެ ކަމަށާއި ނަމަވެސް އެއީ ވެސް އެގޮތަށް ފުރިހަމަވާނެ ކަމެއް ނޫން ކަމަށް ޔާމީން ވިދާޅުވި އެވެ. އެގޮތުން ޓާޝަރީ ހޮސްޕިޓަލުތައް ހަދައި އަތޮޅު ހޮސްޕިޓަލުތައް ކުރިއަށް ވުރެ ރަނގަޅު ހާލަތަކަށް ގެނެސް ސިއްހީ މަރުކަޒުތަކުން ރަނގަޅު ފެންވަރުގެ ހިދުމަތްތައް ލިބޭނެ ގޮތް ހެދީ އެ ސަބަބާއި ހުރެ ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.