Last Updated: April 19, 22:45
Saturday, April 20, 2024
ޚަބަރު ކޮވިޑު މަރު

ކޮވިޑްގައި އައްޑޫއިން އިތުރު މީހަކު ނިޔާވެއްޖެ، މިއަދުގެ ތިންވަނަ މަރު

ކޮވިޑް-19 ގައި އައްޑުސިޓީން އިތުރު މީހަކު ނިޔާވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފައިވަނީ މިއަދު 09:00 ހާއިރު އައްޑޫ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ މީހަކު ނިޔާވެފައިވާކަމަށެވެ.

ނިޔާވެފައިވަނީ އުމުރުން 76 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިއާއެކު ރާއްޖެއިން ކޮވިޑް-19 ގައި މަރުވި މީހުންގެ އަދަދު ވަނީ 268 އަށް އަރާފައެވެ. މިއީ އައްޑޫސިޓީން ކޮވިޑް-19 ގައި ނިޔާވި 15 ވަނަ މީހާއެވެ. މިއަދު ކޮވިޑް-19 ގައި އިތުރު ދެ މަރެއް ރިޕޯޓްކޮށްފައިވެއެވެ.

ރާއްޖޭގެ ކޮވިޑް-19 ގެ ހާލަތު ގޯސްވެފައިވާއިރު އިއްޔަ އެކަނިވެސް 2000 އަށްވުރެއް ގިނަ މީހުން ބައްޔަށް ޕޮޒިޓިވް ވެފައިވެއެވެ. މިއާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 108،732 އަށް އަރާފައެވެ. ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ ގޮތުގައި މިހާރު އުޅެނީ 9574 ކޭސް އެވެ. މި ބަލިން 98،880 މީހުން ރަނގަޅުވެފައިވާއިރު ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނީ 43 މީހަކަށެވެ.