Last Updated: April 26, 06:25
Friday, April 26, 2024
ޚަބަރު ރައީސް ޔާމީން

ދެން އުފެދޭ އަޅުގަނޑުމެންގެ ސަރުކާރެއްގައި ވަޒީފާ ދޭނީ ހަމައެކަނި ޕީޕީއެމް ކުދިންނަށް: ޔާމީން

ކޮމަންޑޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރުންނާއެކު ރައީސް ޔާމިން މިރޭ ބައްދަލުވުމުގެ ތެރެއިން

ދެން އަންނަ ރިޔާސީ އިންތިހާބު ޕީޕީއެމްއަށް ކާމިޔާބު ކުރެވިގެން އުފައްދާ ސަރުކާރެއްގައި ސަރުކާރުގެ ކުންފުނިތަކާއި މުވައްސަސާތަކުން ވަޒީފާތަކަށް ނަގާނީ ހަމައެކަނި ޕީޕީއެމް މެމްބަރުންނަށް ކަމަށާއި އެހެން ޕާޓީތަކުގެ މީހުނަށް ފުރުސަތެއް ނޯންނާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް ވާދަކުރާ ޕީޕީއެމްގެ ކެންޑިޑޭޓަށް ތާއީދު ހޯދުމުގެ ގޮތުން މިރޭ ބޭއްވި ޕީޕީއެމްގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.

ދެން އަންނަ ޕީޕީއެމްގެ ވެރިކަމެއްގައި ކަންކުރައްވާނެ ގޮތް ކަމަށް ވިދާޅުވެ ރައީސް ޔާމިން ވިދާޅުވީ އެ ޕާޓީގެ ދެން އަންނަ ވެރިކަމެއްގައި މުވައްސަސާތަކާއި ކުންފުނިތަކުން ޕީޕީއެމްގެ "ކުދިންނަށް" ވަޒީފާ ދޭއިރު އެހެން ޕާޓީތަކަށް ޖާގައެއް ނޯންނާނެ ކަމަށެވެ. އަދި ވިދާޅުވީ އޭގެ ތެރެއިންވެސް މިއަދު ޕީޕީއެމްގައި އެއްކޮން މަސައްކަތްކުރާ މީހުނަށް ވަޒީފާ ދިނުމުގައި އިސްކަން ދެއްވާނެ ކަމަށެވެ.

އަންނަ ޕީޕީއެމްގެ ސަރުކާރެއްގައި ރަށްރަށުން ވަޒީފާ އެހެން ޕާޓީގެ މެމްބަރަކަށް ނުދެއްވާނެ ކަމަށެވެ. ރައީސް ޔާމިން ވިދާޅުވީ މިހާރު ވަޒީފާތަކުގައި ތިބި އެ ޕާޓީގެ މެމްބަރުންގެ ތެރެއިން މީހަކު ވަޒީފާ ގެއްލުނު ނަމަވެސް ދެން އަންނަ ޕީޕީއެމްގެ ސަރުކާރެއްގައި އެމީހުންގެ ވަޒީފާ އަލުން އިއާދަކޮށްދޭނެ ކަމަށާއި ނޫން ނަމަ އެއަށްވުރެ ބޮޑު ވަޒީފާއެއް ދޭނެ ކަމަށެވެ.

"ﷲގެ ރަހްމަތްފުޅާއެކު 2023ގައި އަޅުގަނޑުމެންގެ ސަރުކާރެއް، ރައްޔިތުންގެ ކަންކަންތައްތައް ކުރުމަށް ކުރުމަށް ފަހިވެގެން ހިނގައްޖެ ކަމަށްވަންޏާއި ހިންގާ ސަރުކާރުގެ ކުންފުނިތަކުގެ ވަޒީފާތައް ކަމަށްވިއަސް އަދި މުވައްސަސާތަކުގެ ވަޒީފާތައް ކަމަށްވިއަސް، މި ތަންތަނަށް އަޅުގަނޑުމެން ނަގާނީ ޕީޕީއެމްގެ ކުދިން. އެހެން ބަޔަކަށް ޖާގައެއް ނޯންނާނެ. އަދި އޭގެން ޖާގަ ދޭނަން މިހާރު އަޅުގަނޑުމެންނާއެކު މަސައްކަތްކުރާ މީހުނަށް،" ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމިން އެގޮތައް ވައުދުވެ ވަޑައިގަތުމަށްފަހު ވިދާޅުވީ އެގޮތައް ކަންތައް ކުރައްވަން ޖެހެނީ މިހާރުގެ ސަރުކާރުން އަނިޔާވެރިކޮށް ވެރިކަން ކުރައްވާތީ ކަމަށެވެ.

" އެއީ ސިޔާސީ ގޮތުން މިހާ ވާދަވެރިިކޮށް ގޮސްފައިި، މިހާ އަނިޔާވެރިކޮށް ތިބި ބަޔަކު ރައްޔިތުންނާމެދު އަމަލު ކުރަމުންދާއިރު އަޅުގަނޑުމެން އެބަ ޖެހޭ އެބަޔަކު މިނާ ނާޅިއަކުން މިނެލަން،"

ރައީސް ޔާމިން ވިދާޅުވީ ޕީޕީއެމްގެ ސަރުކާރެއްގައި ދެން ވަޒީފާ ދޭނީ ޕީޕީއެމް ކުދިންނަށްކަން ކޮމަންޑޫ ދާއިރާއަށް އެމަނިކުފާނު ދާދިފަހުން ކުރެއްވި ކެމްޕެއިން ދަތުރުފުޅުގައި އެ ދާއިރާގައި ތިބި އެ ޕާޓީގެ މީހުންގެ ގާތު ދަންނަވާފައިވާނެ ކަމަށެވެ.

ހަމައެހެންމެ ޕީޕީއެމްއާއެކު މަސައްކަތްކުރުމުގެ ތެރޭގައި ވަޒީފާ ގެއްލޭ މީހަކަށް ޕީޕީއެމްގެ ސަރުކާރެއް އައުމަށްފަހު އަނބުރާ އެ ވަޒިފާ ނުވަތަ އެއަށްވުރެ ބޮޑު މަގާމެއް ދޭނެ ކަމަށް ކޮމަންޑޫ ދާއިރާގެ ރައްޔިތުނަށް ވައުދުވެވަޑައިގެންފައިވާނެ ކަމަށް ރައީސް ޔާމިން މި ބައްދަލުވުގައި ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ޔާމިން ވަނީ އެމްޑީޕީގެ ކެންޑިޑޭޓަށް ތާއީދު ހޯދުމުގެ ޖަލްސާގައި ގާސިމް އިބްރާހިމް ފޯކައިދޫގައި ދެއްކެވި ވާހަކައަށް ފާޑު ވިދާޅުވެފަ އެވެ. އާސަންދަ ލިބޭނީ ވަކި ފިކުރެއްގެ ބަޔަކަށް ކަމަށް ގާސިމް ވިދާޅުވި ކަމަށް ފާހަގަ ކުރައްވަމުން ރައީސް ޔާމިން ވިދާޅުވީ އެ ހިދުމަތް ކޮންމެ ރައްޔިތަކަށް ލިބެންވާނެ ކަމަށެވެ.

"އާސަންދަ ހިދުމަތް މަރޮށީގައި ހުންނަ ޕީޕީއެމް މީހާއަށްވެސް ލިބެންވާނެ. ފޯކައިދޫގައި ހުންނަ އަދާލަތު މީހާއަށްވެސް ލިބެންވާނެ. ކޮމަންޑޫގައި ޕާޓީއަކަށް ނުވަދެ ހުންނަ މީހާއަށްވެސް އާސަންދައިގެ ހިދުމަތް ލިބެންވާނެ." ޔާމީން ވިދާޅުވި އެވެ.

މި ބައްދަލުވުމުގައި ރައީސް ޔާމިން ވަނީ މިހާރު ހިނގަމުންދާ މަޖިލިސް އިންތިހާބުގެ ގިނަ ގޮނޑިތަކެއް ޕީޕީއެމްއަށް ކާމިޔާބު ނުވި ސަބަބާ ގުޅޭ ގޮތުންވެސް ވާހަކަފުޅު ދައްކަވާފަ އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުން 2019 ވަނަ އަހަރު ބޭއްވި މަޖިލިސް އިންތިހާބުގައި ޕީޕީއެމްއަށް ގިނަ ގޮނޑިތަކެއް ކާމިޔާބު ނުކުރެވުނީ ޖުމްހޫރީ ޕާޓީއާއެކު ވި އެއްބަސްވުމެއްގެ ދަށުން ބައެއް ދާއިރާތައް އެ ޕާޓީއަށް ދޫކޮށްލުމުގެ ސަބަބުންނެވެ. އެހެންވެ ދެން ދުވަހަކުވެސް މަޖިލިސް އިންތިހާބެއްގައި ޕީޕީއެމް އިން އެހެން ޕާޓީއަކާ ކޯލިޝަން ނުހަދާނެ ކަމަށްވެސް އެމަނިކުފާނު މިރޭ ވިދާޅުވި އެވެ.

" އަޅުގަނޑުމެން ސިޔާސީ މީހުން އެގޮތައް ދޫކުރިއަށް ރައްޔިތުންގެ ވިސްނުން މާ ތަނަވަސް. ރައްޔިތުންނަށް ވިސްނުނު. ވޯޓުލާން ދާއިރާތަކުގައި ތިބި ރައްޔިތުންނަށް ވިސްނުނު އަޅުގަނޑުމެން މަޖުބޫރީ ހާލަތުގައި ތިބެގެންކަން ޖުމްހޫރީ ޕާޓީއަށް އެތައް ގޮނޑިތަކެއް އަޅުގަނޑުމެން ދޫކޮށްލީ. ޖުމްހޫރީ ޕާޓީއަށް ގޮނޑިތަކެއް ދޫކޮށްލި ނަމަވެސް ރައްޔިތުން ނިންނީ ޕީޕީއެމް އިން އަދި ބުނި ނަމަވެސް ތިމަންނަމެންގެ ވޯޓު ޖުމްހޫރީ ޕާޓީގެ މެންބަރުންނަކަށް ނުދޭނަމޭ. އެ ނުދިން ނުދިނުމުގެ ނަތީޖާއަކަށްވީ އެމްޑީޕީއަށް އެހާ ބޮޑު މެޖޯރިޓީއެއް ލިބިގެން ދިއުން،" ޔާމީން ވިދާޅުވި އެވެ.

މިދިޔަ މަޖިލިސް އިންތިހާބުގައި ޕީޕީއެމްއަށް ގެއްލުންވީ ހިޔާނާތްތެރިންނާއި ހީލަތްތެރިންނާ ޖެހުނީމަ ކަމަށްވެސް ވިދާޅުވި އެވެ.

"މިހާރު އަޅުގަނޑުމެންގެ ތެރޭގައި ނިންމައިފިން ޕީޕީއެމްގެ ލީޑަރުކަމުގައި ހުރެގެން އަޅުގަނޑުގެ ބަސް ހިނގާ ކަމަށްވަންޏާއި އަޅުގަނޑުމެން ކޯލިޝަން ހަދަން ޖެހިގެން ކޯލިޝަން ހެދި ނަމަވެސް ރައްޔިތުންގެ މަޖިލިސް އެއްވެސް ދާއިރާއެއް ދެން އަޅުގަނޑުމެނެއް ދުލެއް ނުކުރާނަން. އެއީ ސަތޭކައިން ސަތޭކަ ޕީޕީއެމްގެ މެމްބަރުން ތިބެން ޖެހޭ ދާއިރާތަކެއް ކަމަށް އަޅުގަނޑުމެން ނިންމާނީ،" ރައީސް ޔާމިން ވިދާޅުވި އެވެ.