Last Updated: April 20, 10:15
Saturday, April 20, 2024
ޚަބަރު އެމްޑީޕީ

"އިންޑިއާ އައުޓް" ހުއްޓުވުމަށް އަމާޒުކޮށް، ޖަލު އަދަބު ދެވޭނެ ޤާނޫނެއް ހަދަނީ

ފޮޓޯ: މިހާރު / ނިޝާން އަލީ

ހާރިޖީ ގުޅުންތަކަށް ބުރޫއަރާ ގޮތަށް އަމަލުކޮށް، ވާހަކަދައްކާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅޭނެ ބިލެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފިއެވެ.

މިފަދަ ބިލެއް ޑްރާފްޓްކޮށް އެކަމާގުޅޭ މަޝްވަރާތައް ހިންގަމުން އަންނަކަން އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވަނީ "އައްޑޫލައިވް" އަށް ކަށަވަރު ކޮށްދީފައެވެ.

'ދިވެހިރާއްޖެއިން ބޭރު ޤައުމުތަކާއެކު ޤާއިމުކޮށްފައިވާ ޚާރިޖީ ގުޅުންތަކަށް ނޭދެވޭ އަސަރުކުރާނެ ފަދަ ޢަމަލުތައް ހުއްޓުވުމުގެ ބިލު'ގެ ނަމުގައި ޑްރާފްޓް ކޮށްފައި އޮތް ބިލުގައި އަދި އޮތީ ނުވަ މާއްދާއެވެ.

އެ ބިލުގެ ޑްރާފްޓުގައި ބިލުގެ މަޤްސަދުގެ ގޮތުގައި ބުނެފައިވަނީ، ދިވެހިރާއްޖެއިން ބޭރު ޤައުމުތަކާއެކު ޤައުމުތަކާއެކު ޤާއިމުކޮށްފައިވާ ޚާރިޖީ ގުޅުންތަކަށާއި އަދި އެކި ޤައުމުތަކާ ދެމެދު އޮންނަ ގުޅުންތަކަށް ނޭދެވޭ އަސަރުކުރާނެ ފަދަ ޢަމަލުތައްކުރުން ހުއްޓުވުމާއި، އެފަދަ ޢަމަލުތަކުގެ ސަބަބުން ދިވެހިރާއްޖެއަށް ލިބިދާނެ ގެއްލުމަކުން ދިވެހިރާއްޖެ ސަލާމަތްކުރުމާއި، ބޭރު ޤައުމުތަކުގެ ޢިއްޒަތާއި ޤަދަރަށް ބުރޫއަރާފާނެ ޢަމަލުތައްކުރުން ހުއްޓުވުން، އަދި ބޭރު ޤައުމުތަކާ ދެކޮޅަށް ހަރަކާތްތައް ހިންގާ ނުވަތަ އެ ހަރަކާތްތަކުގައި ބައިވެރިވާ ފަރާތްތަކާމެދު އަޅާނެ ޤާނޫނީ ފިޔަވަޅުތައް ކަނޑައެޅުން ކަމަށެވެ.

މި ޑްރާފްޓް ބިލުގައި ނޭދެވޭ އަސަރުކުރާނެ ފަދަ ކަންކަމުގެ ތެރޭގައި، ރާއްޖެއާއި އެެހެން ގައުމަކާ ދެމެދު ޤާނޫނީް ނުވަތަ ބައިނަލްއަޤްވާމީ ހަމަތަކާ އެއްގޮތަށް ނުވަތަ އެއްބަސްވުމަކާ އެއްގޮތަށް ނުވަތަ ދެ ގައުމުން ބަލައިގަނެފައިވާ އުސޫލުތަކާ އެއްގޮތަށް އޮތް ކަމެއްގައި، ދިވެހި ރައްޔިތުންގެ ނަމުގައި ނުވަތަ ދިވެހިރާއްޖެ ރަމްޒުވާގޮތަށް، ވަކި ބަޔަކު ނުވަތަ ސިޔާސީ ޕާޓީއަކުން ނުވަތަ ޖަމާއަތަކުން އެ ގައުމަކާ ނުވަތަ އެ ގައުމެއްގެ ސަރުކާރާ ނުވަތަ އެ ގައުމެއްގެ ވަކި މުއައްސަސާއަކާ ދެކޮޅަށް މުޒާހަރާކުރުމާއި ކެމްޕޭން ކުރުމާއި ސިޔާސީ ނުވަތަ އެނޫންވެސް ހަރަކާތްތައް ހިންގުން ހިމަނާފައިވެއެވެ.

މީގެއިތުރުން ބޭރުގައުމުތަކުގެ އިއްޒަތާއި ގަދަރަށް ބުރޫއަރާފާނެ އަމަލެއްގެ ގޮތުގައި، ގައުމެއްގެ އަޅުވެރިކަމުގެ ދަށުގައި ނުވަތަ މިލިޓަރީ ނުވަތަ ސިޔާސީ ނުވަތަ އިޤްތިސާދީ ބާރުވެރިކަމުގެ ދަށުގައި ދިވެހިރާއްޖޭގެ ސިޔާދަތާއި އިސްތިގްލާލުވާކަން ދެއްކުމުގެ ގޮތުން އެ ގައުމަކާ ނުވަތަ އެ ގައުމެއްގެ ސަރުކާރާ ނުވަތަ އެ ގައުމެއްގެ ވަކި މުއައްސަސާއަކާ ދެކޮޅަށް މުޒާހަރާކުރުމާއި، ކެމްޕޭންކުރުމާއި ސިޔާސީ ނުވަތަ އެނޫންވެސް ހަރަކާތް ހިންގުން ހިމެނެއެވެ.

އެމްޑީޕީގެ މެމްބަރުންގެ މެދުގައި މަޝްވަރާ ކުރެވޭ ޑްރާފްޓް ބިލުގައި ފާހަގަކޮށްފައިވާފަދަ ކުށެއް ކޮށްފިނަމަ، އެ އަމަލެއްގެ ކުޑަބޮޑު މިނަށްބަލައި، ގިނަވެގެން 20،000 ރުފިޔާއިން ޖުރިމަނާކުރުން ނުވަތަ އެއް އަހަރަށްވުރެއް ދިގުނޫން މުއްދަތަކަށް ގޭބަންދުކުރުން ނުވަތަ ހަ މަސްދުވަހަށްވުރެއް ދިގު ނޫން މުއްދަތަކަށް ޖަލަށްލުން ހިމަނާފައިވެއެވެ.

އެމްޑީޕީގެ ބައެއް މެމްބަރުންގެ މެދުގައި މި ބިލާމެދު މަޝްވަރާ ކުރެވޭއިރު، މި ޑްރާފްޓް ބިލަށް އިތުރު ބަދަލުތައް އައުމަކީ އެކަށީގެންވާ ކަމެކެވެ.

އިދިކޮޅުން ކުރިއަށްގެންދާ "އިންޑިއާ އައުޓް" ކެމްޕޭން ރާއްޖޭގެ އެކި ރަށްރަށުގައި ކުރިއަށް ގެންދަމުން އަންނައިރު، ޕީޕީއެމާ އިދިކޮޅު ފިކުރުގެ ސިޔާސީ ފަރާތްތަކުން ދެކޭގޮތުގައި އެ ހަރަކާތަކީ ރައީސް ޔާމީންގެ މައްޗަށް ތުހުމަތުކުރެވޭ އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލަތަކުގެ ފޯކަސް ގެއްލުވާލުމަށް ކުރިއަށްގެންދާ ހަރަކާތެކެވެ.