Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު ކޮވިޑު-19

އަމާޒަކީ އިގްތިސާދާ ގުޅިފައިހުރި ކަންތައްތަކާއި ސްކޫލްތައް ބަންދުނުކޮށް ބަލި ކޮންޓްރޯލް ކުރުން

ޑރ. ޝާހް އަބްދުﷲ މާހިރު--

އަމާޒަކީ އިގްތިސާދާ ގުޅިފައިހުރި ކަންތައްތަކާއި ސްކޫލްތައް ބަންދުނުކޮށް ކޮވިޑް-19ގެ މި ރާޅު ކޮންޓްރޯލް ކުރުން ކަމަށް ޑރ. ޝާހް އަބްދުﷲ މާހިރު ވިދާޅުވެއްޖެއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ޝާހް ވިދާޅުވީ މިހާރު ހޮސްޕިޓަލުގައި އެޑްމިޓް ކުރަންޖެހޭ މީހުންގެ އަދަދުތައް އިތުރުވަމުން އަންނަކަމަށާއި އަދި ފްލޫކްލިނިކްތަކާއި މިކަމުގައި ޑޮކްޓަރަށް ދެއްކޭ ފަރާތްތަކުގެ އަދަދުތައް އިތުރުވަމުން އަންކަމަށެވެ.

ޑރ. ޝާހް ވިދާޅުވީ ކުރިއަށް އޮތް ދެ ހަފްތާއަކީ އަދި ކުރިއަށްހުރި ދުވަސްތަކަކީ އިތުރު ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭނެ ދުވަސްތަކެއް ކަމަށް ލަފާކުރެވޭކަމަށެވެ.

އޮމިކްރޯންގެ ކޭސްތައް ރާއްޖެއިން ފެނިފައިވާކަން ފާހަގަކޮށް ޑރ. ޝާހް ވިދާޅުވީ މާލެއިންނާއި މާފުށި އަދި ކުޑަހުވަދޫއިންވެސް އޮމިކްރޯންއަށް ޕޮޒިޓިވް ދިވެހިން ފެނިފައިވާކަމަށެވެ.

ކޮވިޑް-19ގެ މިރާޅު ކޮންޓްރޯލް ކުރުމުގައި މައިގަނޑު އަމާޒަކީ ގައުމުގެ މަސައްކަތްތަކާއި، ކަންތައްތައް ހުއްޓުމެއްނެތި ޕެންޑެމިކް ކޮންޓްރޯލް ކުރުން ކަމަށެވެ.

"އަޅުގަނޑުމެންގެ އިގްތިސާދާ ގުޅިފަހުރި ކަންތައްތަކަށް މާއުނދަގޫތަކެއް ނުޖެހޭގޮތަށް މި ޕެންޑެމިކް ކޮންޓްރޯލް ކުރުމަކީ ސަރުކާރުގެ އެންމެބޮޑު އެއް އަމާޒު. ހަމަ އޭގެތެރޭގައި ސްކޫލްތަކާއި އެހެނިހެންވެސް ކަންތައްތައް ބަންދުނުކޮށް އިތުރު މާއުނދަގޫތަކެއް ރައްޔިތުންނަށްވެސް ނުޖެހޭގޮތަށް މިކަންތައްތައް ކުރުމަށްޓަކައި ތައްޔާރުވަމުން މިދަނީ." ޑރ. ޝާހް ވިދާޅުވިއެވެ.

ކޮވިޑް-19ގައި މިހާތަނަށް ލިބުނު ކާމިޔާބީއަކީ އެންމެން ގުޅިގެން ކުރި މަސަައްކަތުން ލިބުނު ކާމިޔާބީއެއްކަން ފާހަގަކޮށް ޑރ. ޝާހް ވިދާޅުވީ މިހާރު މިއަންނަ ރާޅުވެސް ހަމަ އެރޫހުގައި ކޮންޓްރޯލް ކުރުމަށް ބޭނުންވާކަމަށެވެ.