Last Updated: March 28, 17:21
Thursday, March 28, 2024
ރިޕޯޓް ކޮވިޑު-19

ކޮވިޑް ނަމްބަރުތައް އަތްނުފޯރާ ހިސާބުގައި, ސަރުކާރާއި ސިއްހީ ދާއިރާ ތައްޔާރުބާ؟

ފޮޓޯ: މިހާރު

ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް އަނެއްކާވެސް މި އަންނަނީ ބިރުގަންނަންޖެހޭ މިންވަރަށް އިތުރުވަމުންނެވެ. ދުވާލެއްގެ މައްޗަށް ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް އިންތިހާއަށް އިތުރުވެފައިވާއިރު, މިފަހަރުގެ ރާޅަށް ކަމާބެހޭ އިދާރާތަކާއި ސަރުކާރުން ތައްޔާރުވެފައިއޮތް މިންވަރަކާ ވިސްނާލަންޖެހެއެވެ.

ކޮވިޑް-19 ގައި މިހާރު އައިސްފައިމިވާ ރާޅަކީ ނޭނގި އައިސްފައިވާ ރާޅެއް ނޫނެވެ. ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް އިތުރުވެދާނެކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްވެސް ހާމަކުރެއްވިއެވެ. ކޮވިޑް-19 ގެ ބަލިމަޑުކަން އެންމެފުރަތަމަ ފެށިގެން އައިއިރު, ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ކަރަންޓީން ކުރުމަށް ފެސިލިޓީތަކާއި, އެނދުމަތިކޮށް ފަރުވާދޭންޖެހޭ މީހުންނަށް ބޭނުންވާނެ ފެސިލިޓީ އަދި ވެންޓިލޭޓަރު ހޯދުމުގެ މަސައްކަތްތައްތަކެއް ސަރުކާރުން ކުރިއެވެ. ވެންޓިލޭޓަރުތަކަށް ވީގޮތް އެންމެނަށްވެސް އެނގެއެވެ. އެހެންނަމަވެސް ސުވާލަކީ, މިފަހަރުގެ ރާޅާ ހަމައަށް އައިއިރު ބައްޔަށް "ޓެކުލް" ކުރުމަށް ސިއްހީ ދާއިރާ ތައްޔާރަށް އޮތީ ކިހާ މިންވަރަކަށްތޯއެވެ.

ކޮވިޑް-19 ގެ ކޭސްތައް މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން އިތުރުވަމުން އައިސްފައިވާ ގޮތަށް ބަލާލާނަމެވެ.

ޖެނުއަރީ 15 : ޕޮޒިޓިވް 954 , އެކްޓިވް ކޭސް 4877
ޖެނުއަރީ 16 : ޕޮޒިޓިވް 1209 , އެކްޓިވް ކޭސް 5975
ޖެނުއަރީ 17 : ޕޮޒިޓިވް 1420 , އެކްޓިވް ކޭސް 6993
ޖެނުއަރީ 18 : ޕޮޒިޓިވް 1594 , އެކްޓިވް ކޭސް 8079
ޖެނުއަރީ 19 : ޕޮޒިޓިވް 2137 , އެކްޓިވް ކޭސް 9574
ޖެނުއަރީ 20 : ޕޮޒިޓިވް 2199 , އެކްޓިވް ކޭސް 10,537
ޖެނުއަރީ 21 : ޕޮޒިޓިވް 1697 , އެކްޓިވް ކޭސް 11,535

އެންމެ ހަފްތާއެއްގެ ތެރޭގައިވެސް ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އެތައް ގުނައެއް އިތުރުވަމުން އަންނައިރު, އެމީހުންގެ ކޮންޓެކްޓް ޓްރޭސިންގެ ކަންކަން ކުރުން މިހާރުވަނީ އުނދަގޫ ކަމަކަށްވެފައެވެ. ނަތީޖާއެއްގެ ގޮތުން އެކަންވެސް އޮތީ ފަރުދީ ޒިންމާއަށް ދޫކޮށްލާފައެވެ. ބައްޔަށް ޕޮޒިޓިވްވާ މީހުން އަމިއްލަޔަށް ގޭގައި ތިބެންޖެހޭއިރު އެމީހުން ބޭރަށް ނިކުމޭތޯ ނުވަތަ ބައްޔަށް ޕޮޒިޓިވްވާ މީހުން މޮނީޓަރ ކުރެވޭނެ އިތުރުގޮތެއްވެސް މިހާރު ގާއިމުކުރެވިފައެއްނެތެވެ.

ބަލީގައި ބޮޑުވަރުވެ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާދޭ މީހުންގެ އަދަދު މިދިޔަ ހަތް ދުވަހުގެ ތެރޭގައި ވެސް އިތުރުވެފައިވާއިރު, މީގެ ކުރިން ފަހަރުތަކުގައިއައި ކޮވިޑް-19 ގެ ރާޅުތަކާއެކު އެޑްމިޓް ކުރަންޖެހޭ އަދަދުތައްވެސް 100 އިން މައްޗަށް އަރައިގެން ދިޔައެވެ. ސުވާލަކީ މިފަހަރުގެ މިރާޅާއެކު އެދުމަތި ކުރަންޖެހޭ މީހުންގެ އަދަދުތައް އަރައިގެން ހިނގައިދާނެ މިންވަރަކަށް ބަލާ ސަރުކާރަށް ސިއްހީ ދާއިރާ ތައްޔާރުކުރެވިފައި އޮތްތޯއެވެ.

2020 ވަނަ އަހަރުން ފެށިގެން ކޮވިޑްގެ ތެރޭގައި އުޅެން ޖެހިފައިވާއިރު, ގިނަ ރައްޔިތުންގެ ޝަކުވާއަކަށް އަދިވެސް ވެފައިވަނީ ކަންކަން ރަނގަޅަށް އިންތިޒާމު ކުރެވިފައިނުވާކަމުގެ ޝަކުވާއެވެ. އެކަކު ދިއްކޮށްލާ ތޮތްޕާއި, އަނެކަކު ދިއްކޮށް ފެންފުޅިއާއި, ދެންހުރި މީހާ ޖަހައިދޭ ޓެންޓުގެ ދަށުގައި ސާމަޕަލް ނެގުމަށް ހަދަންޖެހޭ ދިގު ކިއުތަކުގެ އިންތިޒާމު ރަނގަޅު ނޫންވާހަކައެވެ. ހުރިހާ ކަމެއް ފަރުދީ ޒިންމާއާ މަތިކޮށް, އިދާރާތަކުން އަތްއުރާލައިގެން ތިބޭކަމަށް ރައްޔިތުން ކުރާ ޝަކުވާއަށް ބަދަލެއް ނައެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް އިންތިހާއަށް އިތުރުވާއިރު އެކަމުގައި އަދިވެސް އަވަސް ފިޔަވަޅުތަކެއް ނޭޅި, ދޯހަޅި ގޮތަކަށް އިދާރާތަކުގެ ކަންކަން ހުރިކަމަށް ރައްޔިތުންނަށް ފެނުމަކީ ވަރަށްވެސް ދެރަ ކަމަކަށެވެ.