Last Updated: April 26, 17:13
Friday, April 26, 2024
ޚަބަރު ކޮވިޑު-19

ކޮވިޑަށް ފައްސިވާ މީހުން ދެން ކަރަންޓީނުވާން ޖޭހޭނީ ހަތް ދުވަހަށް، ކޮންޓެކްޓްވި މީހުން 10 ދުވަހަށް

ކޮވިޑް-19 ބަލި މީހުންގެ ސާމްޕަލް ނެގުމަށް ހަރަކާތްތެރިވަނީ-- ފޮޓޯ: އައްޑޫލައިވް

ކޮވިޑް-19 އަށް ފައްސިވާ މީހުންނާއި ފައްސިވާ މީހުންގެ ކޮންޓެކްޓުން އެކަހެރިކުރާ އަދި ކަރަންޓީނުކުރާ މުއްދަތު ކުރުކޮށްފި އެވެ.

އެޗްޕީއޭއިން މިއަދު ބުނީ ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހަކު އެކަހަރިކޮށްފައި ބެހެއްޓޭނީ ސާމްޕަލް ނަގާ ތާރީޚުން ފެށިގެން ހަތް ދުވަހުގެ މުއްދަތެއް ކަމަށެވެ. ނަމަވެސް ހަތް ދުވަސް ހަމަވާ ފަހުންވެސް ބަލީގެ އަލާމާތެއް ހުރިނަމަ، އެކަހެރިކުރާ މުއްދަތު ނިމޭނީ އެއްވެސް އަލާމާތެއް ނެތި މަދުވެގެން 24 ގަޑިއިރު ވުމުންނެވެ.

ޞިއްޙީ ޚިދުމަތްދޭ ތަންތަނާއި، ތަނާއި، މީހުން ބަލަހައްޓާ މަރުކަޒުތަކާއި ސްކޫލުތަކާއި ކިޔަވައިދޭ މަރުކަޒުތައްފަދަ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން މީހަކު ކޮވިޑަށް ޕޮސިޓިވް ވެއްޖެ ނަމަ އެ މީހަކު ވަޒީފާއަށް ނުކުންނަންވާނީ ސާމްޕަލް ނަގާ ތާރީޚުން ފެށިގެން ހަތް ދުވަސް ފުރިހަމަވުމާއެކު އެންޓިޖެން ޓެސްޓު ހަދައި ނަތީޖާ ނެގެޓިވް ވުމުން ކަމަށްވެސް ވަނީ ކަނޑައަޅާފަ އެވެ.

އެންޓިޖަން ޓެސްޓު ހަދާނީ މިނިސްޓްރީ އޮފް ހެލްތުން ކަނޑައަޅާފައިވާ ގައިޑްލައިނާ އެއްގޮތްވާގޮތުގެ މަތިން މިނިސްޓްރީ އޮފް ހެލްތުން އެންޓިޖަން ޓެސްޓު ހެދުމުގެ ހުއްދަ ދީފައިވާ ތަނަކުން ކަމަށްވެސް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ.

އެޗްޕީއޭއިން މިއަދު ކަނޑައަޅާފައިވާ ގޮތުން ކޮވިޑް-19ގެ ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާ މީހަކާ ކޮޮންޓެކްޓްވެގެން ކަރަންޓީނު ކުރެވޭނީ ފައްސިވި މީހާއާ ކޮންޓެކްޓުވި ތާރީހުން ފެށިގެން ދިހަ ދުވަހުގެ މުއްދަށެވެ. އަދި މި 10 ދުވަސް ފުރިހަމަވުމުން، ބަލީގެ އަލާމާތެއް ނެތްނަމަ އިތުރު ޓެސްޓުކުރުމަކާނުލައި ކަރަންޓީނުން ދޫކުރެވޭނެ ކަމަށްވެސް ވަނީ ބުނެފަ އެވެ.

އެގޮތައް ކަނޑައަޅާފައި އޮތް ނަމަވެސް، އެ މީހަކު ކަރަންޓީނުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން އަންގާ ތާރީހުން ފެށިގެން 5 (ފަހެއް) ދުވަސް ފުރިހަމަވުމުން، ޕީ.ސީ.އާރ ޓެސްޓު ހަދައި ނަތީޖާ
ނެގެޓިވްނަމަ ކަރަންޓީނުން ދޫކުރެވޭނެ ގޮތައްވެސް ވަނީ ހަމަ ޖައްސާފަ އެވެ.