Last Updated: April 20, 16:27
Saturday, April 20, 2024
ޚަބަރު ކޮވިޑު-19

އިންޑިއާއަށް ދަތުރުކުރާ މީހުން 7 ދުވަހުގެ ކަރަންޓީނެއް ފުރިހަމަކުރަންޖެހޭ ގޮތަށް ހަދައިފި

ފޮޓޯ: އަހުމަދު ޝުރާއު/އޭއެފްޕީ

އިންޑިއާއަށް ދަތުރުކުރާ ފަރާތްތަކުން ހަތް ދުވަހުގެ ކަރަންޓީނެއް ފުރިހަމަކުރަންޖެހޭ ގޮތަށް ހަމަޖައްސައިފިއެވެ.

ކޮވިޑް-19 ގެ އޮމިކްރޮން ވޭރިއަންޓް މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނާތީ، އިންޑިއާ ސަރުކާރުން އަޅަމުންގެންދާ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، އިންޑިއާއަށް ދަތުރުކުރާ ފަރާތްތަކުން ގޭގައި ހަތް ދުވަހުގެ ކަރަންޓީނެއް ފުރިަހަމކުރަންޖެހޭ ގޮތަށް ހަމަޖައްސާފައިވަނީ 11 ޖެނުއަރީ 2022 ވަނަ ދުވަހުގެ އިންޑިއާ ގަޑިން 00:01 ން ފެށިގެންނެވެ.

މިގޮތަށް ހަމަޖެއްސުމުގެ އިތުރަށް އެ ޤައުމަށް ދަތުރުކުރާ ފަރާތްތައް އެ ޤައުމަށް ދަތުރުކުރުމުގެ ކުރިން 72 ގަޑިއިރުގެ ތެރޭގައި ހައްދާފައިވާ ކޮވިޑް-19 ޕީސީއާރް ނެގެޓިވް ޓެސްޓް ނަތީޖާ ހުށައަޅައި، ވޭތުވެދިޔަ 14 (ދުވަހުގެ ތެރޭގައި ކޮށްފައިވާ ދަތުރުތަކުގެ މައުލޫމާތު ހިމަނައި، ހުށަހަޅާ މައުލޫމާތުގެ ސައްހަކަމަށާއި، ކޮވިޑާ ގުޅިގެން އެ ޤައުމުގެ ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކުން އަޅާ ފިޔަވަޅުތަކަށް ފުރިހަމައަށް އަމަލު ކުރަން އިޤުރާރުވެ، އެކަމަށް ތައްޔާރުކޮށްފައިވާ "އެއަރ ސުވިދާ" ޕޯޓަލަށް ސެލްފް ޑެކްލަރޭޝަން ފޯމެއް ހުށަހަޅަންޖެހޭ ގޮތަށްވެސް ހަމަޖައްސާފައިވެއެވެ.

މިކަންކަމާއި ގުޅިގެން ފޮރިން މިނިސްޓްރީން ބުނެފައިވަނީ، ހަތް ދުވަހުގެ ކަރަންޓީނަށްފަހު އަށް ވަނަ ދުވަހު ހައްދާ ކޮވިޑް-19 ޕީސީއާރް ޓެސްޓުގެ ނަތީޖާ ނެގަޓިވް ވުމުން ގެއިން ނުކުމެވުނަސް، އިތުރު ހަތް ދުވަސް ވަންދެން އެމީހެއްގެ ސިއްހަތު އަމިއްލައަށް މޮނިޓަރ ކުރަމުން ދާންޖެހޭނެ ކަމަށާއި އަދި މި ޓެސްޓުގެ ނަތީޖާ "އެއަރ ސުވިދާ" ޕޯޓަލްއަށް އަޕްލޯޑު ކުރަންޖެހޭނެ ކަމަށެވެ. އަދި މީގެ އިތުރުން، ކޮންމެ ފްލައިޓަކުން ދަތުރުކުރާ ފަސިންޖަރުންގެ ތެރެއިން ދެ އިންސައްތަ މީހުން ރެންޑަމްކޮށް އެއަރޕޯޓުގައި ޓެސްޓްކުރާ ގޮތަށްވެސް އެ ޤައުމުގެ ސަރުކާރުން ނިންމާފައިވާކަމަށެވެ.

"މި ފިޔަވަޅުތައް މިގޮތަށް ހުރި ނަމަވެސް، އެ ޤައުމަށް، އެކުގައި ދަތުރުކުރާ 5 (ފަހެއް) އަހަރުން ދަށުގެ ކުދިން އޮން އެރައިވަލް އަދި ގޭގެ ކަރަންޓީން މުއްދަތަށްފަހު 8 (އަށެއް) ވަނަ ދުވަހުގެ ޓެސްޓު ހައްދާކަށް ނުޖެހޭނެއެވެ. ނަމަވެސް އެ ޤައުމަށް އެތެރެވާއިރު، ނުވަތަ ގޭގައި ކަރަންޓީންގައި ހުންނަ މުއްދަތުގައި ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ، ޓެސްޓު ހައްދައި ކޮވިޑް-19 އަށް ފައްސިވާ ފަރާތްތައް، އެކުލަވާލާފައިވާ އުސޫލުތަކާ އެއްގޮތަށް އެކަހެރިވެ ފަރުވާ ހޯދަންޖެހޭނެއެވެ." ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.

މި ފިޔަޅުތަކާގުޅިގެން، އިންޑިއާގައި ދިރިއުޅޭ އަދި އިންޑިއާއަށް ދިވެހިރާއްޖެއިން ދަތުރުކުރަން ޤަސްދުކުރާ ފަރާތްތައް މިކަމަށް ސަމާލުވުމަށް ފޮރިން މިނިސްޓްރީން ވަނީ އެދިފައެވެ. އަދި މި ފިޔަވަޅުތަކަށް ބަދަލުއައުން އެކަށީގެންވުމާއެކު، ދަތުރުކުރުމުގެ ކުރިން މައުލޫމާތު ސާފުކުރުމަށްވެސް ފޮރިން މިނިސްޓްރީން ވަނީ އެދިފައެވެ.